ލޯމަރާލައިގެން އިނދެ އަޑުއަހައިލާށެވެ. އިހުސާސް ކޮށްލާށެވެ. މަޑުމައިތިރިކަމެވެ. ޝަބުނަމުން ދޫލަ ފެތުރިފައިވާ ބިމެއްގައި ލޯބީގެ އިހުސާސްތައް ފިލައިގެން ނުދާނޭހެން ޝަބުނަމްގެ ނަންދީފައި މަލަށް، އަހަރެންގެ ހިތުގައި ރަނިކަން ކުރަން ދިނީމޭ ބުނެލާ އަޑު އިވިގެންދަނީ ހިތްގައިމު ރާގެއްގައެވެ. ހިތްގައިމު މިއުޒިކަކާ އެކުގައެވެ.
މި ދައްކަނީ، ‘ފޯކްލޭންޑް’ގެ ނަމުގައި ބްރޭންޑްކޮށްގެން މިއުޒިކީ މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނުންކޮޅެއްގެ ހިތްގައިމު އުފެއްދުމެއްގެ ވާހަކައެވެ. ފެބްރުއަރީ 14 ވަނަ ދުވަހު، ލޯބިވެރިންނަށް އަދި ނިކަން ލޯބިން އުޅޭ ފަރާތްތަކަށް ‘ފޯކްލޭންޑް ސައުންޑްކްލައުޑް‘ މެދުވެރިކޮށް ދޫކޮށްލާފައިވާ ހިތްގައިމު ލަވަ “ޝަބުނަމް” އަކީ ދިވެހި އަމިއްލަ ރާގެއްގެ ލަވައެކެވެ. ނަމަވެސް މި ލަވައަށް މިއުޒިކު އުފައްދާފައިވަނީ ނައިޖީރީއާގެ މިއުޒިކް ސްޓޫޑިއޯއަކުންނެވެ.
“ޝަބުނަމް” ކިޔާފައިވަނީ ނަސްރުﷲ އާދަމެވެ. މިއުޒިކް ހެދީ ނައިޖީރިއާގެ ‘ފްރެގްރޭންސް ސްޓޫޑިއޯސް’ އިންނެވެ. މި ހިތްފަސޭހަ ރާގު ހެދީ ޒުހޫރު އިބްރާހީމެވެ. ލަވައިގެ ޅެންހެދީ ޢަލީ ސަޢީދު (ސައިއްޓޭ) އަދި މުޙައްމަދު ނަދީމެވެ. ސައިއްޓެ ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ ރެކޯޑިންގ އަދި މާސްޓަރިން ހެދީ ފަރޭ އެވެ.
‘ފޯކްލޭންޑް ޔޫޓިއުބް ޗެނަލް’ގެ ވާހަކަވެސް މި ހުރިހައި ވާހަކައެއް ދެއްކިއިރު ދައްކައިލަން ޖެހެއެވެ. މިއީ ލިރިކަލް ވީޑިއޯއަށް ޚާއްޞަކޮށްގެން މިވަގުތު 11 ލަވަ ހިމަނާފައިވާ ޔޫޓިއުބް ޗެނަލެކެވެ. މި ހުރިހައި މަސައްކަތެއް ގެނެސްދިނުމުގެ ފަހަތުގައި ހުރި ސައިއްޓެ ބުނާ ގޮތުން ކުރިއަށް އޮތްތަނުގައި މި ޗެނަލުން ހިތްގައިމު ލަވަތަކެއް ފެނިގެންދާނެއެވެ. ހަމަ އެހެންމެ ސައުންޑްކްލައުޑް މެދުވެރިކޮށްވެސް ހިތްގައިމު ލަވަތަކެއް ނެރޭނެއެވެ. މިހާރުވެސް ‘ފޯކްލޭންޑް ސައުންޑްކްލައުޑް‘ގައި ގިނަ ލަވަތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެއްމެ ފަހުން ރިލީޒްކޮށްފައިވަނީ ނަސްރުގެ ހިތްގައިމު “ޝަބުނަމް” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ މެސެޖެއް ދިވެހީންނަށް!
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ