އަބަދުވެސް ކޮންމެވެސް މީހަކާ ޖައްސާލައިގެން އުޅޭ މީހެއްގެ ގޮތުގައި ލޭބަލް ވެފައިވާ ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތުގެ ޝިކާރައަކަށް އަނެއްކާވެސް އާލިއާ ބަޓް ވެއްޖެއެވެ.

މިފަހަރު ކަންގަނާގެ ޝިކާރައަކަށް އާލިއާ ވެފައިވަނީ މިމަހު 25 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ “ގަންގޫބާއީ ކަތިއާވާޅީ” އާއި ގުޅުވައިގެން ދެއްކި ވާހަކައެއްގައެވެ.

ސަންޖޭގެ ފިލްމުގައި “ގަންގޫބާއީ” ގެ ރޯލުން އާލިއާ ފެނިގެންދާއިރު، ބައެއް މީހުން ބުނާގޮތުގައި އެ ރޯލަށް އާލިއާ މާބޮޑަށްވެސް ހަގު ކަމަށާއި އެ ރޯލަށް ކަންގަނާ ނުވަތަ ވިދްޔާ ބާލަން ފަދަ ތަރިއަކު މާ ރަނގަޅުވާނެ ކަމަށެވެ. އަނެއްބަޔަކު ބުނާގޮތުގައި އާލިއާ އުމުރުން ހަގު ނަމަވެސް އޭނާ ދައްކަމުން އަންނަ މޮޅު އެކްޓިންގެ ސަބަބުން އެ ރޯލަށް އޭނާ ވަރަށް ފިޓެވެ.

ފިލްމުގެ ނަން ހާމަނުކޮށް ކަންގަނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް އަނދާ އަޅިއަށް ވާނެއެވެ. ފިލްމުގެ ނަން ނުބުނި ނަމަވެސް އަންނަ ހުކުރު ދުވަހު ބޮލީވުޑުން ރިލީޒްކުރާ ފިލްމަކީ “ގަންގޫބާއީ ކަތިއާވާޅީ” އަށް ވުމުން އޭނާ ފްލޮޕް ވާނެކަމަށް އެބުނާ ފިލްމަކީ އެއީކަން އެނގެއެވެ.

އެ ޕޯސްޓުގައި ކަރަން ޖޯހަރަކީ މޫވީ މާފިއާ ކަމަށް ކަންގަނާ ބުނެފައިވާއިރު، “މޫވީ މާފިއާގެ ޕަރީ” އޭ ބުނުމުން އޭނާ އެ އިޝާރާތްކުރީ އާލިއާއަށް ކަން ސާފުވެއެވެ. ކަރަންއަކީ އާލިއާގެ ދެވަނަ ބައްޕަ ކަމަށް އާލިއާ ދެކޭއިރު، އާލިއާއަކީ ކަރަން ބޮލީވުޑަށް ނެރެދިން ބަތަލާއެކެވެ.

ކަންގަނާ އިތުރަށް ބުނެފައިވާ ގޮތުގައި ކަރަން ހީކުރީ އާލިއާއަށް އެކްޓްކުރެވޭނެ ކަމަށް ކަމަށާއި އެ ފިލްމު ނާކާމިޔާބު ވާނީ ނުބައި ކާސްޓެއް އޮތުމުންނެވެ. އަދި އިންޑިއާގައި ސައުތު ފިލްމުތަކާއި ހޮލީވުޑް ފިލްމުތައް ބެލުން އިތުރުވެފައިވަނީ “މޫވީ މާފިއާ” ގެ އަތުގައި ބާރުތައް އޮތުމުން ކަމަށްވެސް ކަންގަނާ ބުނެފައިވެއެވެ.

“ފެޝަން”، “ތަންނޫ ވެޑްސް މަންނޫ” އަދި “ކުއީން” ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަންގަނާ މިހެން ބުނިކަމުގައި ވީނަމަވެސް ސަންޖޭ ލީލާ ބަންސާލީގެ 3 ފިލްމު ފިޔަވައި ހުރިހާ ފިލްމަކީވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެވެ. އޭގެ ތެރޭގައި “ހަމް ދިލް ދޭ ޗުކޭ ސަނަމް”، “ދޭވްދާސް”، “ރާމް ލީލާ” އަދި “ޕަދުމާވަތު” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.