އާލިއާ ބަޓް އިސް-ބަޠަލާގެ ބައި ކުޅެފައިވާ “ގަންގޫބާއީ ކަތިއާވާޅީ” ސިނަމާތަކުގައި އެޅުވީ މިމަހުގެ 25 ވީ ހުކުރު ދުވަހު އެވެ. މިއީ ސަންޖޭ ލީލާ ބަންސާލީ އާއެކު އޭނާ ކުރި ފުރަތަމަ މަސައްކަތެވެ. ލަސްތަކެއް ވުމަށްފަހު ރިލީޒްކުރެވުނު މި ފިލްމަށް އިންޑިއާގެ ފިލްމުބަލާ އޯޑިއަންސުން އަންނަނީ ހީވެސްނުކުރާހާ ބޮޑަށް ތަޢުރީފުކުރަން ފަށާފައެވެ. ފިލްމީ ސިނާޢަތުގެ ވަރުގަދަ ސަޚްސިއްޔަތުތައް ވެސް މި ފިލްމަށް ތަޢުރީފުކުރަމުން އަންނައިރު، އޭގެ ތެރެއިން އެއް ފަރާތަކީ އާލިއާ ބަޓް ނުހަނު އިހްތިރާމުކުރާ ކަރަން ޖޯހަރެވެ.

އާލިއާ ބަޓް، ގަންގޫބާއީގެ ގޮތުގައި ފެނިގެންދާ ފޮޓޯއެއް ކަރަންގެ މީސްމީޑިއާގައި ހިއްސާކޮށްލީ ވަރުގަދަ ލިޔުމަކާ އެކީގައެވެ. ޖުމްލަގޮތެއްގައި ކަރަން ބުނެފައިވަނީ އާލިއާއަކީ މީހުންގެ ނޭވާ އުފުރާލާ ފަދަ މޮޅު އަދި އާދަޔާޚިލާފު ބަޠަލާއެއް ކަމަށާ އޭނާ އަކީ މިހައިތަނަށް ފެނުނު އެއްމެ މޮޅު އެކްޓްރެސް ކަމަށެވެ. ކަރަންގެ ކޮމެންޓް ނިންމައިލަމުން ބުނެފައިވަނީ މިއީ އޭނާ އެއްވެސް ކޮޅަކަށް ބުރަނުވެ ހުރެ ހިތުގެ އަޑިން ބުނެފައިވާ ބަސްކޮޅެއް ކަމަށާ ބަންސާލީ އަކީ ޖާދޫގަރެއް ކަމަށާ ބަންސާލީގެ ފިލްމީ ޓްރިކްތައް އޭގެ އެއްމެ ފުރިހަމަގޮތުގައި އާލިއާ ދައްކާލާފައިވާ ކަަމަށެވެ.

މީގެ އިތުރުން ޓްވިޓަރ މެދުވެރިކޮށްވެސް ކަރަން ޖޯހަރް ވަނީ ބަންސާލީގެ ހުނަރުވެރިކަމަށް އިންތިހާއަށް ތަޢުރީފުކޮށް ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓް ނިންމައިލަމުން ކަރަން ބުނީ “ގަންގޫބައީ ކަތިއާވާޅީ” ހިޓަކަށް ވެގެންދާނެ ކަމަށެވެ.

ފިލްމު “ރާޒީ (2018)”ގެ ބަޠަލާ އާލިއާ ބަޓް އަދި ކަރަން ޖޯހަރަކީ ރަނގަޅު، ބަދަހި ގުޅުމެއް އުފެދިފައިވާ ދެ އާޓިސްޓުންނެވެ. އާލިއާ އެކްޓިންއަށް ނުކުތީ ކަރަން ޖޯހަރްގެ ފިލްމު “ސްޓޫޑެންޓް އޮފް ދި ޔަރ (2012)” އިންނެވެ. އާލިއާ ދެކެނީ ކަރަން ޖޯހަރަކީ އާލިއާގެ އެދުރުބެ ކަމަށެވެ.

އާލިއާގެ ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު، މިވަގުތު އޭނާ ޝޫޓްކުރަމުން ދަނީ ކަރަން ޖޯހަރްގެ ފިލްމު “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އެވެ. އެ ފިލްމުގެ އިސް ފިރިހެން ބަޠަލުގެ ރޯލު ކުޅެނީ ރަންވީރް ސިންހް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.