ހުނަރުވެރި ވާހަކަ ލިޔުންތެރިން އަދި ވާހަކަ ކިޔުންތެރިން އުފެއްދުމުގެ މަގުސަދުގައި މި އަހަރުގެ ރަމަޟާން މަހު މުނިއަވަސް އިން ބާއްވާ ކުރުވާހަކަ ލިޔުން އަދި ކުރުވާހަކަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 އޭޕްރީލް 2022 ވަނަ ދުވަހުގެ ރޭ 00:00ގެ ކުރިން އެބޭފުޅެއް ލިޔުއްވާ ނުވަތަ ކިޔުއްވާ ވާހަކަ “މުނިއަވަސް” އަށް ފޮނުއްވަން ވާނެއެވެ. ބައިވެރިން ލިޔުމުން ފޮނުއްވާ ވާހަކަތަށް މުނިއަވަސް އޮންލައިންގައި ޝާއިޢުކުރެވޭނެ އެވެ. ކިޔުމުން ފޮނުއްވާ އޯޑިއޯ ވާހަކަތައް މުނިއަވަސް ކްލަބް ހައުސް މެދުވެރިކޮށް، އެކަމަށް ކަނޑައަޅާ ޚާއްޞަ ޕްރޮގްރާމެއްގައި ގެނެސްދެވޭނެ އެވެ.

މިއީ މުނިއަވަސް އިން އިންތިޒާމުކޮށްގެން ރަމަޟާން މަހު ބާއްވާ ކުރުވާހަކަ ލިޔުމުގެ ދެވަނަ މުބާރާތެވެ. އަދި ކުރުވާހަކަ ކިޔުމުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ބައިވެރިއަކަށް ވެސް ހުށައެޅުއްވޭނީ އެއްމެ ވާހަކައެކެވެ. މުބާރާތުގައި ބައިވެރިވެލައްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް ފޮނުއްވަންވާނެ އެވެ.

މުބާރާތުގައި ވަނަ ހޮވުމުގައި މާރކްސް ދިނުމަށް މުނިއަވަސްގެ ފޭސްބުކް ޕޭޖްގައި ޕަބްލިޝްކުރާ އެބޭފުޅެއްގެ ވާހަކައިގެ ލިންކަށް ލިބޭ ޝެއަރ އިން 30% އަދި މުނިއަވަސްގެ ތަޖުރިބާކާރު ވާހަކަލިޔުންތެރިން ދޭ 70% މާކްސް ހިމެނޭނެއެވެ. ޝެއަރ އިން ނަގާ 30% ނެގުމުމުގައި ބެލެވިގެން ދާނީ ފޭސްބްކް ޕޭޖްގައި އާއްމުކުރާ ވާހަކައިގެ ލިންކަށް 24 ގަޑިއިރު ތެރޭގައި ލިބޭ ޝެއަރސް އަށެވެ. އޭގެ ފަހުން ލިބޭ ޝެއަރ މާކްސް ދިނިމުގައި ނުގުނޭނެއެވެ.

މި މުބާރާތުގައި މުބާރާތުގެ ބައިވެރިން ލިޔުއްވާ ނުވަތަ ކިޔުއްވާ ވާހަކައަކީ މުޖުތަމައުގެ އާންމު އަޚުލާގީ މިންގަނޑު ތަކަށް ފެތޭ ވާހަކަ އަކަށް ވާންވާނެއެވެ. މުބާރާތަށް ހުށަހެޅޭ ކުރު ވާހަކަތަކުގައި 1000 ލަފުޒާއި 1600 ލަފުޒާއި ދެމެދުގެ ދިގުމިނުގެ ވާހަކައަކަށް ވާން ވާނެއެވެ.

މި މުބާރާތުގައި ހުށަހަޅާ ވާހަކަ އަކީ، މީގެ ކުރިން އެއްވެސް ތަނެއްގައި ޝާއިޢު ކޮށްފައި ނުވާ އަދި އެހެން މުބާރާތަކަށް ހުށަހަޅައިފައިނުވާ ވާހަކައަކަށް، ނުވަތަ އެއްވެސް މީޑިއަމްއެއްގައި ގެނެސްދީފައި ނުވާ އޯޑިއޯ އަކަށް ވާންޖެހޭނެއެވެ. އޯޑިއޯ ވާހަކަ ހުށައަޅުއްވާއިރު، ވާހަކައިގެ ޑައިލޮގުތައް ތަފާތު އަޑުތަކުން ގެނެސްދެއްވުމުން ވާހަކައަށް ފުރިހަމަކަން ލިބި މާކްސް ލިބުމުގައި އިތުރު ބާރަކަށް ވެގެންދާނެއެވެ. އެގޮތުން އަޑު އަޅުއްވާއިރު، ކިޔުއްވާ ފަރާތުގެ އަޑުގެ އިތުރުން އެހެން ބޭފުޅުންގެ އަޑުތައްވެސް ބޭނުންކުރެއްވޭނެ އެވެ.

މުބާރާތުގައި ބައިވެރި ކޮށްފައިވާ ވާހަކަ އަކީ ކުރިން އެހެން ތަނެއްގައި ޝާއިޢު ކޮށްފައިވާ ނުވަތަ އެހެން މީހެއް ލިޔެފައިވާ ވާހަކައެއްކަމަށް ސާބިތުވެއްޖެނަމަ، އެ ވާހަކައެއް މުބާރާތުން ޑިސްކޮލިފައި ކުރެވޭވެއެވެ.

މުބާރާތަށް ވާހަކަ ހުށައަޅުއްވާއިރު ސަމާލުކަން ދެއްވަން ޖެހޭ މުހިންމު ނުކުތާތައް:-

– އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާފަދަ ވާހަކައަކަށް ނުވުން
– އަދަބާ ޚިލާފުވާ ފަދަ ވާހަކަ އަކަށް ނުވުން
– އެއްވެސް މީހެއްގެ އަބުރާބެހޭ ވާހަކަ އަކަށް ނުވުން
– ޒާތީގޮތުން މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނޭ ފަދަ ވާހަކަ އަކަށް ނުވުން
– މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާއި ހަމަތަކާ ޚިލާފުވާފަދަ ވާހަކަ އަކަށް ނުވުން
– މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނޭ ފަދަ ވާހަކަ އަކަށް ނުވުން

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަން ކުރިއެރުވުމާއި ފެންވަރު ރަނގަޅު ލިޔުންތެރިންނާއި ވާހަކަ ކިޔުންތެރިން އުފެއްދުމާއި މުނިއަވަސްފިލުވުމަށް ފުރުޞަތުތަކެއް ފަހިކޮށްދިނުންކަމަށް މުނިއަވަސްގެ އެޑިޓޯރިއަލް އިން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަަކުން އެބޭފުޅަކު ލިޔުއްވާ ވާހަކަ ނުވަތަ ކިޔުއްވާ މުނިއަވަސްގެ ވައިބަރ ނަންބަރު 7419078 އަށް ވައިބަރ ކުރައްވާށެވެ. ވައިބަރ ކުރައްވާއިރު އައިޑީކާޑްގެ ފޮޓޯއެއްވެސް ހިމަނަން ވާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7419078 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.