ދިވެހިބަހުން ނެރެވޭ ފޮތްތަކުގެ ތެރެއިން ޤައުމީ ކުތުބުޚާނާއަށް ދޭންޖެހޭ ދެކޮޕީ ދިނުމުގައި މިހާރަށްވުރެ ސަމާލުވެ އެކަން އެގޮތައް ކުރެއްވުމަށް ޤައުމީ ކުތުބުޚާނާއިން ގޮވާލައިފިއެވެ.

ބައިނަލްއަޤްވާމީ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިއްޒުއްދީން ސުކޫލުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ޤައުމީ ކުތުބުޚާނާއާ ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހްސިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޅެންވެރިންވެސް އަދި ލިޔުންތެރިންވެސް އެ މީހުންގެ އެންމެ ބޮޑު އެދުމަކަށްވާނީ އެތަކެތި ގިނަބަޔަކަށް ވާސިލުވުން ކަމަށާއި ވީހާވެސް ގިނަބަޔަކަށް ފެންނާނޭގޮތްވުން ކަމަށެވެ. އެކަމަށްޓަކައި ރާއްޖޭގައި ޤާއިމް ކުރެވިފައިވާ އެއް ވަސީލަތަކީ ޤައުމީ ކުތުބުޚާނާކަން ފާހަގަކުރައްވަމުން، ޝާއިއު ކުރެވޭ ޅެން ފޮތްތަކާއި ލިޔުންތެރިންގެ ފޮތްތައް ޤައުމީ ކުތުބުޚާނާއަށް ލިބުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި މުހްސިން ވިދާޅުވިއެވެ.

މުހްސިން ވިދާޅުވީ، ޚާއްޞަކޮށް ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު (ޤާނޫން ނަމްބަރު 1/2006)ގެ ދަށުން، ރާއްޖޭގައި ޝާއިއުކޮށް ނެރޭ ތަކެއްޗާއި ދިވެހިރާއްޖޭން ބޭރުގައި ދިވެހިން ޝާއިއުކުރާ ތަކެތީގެ ދެ ކޮޕީ ޤައުމީ ކުތުބުޚާނާއަށް ހަދިޔާކުރުމަށް އެޤާނޫނު ލާޒިމް ކުރާ ކަމަށާއި އެޤާނޫނު ހެދިއިރުގައި އެ ޤާނޫގައި އެކަން އެގޮތަށް ހިމަނާފައިވުމުގެ ބޭނުމަކީ އެތަކެތި އަންނާން އޮތް ޖީލުތަކަށް ވާސިލުވާނޭހެން ރައްކާތެރިކުރުމާއި ގިނަބަޔަކަށް އެތަކެތި ކިޔައި ހެދޭނޭ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް އެކަމަށް ސަމާލުވެލައްވައި އެކަން އެގޮތައް ކުރެއްވުމަށް އެންމެހާ ލިޔުންތެރިންގެ އަރިހުން އެދޭކަމަށް މުހްސިންގެ ވާހަކަފުޅުގައި އެދިލެއްވިއެވެ.

މީގެ އިތުރުން ޤައުމީ ކުތުބުޚާނާއަކީ މަދްރަސާތަކުގައި ކިޔަވާ ދަރިވަރުންނާއި މަތީ ތައުލީމް ހާސިލް ކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުން ހިފަމުން އަންނަ ތަނެއްކަން ފާހަގަކުރައްވަމުން މުހްސިން ވިދާޅުވީ ދުވަސްވީ ގިނަ މައުލޫމާތު ހިމެނޭ ފޮތްތަކާއި ކުރީގެ ނޫސް މަޖައްލާތައް ދިރާސާތަކަށް ލިބެންހުންނަ އެއްތަނަކީ ޤައުމީ ކުތުބުޚާނާ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ޤައުމީކުތުބުޚާނާގެ ބޭނުން ހިފޭނޭމަގު ކުރިއަށްވުރެ ބޮޑަށް ފަހިކޮށްދިނުމަށްޓަކައި ޤައުމީ ކުތުބުޚާނާ ސުމޭކް ނުވަތަ ޑިޖިޓައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މުހްސިން ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ އެކަމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެހީދޭ ފަރާތްތަކުން އެކަމަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދޭކަމަށާއި އަދި މިހާރުވެސް އެފަދަ އެހީތެރިކަން ވެދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.