ބްރޭންޑް ނަމެއްގެ ދަށުން އުފެއްދުންތެރި ލިރިކްސްތަކެއް އަދި އަމިއްލަ ލިރިކްސްގެ ކަރޯގެ ޗެނަލެއް ހިންގަމުން އަންނަ ’ރިޓްޒް ލިރިކްސްް‘ އިން “ވިންދު“ގެ ނަމުގައި ހިތްގައިމު އޯޑިއޯ އަދި ވީޑިއޯ ލަވައެއް ނެރެން ތައްޔާރުވެއްޖެ އެވެ. މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ’ރިޓްޒް ލިރިކްސްް‘ގެ އަހަރީ ދުވަހާއި ދިމާކޮށް މިމަހު 20ވަނަ ދުވަހުގެ ރޭ މުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ޚާއްޞަ ޝޯއެއްގަ އެވެ.

ވިންދު“ގެެ އަޑުގެވެރިންނަކީ ޓީވީއެމުން ގެނެސްދޭން ފެށި ސްކޫލް ކުދިންގެ ލަވަ މުބާރާތުން ލަވަކިޔުމުގެ ދާއިރާއަށް ނުކުމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައި ލަވަކިޔުންތެރިޔާ ޢާއިޝަތު މާއިން ރަޝީދު އަދި މުޙައްމަދު މައިސާން (ބޮކިޓޯސް) އެވެ.

ރިޓްޒް ލިރިކްސްް’ގެ ފައުންޑަރ އަދި ލަވައިގެ ޅެން ލިޔުމުގައި ފިޔަޖަހަމުން އަންނަ އާމިނަތު ރިޒްނީ (ރިޒް)ގެ ލިރިކްސްއަށް ހަދާފައިވާ “ވިންދު“ގެެ ރެކޯޑިންގ އަދި މިކްސިން ހެދީ ޙުސައިން ތަޢުފީޤް އެވެ.

ވިންދު“ގެެ ވީޑިއޯ ނެރުމަށް ހަމަޖެހިފައިވާއިރު، ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ މާއިން އަދި ބޮކިޓޯސް އެވެ. ލަވައިގެ ކެމެރާކޮށް ޑައިރެކްޝަން އަދި އެޑިޓިންގ ހެދީ ހިތްގައިމު ލޯބީގެ ވީޑިއޯ ލަވަ އުފެއްދުމުގައި ރާއްޖެއިން އެއްމެ މަޝްހޫރު އެއް ފަންނާނު ޢަލީ ރަޝީދު (ގޮޅާ) އެވެ. ރިޓްޒް ރިޒްނީ ޕްރޮޑިއުސްކޮށްފައިވާ މި ލަވައިގެ ލޮކޭޝަން ޕާޓްނަރަކީ ‘ސްކައި ފޯލް’ އެވެ.

މި ލަވައަކީ މަޝްހޫރު ހިންދީ ލަވަ ‘ދިލް ކިޔު ދަޅަކްތާ ހޭ’ގެ ރާގަށް ހަދާފައިވާ ލަވައެކެވެ.

ވިންދު މިއީ ’ރިޓްޒް ލިރިކްސްް’ގެ އުމުރުން މިވީ ދެ އަހަރުގެ ތެރޭގައި ރިލީޒްކުރާ 10ވަނަ އޯޑިއޯ ލަވައެވެ. އެތަނުގެ ކަރޯކޭ ޗެނަލް ’ރިޓްޒް ކަރޯކޭ ރިޓްޒްލިރިކްސް’ގައި މިހާރު 50 ލަވައިގެ ކަރޯކޭ ވީޑިއޯ ޒަމާނީ ސްޓައިލްގައި ހަދައި ނެރެފައި ވާނެ ކަމަށް ’ރިޓްޒް ލިރިކްސްް’ އިން ބުނެއެވެ. އަދި ރިޓްޒްގެ ކަރޯކޭ ލަވަތަކުގެ އަދަދު 100 އަށް ވުރެން ގިނަވާނެ ކަމަށްވެސް ރިޓްޒް ރިޒްނީ ބުންޏެވެ. އޭނާގެ ކަރޯކޭ ލަވަތައް މަޝްހޫރު ދިވެހި ކަރޯކޭ ޗެނަލް މައިސަން ކަރޯކޭގައި ހިމަނާފައިވެ އެވެ.

މީގެ އަހަރެއް ކުރިން “ތި ލޯބި ހޫރު“ގެ ނަމުގައި ’ރިޓްޒް ލިރިކްސްް‘ އިން އެތަނުގެ ފުރަތަމަ އޯޑިއޯ ލަވަ ރިލީޒްކޮށްފައިވާއިރު އެ ލަވަ ވަނީ ދިވެހި ލަވަ އަޑުއެހުންތެރިންގެ ލަވަ ޗާޓުގެ އެއްމެ ކުރީގައި އެތަކެއް ދުވަހަކު ހިފަހައްޓާލާފައެވެ.

ތި ލޯބި ހޫރު” ލަވަ ކިޔުމަށް ’ރިޓްޒް ލިރިކްސްް‘އިން ފުރުޞަތު ދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އަށާއި އާމިނަތު ރާޔާ އަށެވެ. ލަވަ މަޝްހޫރުވި ވަރުން މިއީ ބަރޯގެ އުފެއްދުމެއްކަމަށް މީހުންނަށް ހީވެ އޮޅުން އަރާފައި އޮތް ނަމަވެސް މިއީ ’ރިޓްޒް ލިރިކްސްް‘ގެ އަލަތު އޯޑިއޯ އުފެއްދުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.