އަވަށްޓެރި އިންޑިޔާގެ ނިއު ދިއްލީ އަށް އުފަންވެފައިވާ އުމުރުން އެންމެ އަށް މަހުގެ ކުއްޖެއް ރޭޕްކޮށްލައިފި އެވެ. މިކަން ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

އިންޑިޔާގެ މީޑިއާތަކާއި އަލްޖަޒީރާ އަދި ބީބީސީ ފަދަ ބޮޑެތި މީޑިއާ ތަކުން ބުނީ އަށްމަހުގެ ކުޑަކުއްޖާ ރޭޕްކޮށްލާފައި ވަނީ އެކުއްޖާ އާއި ދެބެންގެ ދެދަރި ބޭބެ އެކެވެ. މިމަހުގެ 28 ވީ އާދީއްތަ ދުވަހު ހިންގި މި ޖަރީމާގެ ޝިކާރައަކަށްވި ކުޑަކުއްޖާ މިހާރު އޮތީ އައިސީޔޫ ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ނިއު ދިއްލީގެ ކަލާވަތީ ސަރަން ކުޑަކުދިންގެ ހޮސްޕިޓަލަށް އެކުއްޖާ ގެންގޮސް އެތަނުން ތިން ގަޑިއިރުގެ ސާޖަރީ އަކަށްފަހު މިހާރު ފަރުވާދެމުން ގެންދަނީ އައިސީޔޫގަ އެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އެކުއްޖާ ރޭޕްކޮށްލާފައި ވާކަން ކަށަވަރުކޮށްދީފަ އެވެ.

ނިއުދިއްލީގެ ސުބާޝް ނަގަރް ގައި ހުންނަ އެކުއްޖާގެ ގޭގައި، ކުއްޖާ އާއި ދެބެންގެ ދެދަރިމީހާ މި އަމަލު ހިންގާފައިވަނީ އެކުއްޖާގެ މައިންބައިފައިން ވަޒީފާއަށް ދިޔަ ވަގުތު ކަމަށް އިންޑިޔާގެ ފުލުހުން ބުނެއެވެ.

“އަހަރެން ކުދިންތައް ގޭގައި ބައިތިއްބާފަ ވަޒީފާއަށް ދިޔައީ. މަގޭ އަންހެނުންވެސް ވަޒީފާއަށް ދޭ. އެހެންވީމަ އަހަރެން ދިޔަތަނާހެން އަންހެނުންވެސް ވަޒީފާއަށް ދިޔަ. އަންހެނުން ގެއަށް އައިރު، ފެނުނީ ލެއިން ކަޅިވެފައި އޮތް އެނދާ ދަރިފުޅުގެ ހެދުން އެނދުމަތީގަ އޮއްވާ. އެވާހަކަ އޭނާގެ (އަންހެނުންގެ) ފަހަރި ކައިރީ ބުނުމުން ފަހަރި ބަހަނާ ދައްކަން ފެށީ. އަހަރެންގެ ދަރިފުޅު މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި.” އިންޑިއަން ނިއުސް އޭޖެންސީ (އޭއެންއައި) އަށް އެކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައި ވާކަމަށް ދިއްލީގެ ފުލުހުން ބުނެއެވެ.

“ތުހުމަތު ކުރެވޭ މީހާ އަހަރުމެން އިއްޔެ (ހޯމަދުވަހު) ހައްޔަރުކޮށްފިން. އެއީ ޝިކާރައަކަށް ވި ކުއްޖާ އާއި ދެބެންގެ ދެދަރި 28 އަހަރުގެ ފިރިހެނެއް.” ސުބާޝް ނަގަރް ޕޮލިސް ސްޓޭޝަން ގެ އެޑިޝަނަލް ސަބް އިންސްޕެކްޓަރ ޕާރްވަތީ ވިދާޅުވި އެވެ.

“އަހަރުމެން އޭނާ އަށް ޗާޖްކޮށްފައިވަނީ އިންޑިޔާގެ ޤާނޫނު އަސާސީގެ 376 ވަނަ މާއްދާގެ 06 ވަނަ ބާބުގެ ދަށުން. މައްސަލަ އިތުރަށް ބަލަމުން ދަނީ.” އަލްޖަޒީރާ އަށް މަޢުލޫމާތު ދެމުން ޕާރްވަތީ ވިދާޅުވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.