މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ އިންތިޚާބަށް ވާދަކުރުމަށް ހުޅުވައިލި ފުރުޞަތުގެ ސުންގަޑި މި މަހު 07ވަނަ ދުވަހުގެ 18:00 އަށް ހަމަވި އިރު، ޗެއަރޕާސަން ކަމަށް ކުރިމަތިލާފައިވަނީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އަދި ޝިވާޒް އަބްދުﷲ (މާސްކޭ) ކަމަށް އިންތިޚާބާ ބެހޭ އިންތިޤާލީ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ސަޢީދު ހާމަކޮށްފި އެވެ.

މިއަދު މުނިއަވަސް އަށް މަޢުލޫމާތު ދެމުން އަޙްމަދު ސަޢީދު ބުނީ ޗެއަރއަކަށް ބްރޯ އަދި މާސްކޭ ކުރިމަތިލާފައިވާއިރު، ވައިސް ޗެއަރ އަށް ކުރިމަތިލާފައި ވަނީ އާމިރާ އިސްމާޢީލް އަދި ޢަބްދުﷲ މުއާޒް (މުއާ) ކަމަށެވެ.

“މި އިންތިޚާބުގެ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓް ކަމުގެ ޞައްޙަކަން ބަލައި ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތައް ރަސްމީކޮށް އިޢުލާނުކުރުން އޮންނާނީ މިމަހު 14ވަނަ ދުވަހު.” މުނިއަވަސްއަށް މަޢުލޫމާތުދެމުން ސަޢީދު ހާމަކުރިއެވެ.

އެމްއެފްއޭ އިންތިޚާބަށް އިޢުލާނުކުރި ހިސާބުން، އެމްއެފްއޭގެ ވައިބަރ ގްރޫޕްގައި ކެންޑިޑޭޓުންގެ ކެމްޕޭން ފޯރި ވަރަށް ބަޮޑަށް ގަދަވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެމްއެފްއޭގެ ހިންގާ ކޮމެޓީ އިންތިޚާބުގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަށް އެކުލަވައިލި ބޯޑްގެ ޗެއާޕާސަނަކީ މުޙައްމަދު ނަޝީދު (ބޭބީ) އެވެ. ވައިސް ޗެއާޕާސަނަކީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މީޑިއާ ކޯޑިނޭޓަރަކީ އަޙްމަދު ސަޢީދު އެވެ. މީގެ އިތުރުން އިންތިޚާބު ކޮމެޓީގައި ދެން ހިމެނެނީ އެކްޓްރެސް ޝީލާ ނަޖީބު އަދި ނިޝާން އެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ ދައުރު ހަމަވެފައިވާއިރު، ނިމިގެން ދިޔަ ދައުރު އެމްއެފްއޭގެ ޗެއަރޕާސަނަކަށް ހުރީ ޝިވާޒް (މާސްކޭ) ކަން ފާހަގަކޮށްލެވެ އެވެ.

ދިވެހި ފިލްމީ ދާއިރާގެ ޚަބަރާާއި މަޢުލޫމާތު، އެންމެ ޞައްޙަކޮށް، އެންމެ އަވަހަށް ގެނެސްދެމުން އަންނަ ބީދައިން، މި އިންތިޚާބަށް ވާދަކޮށްފައިވާ އިތުރު ބައިވެރިންގެ ޚަބަރުތައްވެސް ކުރިއަށް މި އޮތް ދުވަސްތަކުގައި މުނިއަވަސް އިން ގެނެސްދެމުން ގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.