ބޮލީވުޑްގެ ޒުވާން ބަތަލު އަދިތުޔާ ރޯއީ ކަޕޫރް އާއި މުރްނާލް ޓާކުރް ލީޑުން ފެނިގެންދާ “ގުމްރާހް” ގެ ޝޫޓިންގ ނިންމާލައިފިއެވެ.

އަދިތުޔާ ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން ފެނިގެންދާ “ގުމްރާހް” ގައި މުރްނާލް ފެނިގެންދާނީ ކޮޕެއްގެ ރޯލުންނެވެ. އަދިތުޔާ އާއި މުރްނާލްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުގައި ފެނިގެންދާނެކަމަށް ޚަބަރުތައް ބުނާއިރު މިއީ ހަޤީޤީ ހާދިސާތަކަކަށް އުފައްދާ ކްރައިމް ތުރިލާއެއް ކަމަށްވެއެވެ.

ބުޝަން ކުމާރް އަދި މުރާދު ކޭތާނީ ޕްރޮޑިއުސްކުރާ “ގުމްރާހް” ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ވަރްދަން ކެޓްކަރްއެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

އަދިތުޔާ އެންމެ ފަހުން ފެނިގެންދިޔައީ މި ހިނގާ ޖުލައި މަހު 1 ގައި ރިލީޒްކުރި “ރަޝްތުރަ ކަވަޗް އޯމް” އިން ސަންޖަނާ ސާންގީ އާއެކުއެވެ. “ގުމްރާހް” ގެ އިތުރުން އޭނާގެ އަތުގައި އޮތް އެންމެ ބޮޑު މަސައްކަތަކީ ވެބް ސީރީޒް “ކެޕްޓަން” ގެ މަސައްކަތެވެ. މިއީ ބްރިޓީޝް ސީރީޒް “ދަ ނައިޓް މެނޭޖަރ” ގެ ހިންދީ ރީމޭކެކެވެ.

އެންމެ ފަހުން ޝާހިދު ކަޕޫރާއެކު “ޖާރޒީ” އިން ފެނުނު މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ގުމްރާހް” ގެ އިތުރުން “ޕިއްޕާ”، “އާނކް މިޗޯލީ” އަދި ތެލުގޫ ފިލްމު “ސީތާ ރަމާމް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.