ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޒުވާން ލަވަކިޔުންތެެރިޔާ އާމިނަތު ރާޔާގެ ޓެލެގްރާމް ޗެނަލް ލޯންޗްކޮށްފި އެވެ. މި ޗެނަލް އާއްމުންނާ ހަމައަށް ރާޔާ ދޫކޮށްލީ މިމަހު 16 ވަނަ ދުވަހު އެވެ.

ރާޔާގެ ހިތްގައިމު އަޑުން ކިޔާފައިވާ މަދަހަ އަދި ލަވަތަކުގެ ތެރެއިން އާއްމުކޮށްފައިވާ ގިނަ އުފެއްދުންތަކެއްގެ ލިންކްތައް މި ޗެނަލްގައި ހިމެނެ އެވެ. ޗެނަލް އާއްމުކުރަމުން ރާޔާގެ ރަސްމީ ފޭސްބްކް ޕޭޖްގައި ބުނެފައިވަނީ “އަހަރެންގެ ފޭނުންނަށް އަހަރެންގެ ޗެނަލް! އަހަރެންގެ މަސައްކަތްތައް ބަލައިލާ ނަފުސު މުނިއަވަސްފިލުވައިލާ.” މިހެންނެވެ.

ރާޔާގެ ޓެލެގްރާމް ޗެނަލަށް މި ލިންކުން ވަދެ ޖޮއިންކޮށްލެވޭނެ އެވެ. މި ޗެނަލްގައި ޓެލެވިޛަން މޯލްޑިވްސް އިން އުފައްދާފައިވާ ރާޔާގެ މަދަހަތަކާއި ބައެއް އަމިއްލަ ފަރާތްތަކުން އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯ ލަވަތަކުގެ ލިންކްވެސް ހިމެނެއެވެ.

މިދިޔަ ރަމަޟާން މަހު ޓީވީއެމްގެ މަދަހަ ޕްރޮގްރާމްގައި ފޮނުވި ރާޔާގެ މަދަހަތަކަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އުމުރުން އެންމެ ހަތް އަހަރުން ފެށިގެން ހޮބީއެއްގެ ގޮތުން މަދަހަ ކިޔަން ފެށި ރާޔާގެ ހިތްގައިމު ލަވަތަކެއް މަޝްހޫރު ފަންނާނުންނާއެކު ކިޔައި ރިލީޒްކޮށްފައިވެއެވެ.

ދިވެހި ލޯބީގެ ލަވަ އަޑުއަހާ ފަރާތްތަކަށް ރާޔާގެ ހިތްގައިމު އަޑުގެ ޖާދޫގައި ޖެހި އޭނާގެ ލަވަތަކަށް ސަމާލުކަން ދެވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް (ބަރޯ) އާއި އެކުގައި ކިޔާފައިވާ “ތި ލޯބި ހޫރު” ލަވައިންނެވެ. ރިޓްޒް ލިރިކްސް އިން އުފެއްދި މި ލަވައަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އާއެކު ކިޔާފައިވާ “ޖަޒުބާތު” ލަވައަށް ވެސް އެހާމެ ބޯޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. މި ލަވަ މިހާރު ވަނީ ދިވެހި ޑްރާމާ ސީރީޒެއްގައިވެސް ހިމަނާފައެވެ.

ލަވަ އަދި މަދަހަކިޔުމުން ރާޔާ އަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރު ބޭއްވި މަދަހަ މުބާރާތުން ދެވަނަ. 2015 ގައި އިންޓަ ސްކޫލު ލަވަ މުބާރާތުގެ ޖޫނިއާ ގްރޫޕުން އެއް ވަަނަ، 2020 ގައި ބޭއްވި އެމްއެމްއޭސީގެ “މަދަހަ ރަން އަޑު”ން އެއް ވަނަ، 2020 ގައި ބޭއްވި މަދަހަ މުބާރާތުން ރާޔާ ބައިވެރިވި އުމުރު ފުރާއިން ދެވަނަ ހޯދާފައިވެ އެވެ. މީގެ އިތުރުން 2018 އާއި 2019 އަދި 2021 ގައި އިންޓަ ސްކޫލު މަދަހަ މުބާރާތުން އެއް ވަނަ ވެސް ރާޔާ ހޯދާފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.