ވަރުން ދަވަން، ކިއާރާ އަދްވާނީ ނީޓޫ ކަޕޫރް އަދި އަނިލްކަޕޫރުގެ “ޖުގްޖުގް ޖިއޯ” އަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ސިނަމާތަކުގައި ދެވަނަ ފަހަރަށް ރިލީޒްކޮށްފި އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ މިއަދު އިންޑިއާގައި ފާހަގަކުރަމުން އަންނަ އެ ގައުމުގެ 75 ވަނަ މިނިވަން ދުވަހާއި ދިމާކޮށެވެ.
ދަރްމާ ޕްރޮޑަކްޝަންސްގެ ޓްވިޓަރ އެކައުންޓުން މިއަދު މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ ފިލްމު އަލުން ރިލީޒްކުރީ މި ފިލްމު ސިނަމާތަކުގައި ބަލައިލަން އެދޭ ފަރާތްތައް ގިނަކަމުން ކަމަށެވެ.
“ޖުގްޖުގް ޖިއޯ އިންޑިއާ! ތިބާމެން އެދެފި. އަހަރުމެންނަށް އަޑުއިވިއްޖެ. ބޮޑު އިސްކިރީނުގައި އަލުން އަޅުވައިފިން!” ދަރްމާ ޕްރޮޑަކްޝަންގެ ޓްވީޓްގައި ބުނެފައިވެ އެވެ.
ބޮލީވުޑްގައި ދާދި ފަހުން ރިލީޒްކުރި “ރަކްޝާ ބަންދަން” އަދި “ލާލް ސިންހ ޗައްޑާ” އަށް ބޮކްސް އޮފީހުގައި އެދެވޭ ކުރިއެރުމެއް ލިބިފައި ނުވިޔަސް، “ޖުގްޖުގް ޖިޔޯ” އަންނަނީ ބޮކްސް އޮފީހުގެ އެންމެ އުހުގައި ފިޔަޖަހަމުންނެވެ.
ސުޕަހިޓަކަށް ވެގެންދިޔަ “ޖުގްޖުގް ޖިޔޯ”އަށް ބޮކްސް އޮފީހުގައި 80 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައިވެ އެވެ.
މިވަގު އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަމުން އަންނަ “ޖުގްޖުގް ޖިޔޯ” އަކީ ރާޖް މެހްތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
“ޖުގްޖުގް ޖިޔޯ” ޕްރޮޑިއުސްކޮށްފައިވަނީ ‘ވަޔާކޮމް 18’ އަދި ކަރަން ޖޯހަރް، ހިރޫ ޔާޝް ޖޯހަރް އަދި އަޕޫރްވާ މެހްތާގެ ‘ދަރްމާ ޕްރޮޑަކްޝަން’ އިންނެވެ.
#JugJuggJeeyo India!🇮🇳
You asked. We heard. They’re back on the big screens!😍Celebrating the strong bond of family starting from this #IndependenceDay and through the festive week – as the JugJugg Jeeyo parivaar comes back to the big screens! pic.twitter.com/IIbOrixhLI
— Dharma Productions (@DharmaMovies) August 14, 2022
