އެންދެރި މަޝްރޫޢުގެ ފަރާތުން ހައްދުންމަތީގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ މަޝްރޫޢުތައް ހިންގުމަށްޓަކައި، ދިނުމަށް ހަމަޖައްސާފައިވާ ކުދި މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މާލީ އެހީ އަށް އެދެވޭނީ އަތޮޅުގައި ހިންގާ އަމިއްލަ ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، ސްކޫލް އަދި ޔުނިވަރސިޓީއާއި، ރަޖިސްޓްރީކޮށްގެން ހިންގާ ކޯޕަރޭޓިވް ތަކަށެވެ.

މި ފުރުޞަތުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވާ ދާއިރާ ތަކަކީ:
1. ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުން
2. ސިޓިޒެން ސައެންސް (އާންމު ފަރުދުން ގެ ފަރާތުން ދިރޭތަކެތީގެ ނަސްލުތަކާއި ތިމާވެށީގެ ފެންވަރު ބަލައި ރިޕޯޓުކުރުމަށް ކުރާ މަސައްކަތްތައް)
3. ދަނޑުވެރިކަމުގެ ނުރަނގަޅު އާދަތައް ހުއްޓުވުމާއި، އާ ޓެކްނޮލޮޖީ ތަޢާރަފުކުރުން، އަދި ކުނި ނައްތާލުން ފަދަ ކަންކަމުގައި އަންހެނުންގެ އިޖްތިމާޢީ ގްރޫޕްތަކުގެ ޤާބިލުކަން އިތުރުކުރުން
4. ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ، އަަންހެނުންގެ ބައިވެރިވުން އިތުރުކުރުން
5. ދެމެހެއްޓެނިވި މަސްވެރިކަމާއި، މަހުގެ އުފެއްދުންތަކަށް މާކެޓް ހޯދުން
6. ސްކޫލުތަކުގެ ދަރިވަރުން ހިންގަން ބޭނުންވާ ތިމާވެށި ހިމާޔަތްކުރުމާއި، ގުދްރަތީ ރައުސްމާލު ހިސާބުކިތާބުކުރުމާއި، މޮނިޓަރިންގް މަސައްކަތް

މަޝްރޫއުތައް ހިންގުމަށް ކޮންމެ ރަށަކުންވެސް އެހީއަށް އެދެވޭނީ އަތޮޅު އަދި ރަށުކައުންސިލްތަކުގެ ލަފަޔާއެކު އެ ރަށަކަށް ކަނޑައަޅާފައިވާ އެއް ދާއިރާއަކުންނެވެ. ހުށައަޅާ ކޮންސެޕްޓް ނޯޓް / އެޕްލިކޭޝަން ފޯމްތައް ދިރާސާކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހޮވައި، މި ޕްރޮޖެކްޓް ޙަވާލުކުރެވޭ ފަރާތާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. މަޝްރޫޢު ނިންމުމަށް ދެވޭނެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 6 މަސް ދުވަހެވެ.

އެކި ރަށްތަކަށް ފައިސާދޭން ހަމަޖެހިފައިވާ މިންވަރާއި، ހުށަހެޅުންތަކާއެކީ އެއްއުރަކުރަން ޖެހޭ ލިޔެކިޔުންތަކާއި، ހުށަހެޅުންތައް ދިރާސާކޮށް ޕޮއިންޓްދޭނޭ އުސޫލުގެ މަޢުލޫމާތު ސަރުކާރު ގެޒެޓް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. މާލީ އެހީއަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ، 19 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ.

އެންދެރި މަޝްރޫޢުގެ ފަރާތުން ދޭ މާލީ އެހީއާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ލާމު އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ސްކޫލްތައް ހިންގެވުމާ ހަވާލުވެތިއްބެވި ފަރާތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް ފާއިތުވި މެއި މަހުގެ 30 އަދި 31 ވަނަ ދުވަހު ލ. ފޮނަދޫގައި މަސައްކަތު ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.