ބޮލީވުޑް ބަތަލު އަޖޭ ދޭވްގަންގެ ކުޅިވަރު ބަޔޮޕިކް “މައިދާން” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
2019 ގައި ޝޫޓިންގ ފެށި “މައިދާން”، ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެތައް ފަހަރަކު ލަސްވަމުން ގޮސް ޝޫޓިންގ ނިންމާލީ މިދިޔަ މެއި މަހުއެވެ.
އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.
ބޯނީ ކަޕޫރް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ “މައިދާން” އަކީ 2018 ގައި “ބަދާއީ ހޯ” ގެނެސްދިން ޑައިރެކްޓަރ އަމިތު ޝަރްމާ ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ކުރިން މިދިޔަ ޖޫން މަހު ރިލީޒްކުރަން ތާވަލުކުރި “މައިދާން” މިހާރު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 17 ގައި ސިނަމާތަކުގައެވެ. ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން ފިލްމު ރިލީޒްކުރަން ވަނީ ނިންމާފައެވެ.
