ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ލީޑް ރޯލުން ފެނިގެންދާ “ސަލާމް ވެންކީ” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ޙަޤީޤީ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ “ސަލާމް ވެންކީ” ގައި ކިޔައިދޭނީ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ކުރިމަތިލާ ގޮންޖެހުންތަކުގެ ވާހަކައެވެ. ކުރިން “ދަ ލާސްޓް ހުއްރާ” ގެ ނަމުގައި އިޢުލާންކުރި މި ފިލްމުގެ ސްކްރީންޕްލޭ ލިޔެދިނީ ސަމީރް އަރޯރާ އަދި ކައުސަރް މުނީރްއެވެ.
ކާޖޮލްގެ އިތުރުން ތަރިންގެ ތެރޭގައި ވިޝާލް ޖެތުވާ، އާހާނާ ކުމްރާ، ރާހުލް ބޯސް، ރާޖީވް ކަންޑެލްވާލް އަދި އަނަންތު މަހާދޭވަން ހިމެނޭ “ސަލާމް ވެންކީ” ގައި އާމިރް ޚާން ޚާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.
ބީލިވް ޕްރޮޑަކްޝަންސް އާއި އާރްޓޭކް ސްޓޫޑިއޯސްގެ ކުޑައިގެ ދަށުން ސޫރަޖް ސިންގ އަދި ޝްރައްދާ އަގަރްވާލް ޕްރޮޑިއުސްކުރާ “ސަލާމް ވެންކީ” ޑައިރެކްޓްކުރީ ޤައުމީ ފިލްމު އެވޯޑް ހޯދާފައިވާ ފިލްމު “މިތުރް: މައި ފްރެންޑް” އަދި 2004 ގެ “ޕިރް މިލޭންގޭ” ގެނެސްދިން ޑައިރެކްޓަރ ރޭވަތީއެވެ.

“ދިލްވާލޭ ދުލްހަނިއާ ލޭ ޖާޔޭންގޭ”، “ކުޗް ކުޗް ހޯތާ ހޭ” އަދި “ކަބީ ޚުޝީ ކަބީ ޣަމް” ފަދަ ކާމިޔާބު ފިލްމުތަކުގެ ބަތަލާ ކާޖޮލްގެ “ސަލާމް ވެންކީ” ރިލީޒްކުރަން ތާވަލުކޮށްފަައިވަނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައެވެ.
މިދިޔަ އަހަރު ނެޓްފްލިކްސްއިން ސްޓްރީމްކުރި ފިލްމު “ޓްރިބަންގާ” އިން އެންމެ ފަހުން ފެނުނު ކާޖޮލް މިހާރު އަންނަނީ “ސަލާމް ވެންކީ” ގެ އިތުރުން އޭނާގެ އަލަތު ވެބް ސީރީޒް “ދަ ގުޑް ވައިފް” ގެ މަސައްކަތް ކުރަމުންނެވެ.
