ފެބްރުއަރީ 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށް މިހާރު އޮލިމްޕަހާއި ރާއްޖޭގެ ގިނަ ސަރަހައްދު ތަކެއްގައި ދައްކަމުން އަންނަ ދިވެހި ފިލްމު ‘ދެވަންސޫރަަ’ އިގެ ދެވަނަ ބައެއް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.
މަޝްހޫރު ސްކްރީން ރައިޓަރ އަދި އެހާމެ ކުޅަދާނަ ޑައިރެކްޓަރ ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށް އަދި ފިލްމުގެ ފިރިހެން ލީޑް ވެސް ކުޅެފައިވާ މި ފިލްމާއިބެހޭގޮތުން ބުނީ ފިލްމުގެ ދެވަނަ ބައެއް އަންނާނެ ކަމަށާއި ފިލްމު ގައި ސުވާލު އުފެދޭނެ ދެތިން ކަމެއް ދޫކޮށްލައިފައިވާނެ ކަމަށެވެ. ޔޫއްޕެ ބުނީ ފިލްމުގައި އެކަންކަމުގެ މާބޮޑު ތަފްސީލަކަށް ނުގޮސް ހަމައެކަނި އަލިއަޅުވައިލާފައި ވާނެކަމަށެވެ.
މުޅި ފިލްމު އަލިއަޅުވާލެވިފައިވާ ވަނީ ފިލްމުގެ ލީޑުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފް ކޮށްފައިވާ މަރިޔަމް ޝިފާ ނުވަތަ ފިލްމުގައި ސިޔާދާ ގެ މަރުގެ ޙަޤީޤަތް ހޯދުމަށް ފުލުހުން ހިންގާ ތަހްޤީގެއްގެ މައްޗަށެވެ. އަދި ފިލްމުގެ ނަމުގައު ބުނެފައިވާ ފަދައިން ޔޫއްޕެ ގެ ދެވަންސޫރަ އެއް (ދެވަނަ ސިފައެއް) ދައްކުވައިދީފައި ވެއެވެ.
ފިލްމަކީ އާ ސްޓައިލެއްގެ ފިލްމެއް ނަމަވެސް ފިލްމާއި ދޭތެރޭގައި ބެލުންތެރިންގެ ޚިޔާލު ވަރަށް ރަނގަޅު ކަމަށް ފިލްމު ގެ ޑައިރެކްޓަރ ޔޫއްޕެ ބުނެއެވެ.
ބެލުންތެރިންގެ ތައުރީފު ފިލްމަށް ލިބިފައިވާއިރު ފިލްމުގައި ހިމެނޭ ތަރިން ބުނަނީ މި ފިލްމަކީ ނުބަލައި ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށެވެ. “ދެވަންސޫރަ”ގެ ހަގީގަތް ބަލައިލުމަށް ކޮންމެ މީހަކު ވެސް ފިލްމު ބަލައިލުން މުހިންމުކަމަށް ތަރިން ބުނެއެވެ.
ފިލްމު ބެލުމަށްފަހު މަޝްހޫރު ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) އާއި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ވެސް ވަނީ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފަ އެވެ.
