4 ޑިސެންބަރު 2022، ބ. ކިހާދޫ: ކުނި މަދުކޮށް ކުރިއަށްވުރެ ފުރިހަމައަށް، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެ ގޮތުގެ އައު އުންމީދީ ތަޞައްވަރެއް ބ.، ނ. އަދި ހދ. އަތޮޅުގެ 11 ރަށު ކައުންސިލްއެއްގެ ރައީސުން ސަރުކާރުގެ މިނިސްޓަރުންނަށާއި މަޖިލިސް މެންބަރުންނަށް ޑިސެމްބަރު 03 ވީ ހޮނިހިރު ދުވަހު ހުށައަޅައިފިއެވެ.

މިގޮތުން މި ރަށްތަކުގެ ކައުންސިލް ރައީސުން ވަނީ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ބައްދަލުވުމުގައި މި ލަނޑުދަނޑިތައް މިނިސްޓަރުންނަށް ހުށައަޅައި، ސޮއިކޮށްފައެވެ. މި ލަނޑުދަނޑިތައް އެކުލަވާލާފައި ވަނީ އޮކްޓޫބަރު މަހު ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ކުރިއަށް ހުރި މަސައްކަތް ރާވަން ސޮނެވާ ފުށީގައި ބޭއްވުނު ވޯކްޝޮޕެއްގައެވެ.

ކައުންސިލްތަކުގެ ރައީސުން އެކުލަވާލި ލަނޑުދަނޑިތައް:
• 2023 ނިމުމުގެ ކުރިން، ރަށުފެންވަރުގައި ރިސައިކަލް ކުރެވޭ ޒާތުގެ ހުރިހާ ކުންޏެއް އެއްކުރާނީ ވަކިކުރުމަށްފަހު. އަދި ވަކިކުރުމަށްފަހު މިތަކެތި ސާފުކުރުން. މިއާއިއެކު ރަށްރަށުގައި ނޮން-އޯގަނިކް ކުނި ހާމައަށް އެންދުން ހުއްޓާލުން.
• މިރަށްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް އަމިއްލައަށް އިސްނަގައިގެން ކުރުން.
• ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ސްޕެޝަލިސްޓުން ހޯދައި، ތަމްރީނުކޮށް، ރަށްތަކުގެ ތެރޭގައި އެ ތަޖުރިބާ ހިއްސާކުރުން.
• އަލުން ބަލުން މާކެޓް ފަދަ ރަށްތައް އެކުވެ ކުނިމަދުކުރުމުގެ ނިޔަތުގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދިނުން.

މިނިސްޓަރ އޮފް ކްލައިމެޓް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މައުސޫމް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ.އާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މެންބަރު އަލީ ނިޔާޒް ބ. އަތޮޅު ކިހާދޫގައި ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލަނޑުދަނޑިތައް ހުށައެޅުމުގެ އިތުރުން، ރަށު ކައުންސިލް ރައީސުންވަނީ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށާއި ރަށުތެރެއަށް އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިގޮތުން 13 ޕޮލިސީ ރެކޮމެންޑޭޝަނެއް ކައުންސިލަރުން ސަރުކާރަށް ހުށައެޅިއެވެ. އޭގެ ތެރޭގައި:

1. އެމް.ޑަބްލިޔު.އެސް.ސީ ފަދަ ދައުލަތުގެ ކުންފުނިތަކުން ފެން ބަންދުކުރުން ހުއްޓާލުން. މި ކުންފުނިތަކުން ފެން ބަންދުކުރުމުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް އިތުރުވެ، ސަޕްލައި ފެނަށް އާންމުން ކުރާ އިތުބާރު ކުޑަވެގެންދޭ.

2. ގޭބިސީތަކަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފެން ޓެސްޓްތަކުގެ ނަތީޖާތައް އާންމުކުރުން. މީގެ އިތުރުން، ހުރިހާ ރަށެއްގެ ސްކޫލްތަކާއި އާންމުން އެއްވާ ތަންތަނުގައި ވޯޓަރ ފިލިން ސްޓޭޝަންސް ބެހެއްޓުން.

3. 2024 ވަނަ އަހަރުން ފެށިގެން ރިސޯޓްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަނާކުރުން. އަދި ރިސޯޓްތަކަށް އޮޕަރޭޓިން ލައިސެންސް ދޫކުރާއިރު އެމެނިޓީސް އަދި ބުއިންތައް ފޯރުކޮށްދިނުމަށް ސިންގަލް ޔޫސް ޕްލާސްޓިކް ނޫން އެހެން ހައްލުތައް ބޭނުންކުރަން ލާޒިމްކުރުން.

މި ބައްދަލުވުމަށްފަހު މިނިސްޓަރުންނަށް ކިހާދޫގެ ގޭބިސީތަކުން ކުނިވަކިކުރާގޮތާއި އެ ރަށުގެ ކުނި މެނޭޖްކުރާ އިކޯ ސެންޓްރޯ ދައްކާލެވުނެވެ. އަދި މީގެ އިތުރުން މިނިސްޓަރުންނަށްވަނީ އެ ރަށުގައި މޫދުގައި ރައްކާތެރިކޮށް އުޅެން ދަސްކޮށްދީ، ތިމާވެއްޓަށް ކުރާ ޤަދަރު އިތުރުކުރުމަށް ހިންގާ “ޝޯ ޓު އޯޕަން ވޯޓަރ ސްވިމިންގް ޕްރޮގްރާމްގެ” މައުލޫމާތު ދީފައެވެ.

މީގެ އިތުރުން، ބ. އަތޮޅުގެ ނަމޫނާ ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އިސްވެ ކުރިއަށް ހިންގާ އަލުން ބަލުން ރީސޭލް މާކެޓްގައި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މާކެޓަކީ ބ. މާޅޮސް، ދަރަވަންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު، ކަމަދޫ އަދި ކެންދޫގައި އުފެދޭ ސެކަންޑް ހޭންޑް މުދާ ދައުރުކޮށް ބޭނުންކުރުމަށް ހިންގޭ މާކެޓެކެވެ.

“ނަމޫނާ ރަށްތަކުގައި އަޅުގަނޑުމެން ބޭނުންކުރަމުން މިއަންނަ ކުނި މެނޭޖްކުރުމުގެ މޮޑެލް ހުރިހާ ރަށްތަކެއްގެ ފަރާތުން ދައްކާލުމުގެ ފުރުޞަތު ކިހާދޫއަށް ލިބުނީތީ އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، މިއީ އެހެން ރަށްރަށުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރަން ބޭނުންކުރެވިދާނެ ބްލޫޕްރިންޓްއެއް،” މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވިއެވެ.

“މިއަދު މި ހުށައެޅިގެންދިޔަ ޕޮލިސީ ރެކޮމެންޑޭޝަންތަކަކީ ނަމޫނާ ރަށްތަކުން މިހާތަނަށް ދަސްވެފައިވާ ފިލާވަޅުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ރެކޮމެންޑޭޝަންތަކެއް. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވުނު އެކި މަސައްކަތުގެ ތެރެއިން މި ރަށްތަކަށް ލިބިފައިވާ އަގުނުކުރެވޭނެ ފިލާވަޅުތަކެއް،” ސޮނެވާގެ ޗީފް ފައިނޭންސަލް އޮފިސަރ ބްރޫސް ބްރޮމްލީ ވިދާޅުވިއެވެ.

“މިއަދު ހުށައެޅިގެން މިދާ ޕޮލިސީ ރިކޮމެންޑޭޝަންތަށް އަޅުގަނޑު ބަލައިގަންނަން. އަދި މި ރިކޮމެންޑޭޝަންތައް އެކުލަވާލުމަށް ކައުންސިލްތަކުންނާއި ސޮނެވާ ނަމޫނާއިން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަން. މިއީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގައި ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރަށްރަށާއި، މަދަނީ ޖަމިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ރަނގަޅު މިސާލެއް،” މި އިވެންޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.