ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ލޯބީގެ ފީޗަރ ފިލްމު “ބީވީމާ”ގެ ޓިކެޓް މިއަދު ވިއްކަން ފަށައިފިއެވެ. މި ފިލްމުގެ ފުރަތަމަ ޝޯވ ދައްކާނީ މި މަހު 06 ވަނަ ދުވަހުގެ ރޭގައެވެ.

ދެ ދައުރެއް ދައްކުވައިދޭ “ބީވީމާ” ގެ މައިގަނޑު ތަރިންނަކީ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުކުރާ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ. ދެކުނު އިންޑިއާގެ ފިލްމަކުން ޚިޔާލު ނަގައިގެން އުފައްދާފައިވާ “ބީވީމާ” އަކީ ލޯބީގެ އަސަރުގަދަ ފިލްމެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) ބުނެފައިވެއެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ހިތްގައިމު ޑައިރެކްޝަން ފެނިގެންދާނެ “ބީވީމާ”އަކީ އިބްރާހީމް ވިސާން (ކަނޑި)ގެ ކުޅަދާނަ ސިނަމޮޓޮގްރަފީގެ އުކުޅުތައް ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ ޙުސައިން ތައުފީޤްއެވެ. ކޮސްޓިއުމްތައް ފަރުމާކޮށް ތަރިންގެ މޭކަޕް ކޮށްދިނީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

ޓިކެޓް ބުކް ކުރުމަށް ހުޅުވާލި ފުރުސަތުގައި ޕްރިމިއާ ޝޯގެ ޓިކެޓާއި ނުވަވަނަ ދުވަހުގެ ޝޯގެ ޓިކެޓްވެސް ވަނީ މުޅީން ބުކްކޮށްފައެވެ. ފިލްމުގެ ޓިކެޓު މިހާރު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮލިމްޕަސް ސިނަމާއިން ވިއްކާނެ އެވެ.

ޓިކެޓެއްގެ އަގު 100ރ. އަށް އުޅޭއިރު، ޕްރިމިއާ ނައިޓްގެ ޓިކެޓް އަގު އުޅެނީ 150 ރުފިޔާ އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.