06 ފެބްރުއަރީ 2023ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ޑާކްރެއިންގެ ލޯބީގެ ފިލްމު “ބީވީމާ”ގެ ދެ ޝޯ ފެބްރުއަރީ 10 ވާ ހުކުރު ދުވަހު އޮލިމްޕަހުގައި ދައްކާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ. ޑާކްރެއިނުން ބުނީ އެ ދުވަހުގެ ހަވީރު 16:00 ގެ އިތުރުން ހަމަ އެރޭ 21:00 ގައިވެސް ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަމުން އަންނައި އިރު ހެނދުނު 10 އިން ރޭގަނޑު 10:00 އަށް އޮލިމްޕަހުން ޓިކެޓް ގަންނަން ލިބޭނެއެވެ.

މި ފިލްމުގެ ތީމް ލަވަ މިދިޔަ މަހު 30 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، އެ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ފިލްމުގެ ނަމުން ނަންދީފައިވާ މި ލަވަ ކިޔާފައި ވަނީ “ބީވީމާ” އިން އެކްޓިން އަށް ރަސްމީކޮށް ނުކުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ. ލަވައިގެ މިއުޒިކާއި މެލޮޑީ ހެދީ މުނާޒް ޒުބައިރު އެވެ. ލަވައިގެ ޅެން ލިޔުނީ ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ވެސް ކުރި އަހުމަދު ޒަރީރެވެ.

“ބީވީމާ” އަކީ ފުރާވަރު ދުވަސްވަރު އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މި ފިލްމު ހަދާފައި ވަނީ 2019 ގެ ތަމަޅަ ރޮމޭންޓިކް ޑްރާމާ ފިލްމު “96” އަސްލަކަށް ބަލައިގެންނެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭ “ބީވީމާ” ގައި ދެ މީހެއްގެ ހަޔާތުގެ ދެ ދައުރެއް ދައްކުވައިދޭ އިރު، އަޝްފާގެ ފުރާވަރުގެ ރޯލުން ފެންނާނީ ޒުވާން ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އެވެ. އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ގެ ފުރާވަރުގެ ރޯލުން އަލަށް ތައާރަފުވާ އާދަމް ޒިދާނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.