“އެއްމެންގެ ސަލާމަތަށް، އެއްމެންގެ ބައިވެރިވުން” – މި ޝިއާރުގެ ދަށުން އަލިފާން ނިއްވަން ދަސްކޮށްދޭ ހަރަކާތެއް ހުޅުމާލޭ ފޭސް02ގެ ހިޔާ 14 ވަނަ ޓަވަރުގައި ބާއްވަން ނިންމައިފި އެވެ. މިއީ ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އާއި ގުޅިގެން، އެޗްޑީސީގެ އެއްބާރުލުމާއި އެކު އިންތިޒާމް ކޮށްގެން ބާއްވާ ހަރަކާތެކެވެ.

މި ޕޮރްގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ 04 ފެބުރުއަރީ 2023 ވާ ހޮނިހިރު ދުވަހު 14:00 ން 18:00 އަށް އެޗް14 ޓަވަރުގެ ގްރައުންޑް ފްލޯރގައި ކަމަށް ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ އިތުރު ތަފްސީލު ދެއްވަމުން ޖަމްއިއްޔާގެ ރައީސް ޖިހާދު ވިދާޅުވީ މިއީ ހުޅުމާލެ ފޭސް2 އަކީ އެއް ޓަވަރެއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ތަނަކަށް ވާތީ އަލިފާނުގެ ހާދިސާތަކުން އާއްމުންނަށް ލިބިދާނެ ނުރައްކަލަކުން ސަލާމަތްކުރުމުގެ ގޮތުން ގޭބިސީތަކުގައި ދިރިއުޅޭ ކަނބަލުން އަހުލުވެރިކުރުމަށް ހިންގޭ ޕޮރްގުރާމެއް ކަމަށެވެ.

މިއީ މިގޮތުން އެ ޖަމްއިއްޔާއިން ހިންގާ ފުރަތަމަ ޕްރޮގްރާމަށް ވާތީ އަދި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ އެޗް14ގައި ދިރިއުޅުއްވާ ކަނބަލުންނަށް ޚާއްސަ ކޮށްގެން ކަމަށްވެސް ޖިހާދު ފާހަގަކުރެއްވި އެވެ.

“ވީމާ މި ޕޮރްގުރާމުގައި ވީހާ ގިނަ ކަނބަލުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރަން.” ޖިހާދު އިތުރަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޗް14 ކޮމިއުނިޓީ ވައިބަރ ގުރޫޕު އަދި އެޗް14 ކަނބަލުން ގުރޫޕަށް ލާފައިވާ ގޫގްލް ފޯމެއް ފުރިހަމަކޮށްފައި ފޮނުއްވުމުން ބައިވެރިވުމުގެ ފުރުޞަތުލިބިގެން ދާނެ އެވެ.

އަލިފާން ނިއްވަން ދަސްކޮށްދޭ ހަރަކާތް ހިންގާ ދުވަހު ހަވީރު ހުޅުމާލެ ފޭސް2ގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް ފަޔާރ ވެހިކަލްތަކާއި އެކު ފޮޓޯނެގުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސަކީ ޓަވަރު14ގައި އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމަށާއި ހުޅުމާލޭގެ ތަރައްޤީއަށް ކުރޭވޭ ކޮންމެ ކަމެއްގައި ޖަމްއިއްޔާގެ އެއްބާރުލުން ލިބޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މިގޮތުން ޖަމްއިއްޔާގެ އިސްނެގުމުގެ މަތިން ފޭސް2ގެ ގޮނޑުދޮށްވެސް ދާދިފަހުން ވަނީ ސާފުކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާތީ މި ޖަމްއިއްޔާއިން ދަނީ ޓަވަރު ސާފުކުރުމުގެ ޕޮރްގުރާމަކަށްވެސް ތައްޔާރުވަމުންނެވެ. ސާފުކުރަން ހަމަޖެހިފައިވާ ތާރީޚަކީ 3 ފެބުރުއަރީ 2023ވާ ހުކުރުދުވަހު ހެނދުނު 7:30 ން 9:30 އާއި ދެމެދުގައެވެ.

“ސާފު ސާދަ” ނަމުގައި ޓަވަރު ސާފުކުރުމުގެ ޕޮރްގުރާމެއް ކޮންމެ މަހަކު އެއް ފަހަރު ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާއިލާ އިބްރާހީމް (ލައިނާ)
ނާއިލާ އިބްރާހީމް (ލައިނާ) އަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމް ޕްރެޒެންޓަރެއްގެ އިތުރުން ޚަބަރުކިޔުންތެރިއެކެވެ. ލައިނާއަކީ ދޫހެލޭ، އެހުންތެރިންނާ ގުޅިގެން ޕްރޮގްރާމުތައް ކުރިއަށްގެންދާ ކުޅަދާނަ ޕްރެޒެންޓަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް