ދެ ލޯބިވެރިންގެ ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތާއި އެކަކު އަނެކަކު “ބީވީމާ” ކުރެވޭ އިހްސާސްތައް ތަފާތު ދެ ޒަމާނެއް ދައްކައިދެމުން ގެނެސްދީފައިވާ ފިލްމު “ބީވީމާ”ގެ ޖުމްލަ 05 ޝޯވ އެއްކޮށް ހައުސްފުލްވެފައިވާކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފި އެވެ.

“ބީވީމާ 06 ،07 ،08 ،09 އަދި 10 ފެބްރުއަރީ ހައުސްފުލް. މިހާރު ޓިކެޓް ލިބެން ހުރީ 11 ފެބްރުއަރީގެ ޝޯވއިން ފެށިގެން.” ޑާކް ރެއިން އިން އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

“ބީވީމާ”ގެ ޕްރިމިއަރ ޝޯވއަށް ފަހު މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނާއި ބެލުންތެރިންގެ ފަރާތުން ފިލްމުގެ މޮޅުކަމާ ރީތިކަމުގެ ވާހަކަތައް މީސްމީޑިއާގައި މިއަދާ މިރޭވެސް ހިއްސާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ ޕޯސްޓްތައް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފޭސްބްކް ޕޭޖުން އަލުން ޕޯސްޓްކުރަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ. ޕޯސްޓްކޮށްފައި ހުރި މެސެޖްތަކުން ފާހަގަކޮށްފައި ނުކުރާނެ އެއްޗެއް އިޚްތިޔާރުކޮށްލުންވެސް އެއީ ފަސޭހަކަމަކަށް ނުވާނެއެވެ.

“ރޭގަ ހީވީ ހަމަ ސްކޫލު ދައުރުގަ އުޅެވުނުހެން.” މިއީވެސް ބެލުންތެރިއެއްގެ ކޮމެންޓެކެވެ.

މިފަދަ އެތަކެއް ކޮމެންޓެއްގެ ތެރެއިން މަރްޔަމް ޝިފާޔާ ކޮށްފައި އޮތް ކޮމެންޓް މިއީ ފިލްމުގެ ވާހަކަ އެންމެ ކުރުކޮށް ފޮނިކޮށް އަދި އެހާމެ ސަޅިކޮށް ގެނެސްދީފައި އޮތް އެއް ކޮމެންޓެވެ.

“ބީވީމާ”އަކީ ތަމަޅަ ފިލްމެއްގެ އެޑެޕްޓޭޝަނެކެވެ. ލިޔެ ޑައިރެކްޓްކުރީ އަޙްމަދު ޒަރީރު އެވެ. ފިލްމުގެ އެންމެ މުހިންމު ރޯލުތަކުން ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ލަވަކިޔުންތެރިޔާ އާދަމް ޒިދާން (ނާނަ)ގެ އިތުރުން އާމިނަތު ރަޝްފާ (އާޝާ) އެވެ.

މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުޢާދު ޕްރޮޑިއުސްކޮށްފައިވާ “ބީވީމާ” ކެމެރާކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ މުނާޒް ޒުބައިރް އެވެ. ކޮސްޓިއުމްތައް ފަރުމާކޮށް ތަރިންގެ މޭކަޕް ކޮށްދިނީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.