ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް މުޙައްމަދު (ބަރޯ)ގެ ހިތްގައިމު އަޑުން، ހިތްގައިމު ލަވަފައްޗެއް ގެނެސްދޭ ދުވަހެކެވެ. “ލަވް މެޝަޕް”ގެ ނަމުގައި މީގެ ފަސް އަހަރުކުރިން ނެރެން ފެށި މި ސިލްސިލާގެ ފަސްވަނަ ބޮޅު މި މަހު 14ގައި ރިލީޒްކުރުމަށް ޝަމްވީލް ހުރީ ތައްޔާރަށެވެ.

ހިތްގައިމު ރާގުތަކަށް މީގެ ކުރިން އެކި ފަންނާނުން ކިޔާފައިވާ ލަވަތަކުން ހޮވާލެވޭ ރީތި ލޯބީގެ ލަވަތަކެއް އެއްކޮށްލައިގެން ޝަމްވީލް މިފަހަރު ނެރޭ ލަވަފަތީގައިވެސް ހިތްގައިމު 06 ލަވަ ހިމެނޭނެ ކަމަށް މުނިއަވަސް އަށް ޝަމްވީލް ބުންޏެވެ.

“މި ފަހަރު މި މެޝަޕްގަ މުޅިން އައު އަންހެން އަޑެއްވެސް އިވިގެންދާނެ.” ލަވްމެޝަޕް 05 ޚާއްޞަވާ ސަބަބެއް ހާމަކުރަމުން ޝަމްވީލް ފާހަގަކުރިއެވެ.

ލަވްމެޝަޕް 05ގެ ހުރިހައި ލަވަތަކެއް ތަރުތީބުކޮށްފައިވަނީ ވެސް ޝަމްވީލެވެ. މި މެޝަޕްގެ ކުޑަމިންވަރެއް ހިއްސާކޮށްލާފައިވާއިރު އިވިގެންދަނީ ދިވެހީންގެ ހިތްތަކާ ކުޅެލާފައިވާ ލަވަ “އެ ކީއްވެހޭ ނިވާވަމުން އެ ހަނދު ފިލީ…..”އެވެ.

“ލަވް މެޝަޕް05″ގެ އާޓް ވޯކް ހަދާފައިވަނީ ޢަލީ ރިޒާ (ޒާރިއޯ) އެވެ.

ޝަމްވީލްގެ ލަވްމެޝަޕްތައް އާއްމުކުރަމުން ދަނީ ޔޫޓިއުބް އަދި ސައުންޑްކްލައުޑް މެދުވެރިކޮށެވެ.

މިދިޔަ އަހަރު ޝަމްވީލް ނެރުނު “ލަވް މެޝަޕް 4” ގައި ހިމެނޭ ލަވަތަކަށް ބަލައިލާއިރު، ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފަައިވާ ލަވަ ‘މިރޭ ނަސީބުހޭ’، ‘ވިންދު ޖަހާތީ’، ‘ޖެހިލުންވެ މޭ ތެޅޭ’، ‘އެ ހޯދި އުފާ’، އަދި ‘ހޯދާ މަހޯދާ’ ހިމެނެއެވެ. މީގެ އިތުރުން މުޅިން އައު ލިރިކްސް އެއް ކަމަށްވާ ‘ކިހިނެއްހޭ ޔާރް’ ހިމެނެއެވެ. މިއީ ރިޓްޒް ލިރިކްސްގެ ލިރިކްސްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.