ސްކޫލް މަދަރުސާތަކުގެ އަދަބީ ހަރަކާތްތަކާއި އިސްޓޭޖް ތަމްސީލުތަކަށް ހެއްވާ މަޖާ އައިޓަމް ތައްޔާރުކުރުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން “ބަޚަބަރު”ގެ ގޮތުގައި މަޖާ ޚަބަރު ކިޔުމަކީ ބަހުގެ އަދަބިއްޔާތުގެ ތެރޭގައި އޮންނަ ކަމެކެވެ.
މި ގެނެސްދޭ ޚަބަރަކީ ކަލާފާނު ސްކޫލުގެ ދަރިވަރަކު އަދަބީ ހަރަކާތެއްގައި ބަޚަބަރެއް ކިޔަން ޖެހިގެން އަޅުގަނޑުކުރެން އެދުނު އެދުމަކަށް ލިޔުނު ބަޚަބަރެކެެވެ. ނަމަވެސް މި ބަޚަބަރުގެ އަސްލު ފޯރަނީ އަޅުގަނޑު ޕްރައިމަރީ ސްކޫލް ދުވަސްވަރު ރަށުގެ ސްކޫލަށް ޒިޔާރަތްކުރެއްވި ދަސްކުރާ މުދައްރިސުން (ޓީޗިން ޕްރެކްޓިކަލް ހައްދަވާ މުދައްރިސުން) ހުށައެޅުއްވި އިސްޓޭޖް ތަމްސީލެއްގައި ގެނެސްދިން ބަޚަބަރަކާއެވެ. އަޅުގަނޑު ހަނދާންހުރި މިންވަރުން އެ ބަޚަބަރުގެ ބައިތައް ހިމެނުމުގެ އިތުރުން، މި ޒަމާނާ ގުޅުވައިލުމަށް ބައެއް ބައިތައް އިތުރުކޮށްފައިވާނެ އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ފާހަގަކޮށްލެވޭ ބައެއް ސަޚްޞިއްޔަތާވެސް ގުޅުވާލާފައިވާނެ އެވެ.
ޚަބަރުގައި ގެނެސްދިން ހާދިސާ ހިނގާފައިވާ މާހައުލަކަށް ބޭނުންކުރީ މިހާރު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަބްދުއްރަހީމް އޭނާގެ އެކުވެރިންކޮޅަކާއެކު ނުވަދިހައިގެ އަހަރުތަކުގައި ކުޅުއްވާފައިވާ ޓީވީ ޑްރާމާގައި ބޭނުންކުރެއްވި ސޭކްސްތާނާ އެވެ.
ސޭކްސްތާނުގެ ރައީސް ބިންހިމަ ގަހެއްގައި އަޅުއްވައިގަންނަވާފައި ވެއްޓިވަޑައިގެންފި
ސޭކްސްތާނުގެ ރައީސް ގިގިމާލީ އައްޗިނީކޯ ބިންހިމަ ގަހެއްގައި އަޅުއްވައިގަންނަވާފައި ވެއްޓިވަޑައިގެންފި. މި ހާދިސާގެ ސަބަބުން ރައީސް ގިގިމާލީ އައްޗިނީކޯއަށް ބައިޓަނު ވެލި ފަރިއްކުޅުއްވި ހަސްފަތާލުގައި އެނދުމަތިވެވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަޖުނޫން އަރީފް ވިދާޅުވޭ.
މި ހާދިސާ ހިނގީ ގާދޫކޮލުން ބޭރުން ހިއްކަމުންދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ރައީސް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަމަށް ރަށްގޮވާ ރޭޑިއޯއަށް މަޢުލޫމާތު ދެއްވަމުން ތަރުޖަމާނު މަޖުނޫން އަރީފް ވިދާޅުވި.
ރައީސް ގިގިމާލީ އައްޗިނީކޯގެ ފައިންޕުޅު އަޅުއްވައިގެންނެވި ބިންހިމަ ގަހަކީ ބިމުން މައްޗަށް އެއްމެ ސޫތެއްވެސް އުފުލިފައިނެތް ބިންހިމަ ގަހެއް ކަމަށާ އެ ގަސް ހުރީ އަލަށް ހިއްކާފައިވާ ބިމުގެ އެކަހެރި ހިސާބެއްގައި ކަމަށް މި އިވެންޓް ކަވަރުކުރުމަށް ދިޔަ އަޅުގަނޑުމެންގެ ނިއުސްކާސްޓަރ އައިސިރު ފާހަގަކޮށްފައިވޭ.
“ރައީސް ގިގިމާލީ އައްޗިނީކޯއަށް ބައިޓަނު ވެލި ފަރިއްކުޅުއްވުމުގެ ސަބަބުން މިވަގުތު މަހާ ޖައްރާފާއިން ހޮޅިއެއް ގުޅައިގެން ރައީސްގެ ބަނޑުފުޅުން ވެލި ހުސްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ސޭކްސްތާނަށް ކުރިމަތިވި މި ކުއްލި ހިތާމައިގެ ސަބަބުން ތިން ފޮއެދުވަސް ވާންދެން ގައުމީ ދިދަ، ދިދަ ދަނޑީގެ ދޮޅަސް ބައިކުޅަ އެއްބަޔަށް ތިރިކުރަން ސަރުކާރުން ނިންމާފައިވޭ. މީގެ އިތުރުން ހުރިހައި ގެއެއްގެ ރޭޑިއޯތަކުގެ އެންޓަނާތައްވެސް ދޮޅަސް ބައިކުޅަ އެއްބަޔަށް ތިރިކުރަން އަންގާފައިވާނެ.” ރައީސް އޮފީހުގެ ތަރުޖަމާނު މަޖުނޫން ސޮއިކުރައްވާ ރޭގެ ރޭދެބައި ވަނިކޮށް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވޭ.
ރަށްގޮވާ ރޭޑިއޯއަށް އެނގިފައިވާގޮތުން، ރައީސްގެ ފައިންޕުޅު އަޅުއްވައިގެންނެވި ބިންހިމަގަސް ކެނޑުމަށް ބޮޑެތި ހައިމާކްތަކާއި ސޭލާތައް މިހާރުވަނީ ހާދިސާ ހިނގި ސަރަހައްދަށް ގެންގޮސްފައި.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!
ޗޮއް. ތީވެސް ކަބަރެއްތަ