ޒަމާނީ ފެންވަރަށް އޮލިމްޕަސް ހުޅުވި ހަފުލާގެ ވާހަކަތައް އަލުން ދައްކާކަށް ނެތީމެވެ. ނަމަވެސް އެރޭ ދިވެހި ފިލްމީ ފަންނާނުންގެ ފަރާތުން ގެނެސްދިން ޚާއްޞަ އިސްޓޭޖް ތަމްސީލް “މަގޭ އޮލިމްޕަސް” މިއީ އެތަކެއް ގޮތަކުން ފާހަގަކޮށްލެވޭ ތަމްސީލެކެވެ. އެ ހުރިހައި ގޮތްތަކެއްގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. ސީދާ ނުކުތާއަށް ޖެހިލާނަމެވެ.

“މަގޭ އޮލިމްޕަސް” ތަމްްސީލުގެ ވަކި ހިސާބަކުން ރާއްޖޭގެ ހުނަރުވެރި އަދި ލިޖެންޑަރީ އެކްޓަރު/ޑައިރެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) ފެނިގެންދިއުން އެއީ އާދައިގެ ކަމެއް ނޫނެނެވެ. ރަޝީދު ފެނިގެން ދިޔައީ މީގެ އެކާޅީސް (41) އަހަރުކުރިން އޭނާ އެކްޓްކުރި ފަސްވަނަ ފިލްމު “އޯކިޑް އޭނާގެ މާ” ފިލްމުގައި ހިމެނޭ އެންމެ ހިޓް ލަވަ ‘އަންގައިދޭށޭ އަދުވީ ރުހިގެން…’ އިންނެވެ. ހަމަ އޭރު އެ ލަވައިގައި ބޭނުންކުރި ކޮސްޓިއުމްގައޭ ބުނާހާ ވައްތަރު ކޮސްޓިއުމެއްގައެވެ. ހަމަ އެ އެކްޓިން އެވެ. ބުންވަރަކަށް، ޖޯޝަކަށް އެނގުމެއް ނެތެވެ. ތަމްސީލުގައި ދައްކައިދިނީ “އޯކިޑް އޭނާގެ މާ”ގައި ދައްކައިދިން މަންޒަރެވެ.

“ފުރަތަމަ ޓެޓް ގުޅާފަ ބުނީ މިކަހަލަ މިކަހަލަ އައިޓަމެއް ހަދަނީއޭ…. އޮރިޖިނަލް ހުއްޓާ ޑުޕްލިކޭޓެއް ނުލައޭ އެ ސެގްމެންޓް ގެންނަން ބޭނުންވަނީ. ދެން ރަޝީދުވެސް ފިލްމީ ދާއިރާ އެންމެން ކުރާ ކަމަކަށްވެފަ މިކަހަލަ މުހިންމު އިވެންޓެއްގެ ކަމެއްވީމަ އާނބަސް ބުނީ.” ރަޝީދަށް މި ފުރުޞަތު ލިބުނު ގޮތް މުނިއަވަސްއާ ހިއްސާކުރަމުން މިއަދު ބުންޏެވެ.

“ހިތަށް އެރި ހަމަ އެހާ ދުވަސްކޮށްފަ މި ފުރުޞަތު ލިބުނީމާ ދޫކޮށް ނުލާނަމޭ. ވަރަށް އެހެެންކަހަލަ އިހްސާސްތަކެއްވި ލައިވްކޮށް ކުރިއަށް ގެންދިޔަ ކަމަކަށްވެސް ވާތީ.” އެހާ ޒަމާންކޮށްފައި މި ސެގްމެންޓް ހުށައަޅައިލަން ލިބުމުން ކުރެވުނު އިހްސާސްތައްވެސް މުނިއަވަސްއާ ރަޝީދު ހިއްސާކުރިއެވެ.

ރަޝީދުގެ ވާހަކައިގެ ތެރެއިން މި އައިޓަމް ތައްޔާރުކުރުމުގެ އިސް މޭސްތިރިއަކަށް ހުރި ޑައިރެކްޓަރ މުޙައްމަދު ނިޔާޒު (ޓެޑް) ވެސް މިއަދުގެ ވަގުތެއްގައި ދަރާ ރަޝީދު މި ތަމްސީލުން ފެނިގެންދިއުން ފާހަގަކޮށް މުހިންމު ވާހަކަތަކެއް ހިއްސާކޮށްފައިވެއެވެ.

“1970ގެ މެދުތެރޭގަ މުޙައްމަދު ރަޝީދު އަކީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔަ އަހަރެންގެ ދެބެންގެ ދެދަރި ކުއްޖެއްގެ ކުލާސްކުއްޖެއް. އޭރު އަހަރުމެން އިންޓޯލުގަޑީގަ ލުއިކާ އާއި ބުއިންތައް ކައިބޮއެ އުޅުނީ ބީޗް ކްރެސެންޓްގަ ތިބެގެން.

1982ގަ އެކްޓަރު ރަޝީދު ވަނީ “އޯކިޑް އޭނާގެ މާ” ކުޅެފަ. އޭނާއަކީ ރާއްޖޭގެ ފިލްމު/ޓީވީ އުފެއްދުންތަކުގަ އެކްޓްކޮށްލަން ކެރުނު މަދު މީހުންގެ ތެރެއިން އެކަކު. އޭރު، އެކްޓަރުންގެ ގޮތުގަ މަސައްކަތްކުރި އެ ހިތްވަރުގަދަ އެކްޓަރުންނަށް އާއްމުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވި. އޭރު އެކްޓަރުންނަށް ޖެހުނީ ކަންފަތް ފުރެންދެން އެމީހުންނާ ދިމާއަށް ގޮވި ހަޑިއެއްޗެއްތައް ދިރުވާލައިގެން ތިބެން.

80ގެ އަހަރުތަކުގެ ފަހުކޮޅު ރަޝީދަކީ އަހަންނާ އެކުގަ ޓީވީއެމްގަ މަސައްކަތްކުރި މީހެއް. އޭގެ ދަހަރުތަކެއް ފަހުން އަހަރެން ރަޝީދާއެކު ޖެންޑަރ ބޭސްޑް ވަޔަލެންސަށް އާއްމުން ހޭލުންތެރިކުރުވުމަށް ހެދި ޕަބްލިކް ސާރވިސް އެނަައުންސްމެންޓް ސީރީޒް “ބިތުފަންގި” ސީޒަން 2ގަ މަސައްކަތްކުރި.
ރަޝީދު ކުޅެފައިވާ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވޭ ހިނދުކޮޅުތަކުން ހިނދުކޮޅެއް ސްޓޭޖް ތަމްސީލެއްގައި ކުޅުމަށް ދަޢުވަތު ދިނުމަށް މިދިޔަ މަހު، އަހަރެން ރަަޝީދަށް ގުޅިން.
އެހާ ޒަމާންވީ ތަޖުރިބާކާރު ފަންނުވެރިއަކަށްވެ ހުރެމެ ރަޝީދު އެ މުނާސަބަތުގަ ބައިވެރިވީތީ އަހަރެން ޝުކުރުވެރިވަން.
ޝުކްރިއްޔާ ދަރާބެ 🙏🏾

“މަގޭ އޮލިމްޕަސް” ވީޑިއޯ ބައްލަވާލައްވާށެވެ.

(4) Facebook

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.