– ނޫރާއްޖެއިން ހަދާފައިވާ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާރވޭގެ ހޯދުންތައް އާންމުކޮށް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ބާއްވަނީ

ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން، އާންމުކޮށް ހުޅުވާލައިގެން ސެޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ސެޝަން ބާއްވާނީ މާރިޗު 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މާލެ ކެމްޕަހުގައެވެ.

މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާ ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވި، ބައިވެރިންނަށް ނޫރާއްޖޭގެ ޓީމާއި ސުވާލުކޮށް ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އޯޝަން ޔޫސް ސާރވޭގައި 25,000 މީހުން ރަމްޒުވާ ގޮތަށް 4900 އަށް ވުރެން ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ. އަދި ސާރވޭގެ ބައިވެރިންވަނީ އެކި ކަންކަމަށް ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތައް ރަމްޒުކޮށްދޭ 29,000 އަށްވުރެ ގިނަ ސަރަހައްދު ޑިޖިޓަލް މެޕިން ޕްލެޓްފޯމްއެއް ކަމުގައިވާ ސީސްކެޗް މެދުވެރިކޮށް ފާހަގަކޮށްފައެވެ.

މި ސާރވޭއަކީ މުޖުތުމައުގެ ބައިވެރިވުމާއެކު، ސައިންސްގެ މައްޗަށް ބިނާކޮށް ނޫރާއްޖޭއިން ތައްޔާރުކުރާ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ މުހިންމު ބައެކެވެ. މި ޕްލޭނާއެކު ރާއްޖޭގެ ކަނޑުފަޅުތައް ކުރިއަށްއޮތްތަނުގައި ބޭނުންކުރާނެ ގޮތާއި ހިމާޔަތްކުރާނެ ގޮތް ރޭވިގެންދާނެއެވެ. އަދި މި ޕްލޭން އެކުލަވާލެވޭނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި ގުޅޭގޮތުންނާއި، ދިވެހިން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ އެންމެ އިތުބާރު ހިފޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އޯޝަން ޔޫސް ސާރވޭއާއެކު ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތް މިހާރަށް ވުރެއް ރަނގަޅަށް މި ދާއިރާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އެނގިގެންދާނެއެވެ. އަދި ދިވެހި ސަރުކާރުގެ ލަނޑުދަނޑިއެއް ކަމުގައިވާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް ކަނޑައަޅަންޖެހޭ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ފާހަގަކުރަން ބޭނުންވާ މުހިންމު މައުލޫމާތު ލިބިގެންދާނެއެވެ.

މި ސާރވޭއަށް މައުލޫމާތު ހޯދުމުގެ ގޮތުން ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން އުޅޭ 189 ރަށަށް ދަތުރުކޮށް އާންމުން ކަނޑުފަޅުތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު އެއްކޮށްފައެވެ. މީގެ އިތުރުން ސާރވޭއަށް އޮންލައިންކޮށް މައުލޫމާތު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. މި ސާރވޭގެ މައުލޫމާތާއެކު  ރާއްޖޭގެ މަސްވެރިންނާއި، ޓޫރިޒަމް ސިނާއަތާއި އާންމު ފަރުދުން ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ ތަފްޞީލް ހީޓްމެޕްގެ ޒަރިއްޔާއިން އެނގިގެންދާނެއެވެ.

“ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޤައުމަކަށް ވީތީ އަޅުގަނޑުމެން އެންމެންނަކީވެސް ކަނޑުފަޅުތައް ކޮންމެވެސް ސިފައެއްގައި ބޭނުންކުރާ ބައެއް. އެހެންކަމުން ކަނޑުން ލިބޭ ނަފާ މެނޭޖްކުރުމުގެ މަސައްކަތްކުރާއިރު ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. މި ސާވޭއަށް ހުރިހާ ފަރާތްކަކުން އަދި ވަކިން ހާއްސަކޮށް މަސްވެރިން ދެއްވި އެއްބާރުލުން ފެނި އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ހިތްވަރެއް މި ވަނީ ލިބިފަ. އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ހުރި ޕްލޭނިން މަސައްކަތްތަކަށްވެސް މިފަދަ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔުން،” މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސާރވޭއިން ލިބިފައިވާ މައުލޫމާތު އާންމުންނާއި ފުރަތަމަ ފަހަރަށް ހިއްޞާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،” ނޫރާއްޖޭގެ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވިއެވެ. “މި މައުލޫމާތު އެއްކުރުމަކީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔާތް ކުރުމަށް މުހިންމު ކަމެއް. އޯޝަން ޔޫސް ސާރވޭގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.