އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
އެއީ މީގެ ދިހަ އަހަރުކުރިއެވެ. އަހަރެންނާއި ނާއިދު ބައްދަލުވީ ދޮންތަގެ ފަރާތުންނެވެ. އޭރު އަހަރެންގެ އުމުރުން ފަނަރަ އަހަރެވެ. ދޮންތައަށް ސަތާރަ އަހަރެވެ. ނާއިދުއަކީ ދޮންތަގެ ލޯބިވެރިޔާއެވެ. އެމީހަކަށްޓަކައި ފުރާނަ ދޫކޮށްލަން ވެސް ދޮންތަ ފަސްނުޖެހި ހުރި އަލަތު ބައިވެރިޔާއެވެ. އެއީ ތެދުވެރި ވަފާތެރި ލޯބީގެ މިސާލެކެވެ.

ދޮންތަ އާއި ނާއިދުގެ ލޯބީގެ ގުޅުމަށް އަހަރެންގެ ޢާއިލާއިން ދެކޮޅު ހަދަމުންދާކަން އެންމެރަނގަޅަށް އެނގެނީ އަހަރެންނަށެވެ. އެހެނަސް އަހަރެންނަކީ އެފަދަކަމަކާއި އެއްޗެއް ބުނެވޭވަރުގެ މީހެއް ނޫނެވެ. ޢާއިލާގެ އިސްމީހުންގެ މައްޗަށް އެއްޗެކޭ ބުނެވޭވަރަށްވުރެ ކުޑަ ކުއްޖެކެވެ.

ނާއިދުގެ ޢާއިލާއަކީ ފޯރުންތެރި ޢާއިލާއެއް ނޫން ނަމަވެސް، ނާއިދު އޭނާގެ އަމިއްލަ މަސައްކަތުން ހޯދަމުންދިޔަ ފައިސާއިން ދޮންތަގެ ކިޔެވުމަށް އެހީތެރިވަމުންދިޔަކަން އަހަރެންނަށް އެނގެއެވެ. ސަބަބަކަށްވީ ދޮންތައަކީ މޮޅަށް ކިޔަވައިގެންހުރި މޮޅުމީހަކަށްވުމަށް ނާއިދު ބޭނުންވާވަރު ބޮޑުކަމެވެ. ކެނޑިނޭޅި ދޮންތައަށް ހިތްވަރުދީ ކެތްތެރިވުމަށް ބުނަމުންދިޔައެވެ. ކެތްތެރިކަމުގެ ނަތީޖާ ފޮނިވާނެކަމަށް ބުނަމުންދިޔަ އެވެ. ދޮންތަގެ ކިޔެވުން ނިމުނުހާ އަވަހަކަށް ކައިވެނިކުރަން ނާއިދު ހުރީ ތައްޔާރަށެވެ.

ދޮންތަ އާއި ނާއިދު ދުރުކުރުމަށް އަހަރެންގެ ޢާއިލާމީހުނަށް ޚާއްޞަކޮށް އަހަރެންގެ މަންމައަށް ކުރެވޭން ހުރި ހުރިހާކަމެއް ކުރަމުންދިޔައެވެ. ނަތީޖާ ނުފެންނަނީއެވެ.

ދޮންތަގެ ކައިވެންޏާއި ބެހޭގޮތުން މަންމަ ކުރި އެންމެ ބޮޑު ޕްލޭން އަހަރެން އަޑުއެހީ ސިއްރުންނެވެ. ގައިން ހީބިހި ނަގައިގެންދިޔަ އެވެ. އަހަރެންގެ މަންމައަކީ ހަމަ އެހާ އަމިއްލަ އެދުންބޮޑު މީހެއްބާއޭ ހިތަށްއެރިއެވެ.

މަރިޔަންތަ އަކީ މަންމަގެ އެންމެގާތް އެކުވެރިޔާއެވެ. ކުޑައިރުއްސުރެ އެކުގައިއުޅެ ބޮޑުވި ދެއެކުވެރިންނެވެ. މަރިޔަންތަގެ ދެމަފިރިންނަކީ ރަށު ފެންވަރުން ތަނަވަސް ބައެކެވެ. މަންމަ ބޭނުންވީ މަންމަ އާއި މަރިޔަންތަގެ ޒަމާންވީ ގުޅުން ދާއިމީ ގުޅުމަކަށް ހަދާލާށެވެ.

މަންމަގެ އެހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު އަހަރެން ނުދޭނަމެވެ. މަންމައަކަށް ދޮންތަ ވިއްކައެއް ނުލެވޭނެއެވެ. ދޮންތަގެ ދިފާއުގައި އަހަރެން ތެދުވާނަމެވެ. އަހަރެންނަކީ ޢާއިލާގައި ހުރި އެންމެ ހަގުމީހާ ނަމަވެސް އެދުވަހުން އަހަރެންގެ ނިންމުން އިއްވާނަމެވެ. އެވާހަކަތައް އަޑުއަހަން މަޖުބޫރު ކުރުވާނަމެވެ.

މަރިޔަންތަގެ އަހްމަދާއި ދޮންތަ ކައިވެނިކުރުވަން މަންމަ އާއި މަރިޔަންތަ މަސައްކަތްކުރަމުންދާ ވާހަކަ ބުނުމާއިއެކު ދޮންތަ ރޯންފެށިއެވެ. ދުވަހަކު ވެސް އޭނާއާ ނީއްނާނެކަމަށް ބުންޏެވެ. ނާއިދު ނޫން އެހެން މީހަކާއި އިންނަން ޖެހިއްޖެނަމަ އަމިއްލައަށް މަރުވާނެކަމުގެ އިންޒާރުދިނެވެ. އެވާހަކަތައް ދޮންތަގާތު ނުދެއްކުނު ނަމައޭ އަހަރެންގެ ހިތަށްއެރީ އެހިސާބުންނެވެ.
މަންމަ ބޭނުންވާގޮތަށް އެކަން ނުވާނެކަމުގެ ޔަގީންކަންދީ ދޮންތައަށް ހިތްވަރާއި ނަސޭހަތްދިނުމުގައި އަހަރެން ދެމިހުރީމެވެ. ކުފުރު މަރަކުން މަރުވާން ހެޔޮނުވާނެކަން ވިސްނައިދިނީމެވެ. އެފަދަ ދުވަހެއް ފެނިއްޖެނަމަ އަހަރެންނަށް ވެދާނެގޮތާއިމެދު ވިސްނާލުމަށް ބުނީމެވެ. އަހަރެންގެ ވާހަކަތައް ދޮންތަ އަޑުއެހިއެވެ. އަހަރެންނަށް އިތުބާރުކުރިއެވެ.

އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް ފެތުރުނު ވާހަކައަށް އެންމެފުރަތަމަ އިންކާރުކުރި އެކަކީ އަހަރެންނެވެ. ދޮންތަގެ ފަރާތުން ލިބިފައިވާ މަޢުލޫމާތާއި މާޒީއަށް ބަލާއިރު ނާއިދު އެވަރުގެ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަހަރެންނަށް ވަރަށް ބޮޑެވެ.

މަސްތުވާތަކެއްޗާއިއެކު ނާއިދު ހައްޔަރުކުރި ވާހަކަ ދައްކަމުން ރަށުތެރޭގައި އެންމެ ގިނައިން ހިންގި އެކަކީ އަހަރެންގެ މަންމަ އެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާލުމަށް މަންމަ އުދައްސައިގެން ކަހަލައެވެ. އެހާވެސް ހަލުވި ވެފައި ހަރަކާތް އަވަހަށެވެ.

ލިބުނު ހިތާމަވެރި ޚަބަރާއިއެކު ދޮންތައަށް ހާޓްއެޓޭކެއް ޖެހުނެވެ. ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާދޭން ފެށުނެވެ.

އެމަޖެންސީގައި ފަރުވާދެމުންދިޔަ ދޮންތައާ ވާހަކަދައްކާލަން ޑޮކްޓަރު އެއްފުރުސަތު ދިނެވެ. އެހެން މީހުންގެ މޫނަށް އެމީހުން ބުނާ އެއްޗަކަށް ބެލުމެއްނެތި ވަގުތުން އަހަރެން އެތެރެއަށް ދެމިގަތީމެވެ. މިވަގުތު ދޮންތައަށް ވެސް އެންމެ މުހިންމުވާނީ އަހަރެންކަމުގައި ނިންމީ އަހަރެން އަމިއްލައަށެވެ. ފަހުން ކޮންމެގޮތެއް ވިޔަސްހެވެ.

ދޮންތަ އަހަރެންގެ އަތުގައި ހިފާލިއެވެ. ވަރަށް މަސައްކަތުން ދެވާހަކައެއް ބުންޏެވެ. ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ކޮންފަދަ ހިތާމަވެރި ޚަބަރެއް ހެއްޔެވެ. އަހަރެންގެ ދޮންބެއަކީ ވެސް މަންމަފަދަ ހިތްނުބައި އިންސާނެއް ހެއްޔެވެ. ދޮންބެއަށް ވެސް އަހްމަދު އެހާ މުހިންމު ހެއްޔެވެ.

ދޮންތަގެ ހުށަހެޅުމަކީ ދުވަހަކު ވެސް އަހަރެން އާންއެކޭ ބުނަން ބޭނުންވި ހުށަހެޅުމެއް ނޫނެވެ. ދޮންތަގެ ކުރިމަތީގައި ވަގުތުން ނޫނެކޭ ނުބުނި ނަމަވެސް އެހެން މީހަކު އެފަދަ ވާހަކައެއް ދެއްކިނަމަ ވަގުތުން ނޫނެކޭ ބުނީމުހެވެ. ވަގުތާއި ހާލަތަށް ވިސްނައި އެހެން ގޮތެއް ނެތުމުން ދޮންތަގެ ހުށަހެޅުމަށް އަހަރެން އާނއެކޭ ބުނީއެވެ.

ދޮންތަ ހިނިތުންވެލިއެވެ. ދޮންތަ ހިނިތުންވެލުމުން އަހަރެންނަށް ވެސް ހިނިތުން ވެލެވުނެވެ. ދޮންތަ ނިޔާވީ އަހަރެންގެ އަތުގައި ހިފާލައިގެން އެ އޮތްގޮތަށް އޮއްވައެވެ.

ދޮންތަ ނިޔާވުމުން އެންމެބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބުނީ އަހަރެންނަށެވެ. އެކަނިވެރިވެ ނިކަމެތިވީ އަހަރެންނެވެ. މަޔަކަށްވުރެ ލޯބިން އަހަރެންގެ ހުރިހާކަމެއް ބަލަހައްޓައިދީ މުދައްރިސެއް ފަދައިން އަހަރެންގެ ކިޔެވުމަށް އިސްކަންދީ ބެސްޓްފުރެންޑެއް ފަދައިން އަހަރެންނާއިއެކު އުޅުނު ދޮންތަ ނިޔާވުމަކީ އަހަރެންނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

ދޮންތަ ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށް ހެދުމަށް އަހަރެންނަށް ކުރެވޭންހުރިހާ ކަމެއް ކުރުމަށް އަހަރެން އަތުކުރި އޮޅާލީމެވެ. ތަޢުލީމީހަޔާތް ނިމުމާއިއެކު އަހަރެންގެ ފުރަތަމަ ވިސްނުމަކަށްވީ އެކަމެވެ.

ދުވަހަކު ވެސް މިނިވަން ނުވާނެކަމަށް ރަށުމީހުން ބުނަމުންއައި ނާއިދު މިނިވަންވެ އެމައްސަލާގައި އަހަރެންގެ ދޮންބެ ހައްޔަރުކުރީ ކީއްވެގެންކަން އެނގޭނީ އަހަރެންނާއި، އެވާހަކަތައް އަހަރެން ހިއްސާކުރި ފަރާތްތަކަށް އެކަންޏެވެ. އިތުރަށް އެވާހަކަތައް އަހަރެން ނުދެއްކީއެވެ.

އުމުރުން ތޭވީސްއަހަރުވީ އިރުވެސް އަހަރެން މީހަކާއި ނީއްނާތީ މަންމަ ކަންބޮޑުވެގެން އެ ވާހަކަ ދައްކަމުންދިޔަ އެވެ. ރަނގަޅު މީހަކު ހޯދައިގެން އަވަހަށް ކައިވެނިކުރުމަށާއި ތިހާ ދުވަސްވާއިރު އަންހެންކުދިން މީހުނާއި ނީނދެ ތިބޭކަށް ނުވާނެއޭ ވެސް ބުންޏެވެ. މަންމަގެ ބާރު އެޅުމުގެ ސަބަބުން ބައްޕަ ވެސް އެވާހަކަ ދެއްކިއެވެ. ބޯއީ ފުރެންޑެއް ނުގެންގުޅޭތީ ރައްޓެހިން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

ނާއިދުއާ ކައިވެނިކުރަން ބޭނުންވެގެން އެވާހަކަ ދެއްކީ އަހަރެންނެވެ. ނާއިދު ހެދީ ދެކޮޅެވެ. ލިބުނު ފިލާވަޅުން ފުދިއްޖެކަމަށް ވެސް ބުންޏެވެ. އަހަރެން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އަހަރެންނަކީ ދޮންތަ ނޫންނަމަވެސް އަހަރެންނަކީ ދޮންތަކަން އޭނާއަށް އިހުސާސްވާވަރު ކުރީމެވެ.

އުމުރުން ތޭވީސްއަހަރު ވީއިރު ބައްޕަ ގާތު އަހަރެން އެދުނު އެންމެބޮޑު އެދުމާއިގެން ބައްޕަގެ ކުރިމައްޗަށް އެރުމުން އެންމެބޮޑު ހައިރާންކަމެއް ލިބުނީ މަންމައަށެވެ. ވަގުތުން ފުސްމޫނު ދެއްކިއެވެ. ދުވަހަކު ވެސް ތިޔަ ކައިވެންޏާއި އަހަރެން ނުރުހޭނަމޭ ވަލީދީގެން ނުވާނެއޭ ބުނެ ރުޅިވެރިކަމާއިއެކު ހަރުއަޑުން ބައްޕައަށް އިންޒާރުދިނެވެ.

އަހަރެންގެ އެދުމާއި ދެކޮޅުހަދާކަށް ބައްޕައަކަށް ނުކެރުނެވެ. މަންމައަށް ހިނިތުންވެލަމުން ނާއިދުގެ އަތުގައި ހިފައިގެން އަހަރެން ނުކުތީ ލިބުނު ކާމިޔާބަށް ހިތުގެ އެންމެފުންމިނުން އުފާކުރަމެވެ. ދޮންތަގެ އެންމެބޮޑު އެދުން ފުރިހަމަކޮށްދެވޭތީ ލިބޭ ހިތްހަމަޖެހުމާއި ވެސް އެކުގައެވެ.

ކައިވެންޏާއިއެކު އަހަރެންނަށް ލިބުނު އެންމެބޮޑު ހިތްހަމަޖެހުމަކީ، ފިރިމީހާގެ ރަނގަޅުކަމެވެ. ނާއިދުއަކީ ދޮންތަ ބުނިފަދަ ގާބިލް ފިރިއެކެވެ. ފިރިއަކަށްޓަކައި އަނތްބަކު ފަޚުރުވެރިވާނެ ހުރިހާ ސިފައެއް ނާއިދުގެ ފަރާތުން އަހަރެންނަށް ފެނުނުނެވެ. އަހަރެން އުފާކުރީމެވެ. ފިރިމީހާއަށްޓަކައި ފަޚުރުވެރިވެ އެވާހަކަ ދެއްކީމެވެ.

ނާއިދުއާ ކައިވެނިކުރީއްސުރެ އަހަރެން މަސައްކަތްކުރަމުން ދިޔައީ ނާއިދުއާ ގުޅުވައި ދޮންތަ ދެކެމުންދިޔަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އަހަރެންނަށް ކުރެވޭންހުރި ހުރިހާކަމެއް ކުރުމަށެވެ. އެހެން އެއްވެސް މަޤްޞަދެއް އަހަރެންގެ ނެތެވެ.

ލޯތްބަކީ ވާއެއްޗެއް ނޫނެވެ. ލޯތްބަކީ ވެވޭ އެއްޗެކެވެ. އަހަރެންގެ ފަރާތުން ނާއިދުއަށް ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ނާއިދުގެ ހިތުގައި އަހަރެންނާމެދު ލޯބި އުފެދުނެވެ. އަހަރެންނަށްވީ ވެސް އެކަހަލަ ގޮތެކެވެ. އެވާހަކަ ނާއިދުގާތު ބުނާން ނުކެރުނީއެވެ. ދޮންތައަށްޓަކައި ކުރިކައިވެނިން އަހަރެންގެ މުސްތަގުބަލް އުޖާލިވިއެވެ.
ނިމުނީ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް