މީހުން ދިރިއުޅޭ 04 ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓްތަކެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން މަސައްކަތް ފަށައިފިއެވެ.

މިއީ ދިވެހިރާއްޖެއިން އިއުލާނުކޮށްފައިވާ ކާރބަން ނެޓް-ޒީރޯ 2023 ގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން ނ. ލަންދޫ، ތ. ބުރުނީ، ތ. މަޑިފުށި އަދި ތ. ވިލުފުށީގައި ކޮމިއުނިޓީ އައިސްޕްލާންޓުތަކެއް ޤާއިމުކޮށްދޭނެ ފަރާތެއް ކަނޑައަޅައި، 09 މެއި 2023 ގައި މިމަސައްކަތް ކުރުމަށް ހޮވުނު ފަރާތްކަމުގައިވާ ޗައިނާގެ “އިންސްޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓް ކޮމްޕެނީ ލިމިޓެޑް” އަށް އެވޯޑްކޮށްފައި ވާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހާމަކުރައްވައެވެ.

މި މަޝްރޫޢުގެ ދަށުން ނ. ލަންދޫ، ތ. މަޑިފުށި އަދ ތ. ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސްޕްލާންޓް، 30 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެއެވެ. އަދި ތ. ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓް، 15 ޓަނުގެ ސްޓޯރޭޖާއެކު ޤާއިމުކުރެވޭނެއެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ކޮންޓްރެކްޓް އިފެކްޓިވްވާ ދުވަހުން ފެށިގެން 240 ދުވަހެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،773،242.93 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު ނުވަދިހަ ތިން ސެންޓް) އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.