ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން 21 މެއި 2023ވަނަ ދުވަހު ހުޅުވައިފި އެވެ. ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާއެއްގައި މި ކަލެކްޝަން އިފްތިތާޙު ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.

ދިވެހިރާއްޖޭގައި ނޭޝަނަލް އާޓް ގެލެރީއެއް ޤާއިމް ކުރެވިގެންދިޔައީ 2005 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭރުގެ ސަރުކާރުން ނޭޝަނަލް އާޓް ގެލެރީ އުފެއްދެވީ ކުރެހުންތެރިކަމުގެ ޞަޤާފަތުގައި ހިމެނޭ ވީހާވެސް ގިނަ ތަކެއްޗެއް ހޯދައި އެއްކޮށް ރައްކާތެރިކަމާއިއެކު އާންމުކޮށް ދެއްކުމާއި ކުރެހުމާއި އަދި ކުރެހުމާ ގުޅިފައިވާ ފަންނުތައް ތަރައްޤީކޮށް ފަންނުވެރިންނަށް ކުރިއަށް ދެވޭނޭ މަގުތައް ހޯދައިދިނުމަށެވެ. 2005 ވަނަ އަހަރު ހުޅުވި ނޭޝަނަލް އާޓް ގެލެރީ ޤާއިމްކޮށްފައިވަނީ ގ. ބިއްލޫރިޖެހިގޭގައެވެ. މިހާރު ގެލެރީ ހިންގަމުންދާ، ޤައުމީ ދާރުލްއާސާރު ބިލްޑިގްގ – ބްލޮކް A އަށް ނޭޝަނަލް އާޓް ގެލެރީ ބަދަލުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ބެލެނިވެރި މުއައްސަސާކަމުގައިވާ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުވުމާއި ގުޅިގެން، އެހާތަނަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދެވި އޮތް ނޭޝަނަލް އާޓް ގެލެރީ ތަރައްޤީ ކުރުމަށް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން އާޓް ގެލެރީއަކީ އާޓް މައުރަޒު ކުރުމަށާއި އާޓް ދާއިރާ އާއި ގުޅޭ ކަންކަމަށް ޚާއްސަ ތަނަކަށް ހަދައި، މައުރަޒު ބޭއްވުމަށް ވަކިވަކި އާޓިސްޓުންގެ އަތުން ނަގަމުންދިޔަ ބޮޑު ފީ ނެގުން ވަނީ ހުއްޓާލެވިފައެވެ. އަދި ހަމަ މިއާއިއެކު ނޭޝަނަލް އާޓް ގެލެރީގެ ޚިދުމަތްތަކާއި ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ތަނުގައި އޮފީހެއް ޤާއިމްކޮށް، ޒަމާނީ ލައިޓިންގ ސިސްޓަމެއް ވަނީ އިންސްޓޯލް ކުރެވިފައެވެ. އަދި އާޓް މައުރަޒު ކުރުމަށް އެކަށޭނަ، ކަސްޓަމައިޒަބަލް ޕެނަލް ސެޓެއް ގެލެރީއަށް ވަނީ ހޯދިފައެވެ.

2005 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމް ކުރުމުގެ ސިޔާސަތެއް އޮވެ، ޕަރމަނަންޓް ކަލެކްޝަންގައި ހިމެނުމަށް ބައެއް ކުރެހުންތައް ވެސް ސަރުކާރަށް ހޯދާފައި ވީނަމަވެސް މިއަދާ ޖެހެންދެންވެސް ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވެއެވެ.

މިއަދު ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން އިފްތިތާޙު ކުރެވޭއިރު، ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވާއިރު، މައުރަޒު ކުރެވިފައިވާ ކުރެހުންތައް ނޭޝަނަލް އާޓް ގެލެރީއިން ދާނީ އެކި ދުވަސްމަތިން ބަދަލުކޮށް، އާ ކުރެހުންތައް މައުރަޒު ކުރަމުންނެވެ. ޕަރމަނަންޓް ކަލެކްޝަންގެ 24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ވަގުތީ ގޮތުން ނޭޝަނަލް އާޓް ގެލެރީގައި މައުރަޒު ކުރުމަށް ހ. ހިކަރީ، އަހްމަދު އާދަމް (ނ.ޢ.ޢ.ވ) ދެއްވާފައިވާ، ކުރީގެ ޚާރިޖީ ވަޒީރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލް (ނ.ޢ.ޢ.ވ) ކުރައްސަވާފައިވާ ކުރެހުމެއް ވަނީ ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒު ކުރެވިފައެވެ.

ޕަރމަނަންޓް ކަލެކްޝަންގައި މިވަގުތު ހިމެނޭ ކުރެހުންތައް ކުރައްސަވާފައިވާ ދިވެހި އާޓިސްޓުންނަކީ، އަލްމަރްޙޫމް ސަރުދާރު ދޮންމަނިކު، އަލްމަރްޙޫމް ނތ ޙަސަން ދީދީ، ޙުސައިން އަފީފު، ޙުސައިން ޢަލީ މަނިކު، އަފްޒަލް ޝާފިއު ޙަސަން، އަޙުމަދު ނަޞީރު، ޙަސަން ޝަމީމް، ޚަދީޖާ އަބޫބަކުރު، އައިމިނަތު ޙިލްމީ، މުޙައްމަދު މަދީޙު، އަޙުމަދު ޝުޖާ، ސަމާޙް އަޙުމަދު އަދި ޙަސަން ޒިޔާދްއެވެ.

މީގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވުމާއި ގުޅިގެން މި މެއި މަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 10 ން ރޭގަނޑު 10 ށް އަދި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު 10 ން އިރުއޮއްސި 6 އަށް ނަމާދު ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ޕަރމަނަންޓް ކަލެކްޝަން ހުންނާނީ ހިލޭ ވަދެވޭގޮތަށް އާންމުކޮށް ހުޅުވާލެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.