ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާގައި ކުރިއަރައިދާން ގަދަ އަޅައި މަސައްކަތްކުރާ ޒުވާނުން ރާއްޖޭގެ ނިސްބަތުން މަދެއް ނޫނެވެ. ނަމަވެސް އެފަދަ ފަންނާނުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަން ފަހިވުމުގެ ފުރުޞަތަކީ އަދިވެސް މި ރާއްޖޭގައި ތަދުކަމެކެވެ. ޕްރޮޑިއުސްކޮށްދޭނެ ފަރާތެއް ނުވަތަ ސްޕޮންސާކޮށްދޭނެ ފަރާތެއް ނުލިބިގެން ރީތިގޮތުގައި ސަލާންޖަހަން ޖެހިފައިވާ ފަންނުވެރިން ތިބެން ޖެހިފައިވަނީ ގޮތް ހުސްވެފައެވެ. ނުވަތަ އެއްވެސް މަންފާއެއް ނުލިބުނަސް، ބޮޑު ޚަރަދުކޮށްގެން އުފެއްދުންތައް އުފައްދައި ރިލީޒްކޮށްލައިގެން އަމިއްލަ ހިތްހަމަޖެހުން ހޯދާ ފަންނުވެރިންގެ ގޮތުގައި ކުރިއަށްދިއުން ނޫން ގޮތެއް ނެތް އެތަކެއް ފަންނާނުންނެއްވެސް ރާއްޖޭގައި އެބަ ތިއްބެވެ.

ދައްކަން މިއުޅެނީ ޒުވާން ޕްރޮޑަކްޝަން ހައުސްއެއްގެ އުފެއްދުންތެރި މަސައްކަތަކަށް ސްޕޮންސާ ހޯދުމަށް އެ ޕްރޮޑަކްޝަނުން ކުރަމުން އަންނަ މަސައްކަތުގެ ވާހަކައެވެ. ‘އިން ކްލިކްސް’ގެ ނަމުގައި ދިވެހި ވީޑިއޯލަވަ އަދި ދިވެހި އުފެއްދުންތައް ނެރެމުން އަންނަ މި ޕްރޮޑަކްޝަން ހައުސް އިން މި އަހަރުގެ އަޟްޙާ ޢީދަށް ނެރެން ތައްޔާރުވަމުން އަންނަ ހިތްގައިމު އަދި ފޯރިގަދަ ލަވަ “ނަށާ” ސްޕޮންސާކުރުމުގެ ފުރުޞަތު މިވަނީ ހުޅުވާާލާފައެވެ.

“މިފަހަރު މިއުޅެނީ ކުރިއަށްވުރެން ރަނގަޅު ލަވައެއް ނެރެވޭތޯ. މިއީ ހަތަރުވަނަ އީދު ވީޑިއޯ ލަވަ.” އަމިއްލަ ވީޑިއޯ ލަވަތަކެއް ނެރެމުން އަންނަ ‘އިން ކްލިކްސް’ގެ އިބްރާހީމް ނިޔާޒް މުނިއަވަސްއަށް ބުންޏެވެ.

އިން ކްލިކްސް’ގެ “ނަށާ” ލަވައިގެ ޓްރެއިލާއެއްވެސް މިހާރު ވަނީ އެމީހުންގެ ޔޫޓިއުބް ޗެނަލުން ދައްކާލާފައެވެ.

މި ލަވައިގެ އިތުރު މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ނިޔާޒް ބުނީ ލަވައިގައި ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ނަށާ ގްރޫޕް ‘ގޮމަ ގްރޫޕް’ގެ މެންބަރުން ކަމަށެވެ. ލަވައިގެ ޑައިރެކްޝަން ހަދައި އަދި ކެމެރާކޮށްފައިވަނީ އިބްރާހީމް ސުނިލް އަދި އިބްރާހީމް ނިޔާޒު އެވެ. ލަވަ ކިޔާފައިވަނީ ޝާ ސްޓޫޑިއޯގެ ޢަބްދުﷲ ޝާފިޢު އެވެ.

މިދިޔަ އަހަރުވެސް ‘އިން ކްލިކްސް’އިން ވަނީ އީދަށް ޚާއްޞަކޮށް ސަޅި ލަވައެއް ރިލީޒްކޮށްފައެވެ. ‘އީދޭ ވާ’ ލަވައިގައި ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.