އެކްޝަން ފައިޓްސް، އިމޯޝަންސް، ލޯބި، ރުޅި، ނަފުރަތު، ބަދަލުހިފުމުގެ ރޫޙް، އަންހެނެއްގެ ގަދަފަދަ ހިތްވަރާއި ބުންވަރު – މިއީ މި އަހަރު ރިލީޒްކުރަން ހަމަޖައްސާފައިވާ ފިލްމު “ނީނާ”ގެ ޓީޒަރ އިން ފެނުނު ބައެއް މަންޒަރުތަކުގައި ފެންނަ އަދި އިހްސާސްވާނެ އިންސާނީ ޖަޒުބާތު ނުވަތަ އިމޯޝަންސް ތަކެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު މީޑިއާތަކާ ހިއްސާކުރި ފިލްމު “ނީނާ”ގެ ވަރުގަދަ އަދި އެހާމެ ‘ގައްޑާ’ ޓީޒަރ އައިފިލްމްސް އިން އާއްމުކުރީ މިމަހު 07ވަނަ ދުވަހު އެވެ.

ޖުމްލަ 30 ޝޯވ ދެއްކުމަށް ހަމަޖެހިފާ ފިލްމު “ނީނާ” ރިލީޒްކުރުމަށް ނިންމާފައިވަނީ 06 އޯގަސްޓް 2023ގަ އެވެ. މިއީ އައިފިލްމްސް އިން އުފެއްދި އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗަރ ފިލްމު “ބަވަތި“އަށް ލިބުނު ބޮޑު ކާމިޔާބަށް ފަހު އެ ޕްރޮޑަކްޝަނުން އުފައްދާފައިވާ ދެވަނަ ފީޗާ ފިލްމެވެ.

ތަފާތުވާނެ، މަމީ ނީނާ” ޓީޒަރގައި މި ފިލްމުގެ ލީޑް ނުޒުހަތު ޝުއައިބު ބުނި ގޮތަށް ނީނާ ތަފާތު ވާނެ އެވެ. ނީނާގެ ކެރެކްޓަރ ތަފާތު ތިން ގޮތަކަށް މި ފިލްމުން ފެނިގެންދާނެ އެވެ. ނީނާ އަކީ އާދައިގެ ކަނބަލަކަށްވުރެން ތަފާތު ކަނބަލެއްކަން ޓީޒާއިން އެކަނިވެސް އެނގިގެންދެއެވެ.

ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރގެ މެންބަރެއްގެ ހައިސިއްޔަތުން އަދި މި ފިލްމުގެ މަސައްކަތްތައް ގާތުން ދެކުނު މީހެއްގެ ހައިސިއްޔަތުންވެސް ބުނެވެން އޮތީ ފިލްމު “ނީނާ” ވެސް ފިސާރި ތަފާތުވާނެ ކަމަށެވެ. “ތަފާތުވާނެ، މަމީ ނީނާ“އޭ އެ ބުނެލާ މަންޒަރަކީވެސް ތަފާތުވާނެ މަންޒަރެކެވެ. އެ މަންޒަރު ޝޫޓްކުރިތަން ގާތުން ފެނިފައިވިޔަސް، ފިލްމުން އެ މަންޒަރު ފެނުމުން ހަމަ ގައިމުވެސް އަހަރެންގެ ގައިންވެސް ހީބިހި ނަގާނެކަން މިހާރުވެސް ޔަޤީންވެ އެވެ.

ފިލްމު “ނީނާ” ލޯންޗިން އިވެންޓްގައި މީޑިއާތަކަށް ދައްކައިލި ޓީޒަރ، ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވައިންވެސް ފިލްމާމެދު ނޫސްވެރިންގެ އުއްމީދުވެސް އިތުރަށް އައުވެގެން ދިޔަކަން ފާހަގަކޮށްލެވެ އެވެ.

ނީނާ“ގެ މުހިންމު ބައިތައް ކުޅެފައިވާ ތަރިންގެ ތެރޭގައި އައިފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި“ގެ ލީޑުން ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް ހިމެނޭއިރު، ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފް ޢަބްދުﷲ، ހުނަރުވެރި ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މި ފިލްމުގައި ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ ފެނިގެންދާނީ މީގެ ކުރިން އޭނާ ފެނިފައި ނުވާފަދަ ވަރުގަދަ ކެރެކްޓަރއަކުންނެވެ. މީގެ އިތުރުން ފިލްމު ލިޔެ ޑައިރެކްޓްކޮށްފައިވާ އިލްޔާސް ވަހީދު މީޑިއާތަކަށް ބުނެފައިވަނީ ޝަރަފްގެ އެކްޓިން އެހެން ފިލްމުތަކާ ސީރީޒްތަކުން މިހާތަނަށް ފެނިފައި ވިޔަސް، މި ފިލްމުގައި އޭނާ ދައްކާފައިވާ ވަރުގެ ހުނަރުވެރި މޮޅު އެކްޓިންއެއް އަދި ފެނިފައި ނުވާކަމަށެވެ.

ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާދަމް ރިޒްވީ (ރެކްސް)، ނަތާޝާ ޖަލީލް، ޢަލީ އިނާޒް، ފީޗާ ފިލްމަކަށް އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި އައިޝާ އަލީ ހިމެނެއެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޝަހީދު ލިގެސީ އެވެ. މޭކަޕް ހަދައިދިނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ. ލަވަތަކުގެ މިއުޒިކް ހުސައިން ތަޢުފީޤް އެވެ. ޕްރޮމޯ ލަވައިގެ މިއުޒިކް ހެދީ މިސްޓީ އެވެ.

މި ފިލްމުވެސް ކެމެރާކުރީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހެދީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހެދީ އޯކޭޒް އިންކް ގެ ސާމީ އެވެ.

ނީނާ”ގެ ބޮޑު ބައި ޝޫޓްކޮށްފައިވަނީ ލ. ގަން، މާންދޫ އަދި ކަައްދޫގައެވެ.

ފިލްމު ”ނީނާ”ގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ފިލްމު ”ބަވަތި“ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރުކަންކުރި މުނިއަވަސް އެވެ.


ލިޔެ ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއުކުރީ: އަޙްމަދު ރަޝީދު | ވީޑިއޯ މަސްދަރު: އައިފިލްމްސް | ފޮޓޯ: އައިފިލްމްސް


ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.