ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ ޝާނީޒްގެ ‘ސެޓަރން ސްޓޫޑިއޯ‘ އިން ޕްރޮޑިއުސްކޮށްފައިވާ ސިންގަޅަ ބިރުވެރި ފިލްމު “ކައުޝީ“ގެ ދިވެހި ވާޝަން މިމަހު 19 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފި އެވެ. ފިލްމުގެ ލީޑް އެކްޓަރ އަމިލަ ކަރުނާނަޔަކް އާއި ލީޑް އެކްޓްރެސް ރަންގީ ރާޖަޕަކްސަ ވެސް ފިލްމު ޕްރިމިއާކުރުމަށް ބޭއްވި ރެޑް ކާޕެޓް އިވެންޓްގައި ބައިވެރިވި އެވެ.

ފިލްމު “ކައުޝީ“ ޕްރިމިއާކޮށްދެއްވީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤް އެވެ. މި ހަފުލާގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންވެސް ބައިވެރިވި އެވެ.

ފިލްމު “ކައުޝީ“ބެލި ގިނަ ބަޔަކަށް މި ފިލްމުގެ ގިނަ ކަންކަން ކަމުގޮސްފައިވާއިރު، ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނު މުޙައްމަދު ރަޝީދު (ދަރާ) މި ފިލްމާ ބެހޭގޮތުން ފުރަތަމަވެސް ބުނީ “ވަރަށް ސަޅި”ކަމަށެވެ.

“ޑަބިން އަދި ބެކްގްރައުންޑް ސްކޯ ވަރަށް ހަބޭސް.” ފިލްމީ އުފެއްދުންތަކާ މެދު އަބަދުވެސް ހަޤީޤަތަށް ވާހަކަދައްކާ މި ދާއިރާގެ ތަޖުރިބާކާރު ފަންނާނު ދަރާ ރަޝީދު މުނިއަވަސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ފާހަގަކުރިއެވެ.

“ޖުމްލަކޮށް އެކްޓިން ވެސް ވަރަށް ރަނގަޅު. ސީޒަންގެ ޑައިރެކްޝަންއަށް އަހަރެން ސެލިއުޓްދެން. ވަރަށް ރަނގަޅު މަސައްކަތެއް. ޓީމް ވޯރކް ވަރަށް ރަނގަޅު.” އިތުރު ތަފުސީލަށް ޖެހިލަމުން ދަރާ ރަޝީދު ހާމާކުރިއެވެ.

“އިހްސާސެއް ނުކުރެވުނު އަވަށްޓެރި ސްރީލަންކާގެ ފިލްމެއް ބަލާ ކަމަކަށް.” ފިލްމު ބަލަން ގޮސް ސިނަމާގައި އިނދެ ރަޝީދު އާ އެކު ދެކެވުނު ވާހަކައަކާ މުޅިން ތަފާތު ޖަވާބެއް ފިލްމު ބަލާ ނިމިގެން ރަޝީދު ދިނެވެ. ފިލްމު ފެށުމުގެ ކުރިން ސިނަމާ ހޯލުގައި އިނދެ ރަޝީދު ބުނީ ޑަބްކޮށްފައިވާ ހުންނަ ފިލްމު ބަލަން ފޫހިވާ ކަމަށެވެ. ނަމަވެސް ފިލްމު ބަލާ ނިމިގެން އެންމެ ފުރަތަމަވެސް ރަޝީދު ފާހަގަކުރި ކަމަކީ ފިލްމުގެ ޑަބިން އަދި ބެކްގްރައުންޑް ސްކޯ ރަނގަޅުކަމުގެ ވާހަކައެވެ.މި

ފިލްމުގެ ސްކްރީންޕްލޭ ވެސް ވަރަށް ރަނގަޅު ކަމަށް ރަޝީދު ފާހަގަކުރި އެވެ.

އެންމެ ފަހު ކަމަކަށް ރަޝީދު ބުނީ ސީޒަން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކަން ފާހަގަކުރަމުން ރަޝީދު ބުނީ ސީޒަންގެ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި މަރުހަބާކިޔާ ކަމަށެވެ.

ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމު “ކައުޝީ“ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.

ފިލްމު “ކައުޝީ“ގެ ދިވެހި ވާރޝަންއަށް އަޑު އަޅާފައިވާ ފަންނާނުންގެ ތެރޭގައި އަޙްމަދު ނިމާލް، ޢާމިރާ އިސްމާޢީލް، ޢަލީ ސީޒަން، ރިޝްމީ ރަމީޒް، އަޙްމަދު ސަޢީދު، ޝާރިފް، ކޮކޯ ހަސަން، މުޙައްމަދު ފައިސަލްގެ އިތުރުންވެސް ފާހަގަކޮށްލެވޭ ފަންނާނުންގެ އަޑުއިވިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.