ބާރު ސްޕީޑްގައި މިހާރު ޝޫޓިން ކުރިއަށްދާ “އުދަބާނި 2” ފިލްމަށް ބައިލައްކަ އަށްވުރެން ގިނަ ފައިސާ ހޭދަކޮށްގެން ވާރޭ ލަވައެއް ތައްޔާރުކުރަމުން އަންނަ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް މުނިއަވަސްއަށް ބުނެފިއެވެ. ޙާމިދު ޢަލީގެ ‘ލާރނާސް ޕްރޮޑަކްޝަން’ އިން މިމަހު 10ވަނަ ދުވަހު ރ. މާކުރަތުގައި ޝޫޓިން ފެށި ފިލްމު “އުދަބާނި 2″ގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިއަށްދާއިރު، “އުދަބާނި 1″ގައި ފެނިގެންދިޔަ ފަދަ ‘ވާރެއާ ތެމިގެން އުޅޭ’ އައިކަނިކް ލަވައެއްގެ މި ފިލްމުގައިވެސް ފެނިގެންދާނެ އެވެ. މި ލަވައިގެ ޝޫޓިން މިމަހު 25ވަނަ ދުވަހު ކުރިއަށްގެންގޮސްފައިވެއެވެ.

“މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މި ފިލްމުގެ އެއް ލަވަ ނެގުމަށް. މި ލަވައަކީ މިހާތަނަށް އަދި އަޅުގަނޑަށް މަޢުލޫމާތުލިބިފައިވާ ގޮތުގަ ދިވެހި ފިލްމެއްގަ އެންމެ ބޮޑު ޚަރަދުކޮށްގެން ފިލްމަކަށް ނެގޭ ލަވައަށް ވެގެންދާނެކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ، އަޅުގަނޑު ބެލި ބެލުންތަކުން، އަޅުގަނޑުކުރި ދިރާސާތަކުން އެކަން ވަރަށް ރަނގަޅަށް އެބަ ހާމަަވޭ.” ފިލްމުގެ ސެޓްގައި ހުރެ މުނިއަވަސްއަށް މަޢުލޫމާތުދެމުން އަމްޖަދު ފާހަގަކުރިއެވެ.

“ގާތްގަނޑަކަށް ބައިލައްކަ ރުފިޔާ ޚަރަދުކޮށްގެން އަޅުގަނޑުމެން މި ލަވަ މި ނަގަނީ. މިއީ ވާރޭ ލަވައެއް. މި ލަވައިގެ ތަރިންގެ ގޮތުގަ މިއުޅެނީ ޢަލީ އާޒިމް (ދޮން އައްޔަ) އަދި ސުހާ. ސުހާއަކީ ފިލްމުގެ ބަޠަލާ. ދެން އަޅުގަނޑުމެންގެ މި ލަވައަކީ މުޅިން ވިއްސާރަ ލަވައެއް. މުޅި ލަވައިގަ ވާރޭ ވެހޭނެ. ދެން އޭގެ މަސައްކަތްތައް ޓީމުން ވަަރަށް ބާރުލާފަ ކުރަމުން މި ގެންދަނީ.” އަމްޖޭ އެ ފާހަގަކުރާ ވާރޭ ލަވައަށް ވާރޭ ވެއްސުމަށް ފިލްމުގެ ޓީމުން ތައްޔާރުކުރި ވާރޭ ވެއްސާ އާލާތް ފެނިގެންދާ ވީޑިއޯއެއް ހިއްސާކުރަމުން ބުންޏެވެ.

މި ފިލްމު ކެމެރާކުރަނީ، ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ.

މިއީ ފިލްމެއްގައި ހިމެނޭ ލަވަތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްގެން ތައްޔާރުކުރާ ލަވަކަމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރ އަމްޖަދު އިބްރާހީމް ވަރަށް ގިނަ ކަންކަން ބެލުމަށްފަހު ބުނެފައިވެއެވެ.

ފިލްމު “އުދަބާނި 1″ގައި ހިމެނޭ ‘ގެންނަނީ ހިތްފުރުވަން’ ވާރޭ ލަވައަށް ވެސް ދިވެހި ފިލްމު އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.