“ޑަބިޔާ ކުކުޅު” ތައްޔާރުކުރުމަކީ މިފަހުން ރާއްޖޭގައި އާއްމުވެފައިވާ ކަމެކެވެ. ޒަމާނީ އާދަކާދައެކެވެ. ފަންނުތަކަށް ދާ އާއިލީ ދަތުރުތަކުގެ ރަހަހެޔޮވަރުކޮށްލަން މިއީ ފިސާރި ފައްކާވެސް ކަމެކެވެ.
މިއީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި އާދައެއްގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. އެކި ރަށްރަށުގެ މީހުން މިކަމަށް އެކި ނަންނަން ކިޔައެވެ. އެގޮތުން ނ. މަނަދޫ ޒުވާނުންގެ މެދުގައި މިކަން މަޝްހޫރުވެފައިވަނީ “ރަސަމް”ގެ ނަމުގައެވެ. ތައްޔާރުކުރާނީ ބިސްކޯދު ހުސްކުރި ޑަބިޔާ ނުވަތަ ފޯޑަރު ކިރު ހުސްކުރި ދަޅުގައެވެ.
“ރަސަމް” ނުވަތަ ޑަބިޔާ ކުކުޅު ތައްޔާރުކުރުމުގައި ސަމާލުކަން ދިނުން މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އޭގެކުރިން ކާނާގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ކީމި ނުވަތަ ކެމިކަލެއްގެ ވާހަކަ ދައްކާލާނަމެވެ. ދުނިޔޭގެ އެންމެ ފުޅާ ދާ ނުވަތަ އިންޓަނެޓް ހާވައި ބަލައިލުމުން އެނގިގެންދިޔަ އެއް ކަމަކީ ކާނާ ބަންދުކުރާ ދަޅު ނުވަތަ ޑަބިޔަލުގެ އެތެރޭ ފަށަލައިގައި ޚާއްޞަ ކެމިކަލް ފަށަލަ އެއް ލާފައިވާ ކަމެވެ. ‘އީޕޮކްސީ ރެސިން’ އަކީ މިކަމަށް އެއްމެ ޢާއްމުކޮށް ބޭނުންކުރާ ކީމި އެވެ.
ކާނާ ބަންދުކޮށްފައި ހުންނަ ކޮންޓޭނަރުގައި ކާނާ ހޫނުކޮށްގެން ނުވަތަ ކެއްކުމުން, ކާނާގެ ތެރެއަށް މައުދަނުގެ ވިހަ މާއްދާތަކާއި ބައިސްފިނޯލް އެކުވާކަމަށް ‘ސައިންޓިފިކް އެމެރިކަން’ ވެބްސައިޓްގައި ރިޕޯޓްކޮށްފައި ވެއެވެ.
“އެފަދަ ކޮންޓޭނަރުތަކަކީ އޭގައި ކާބޯތަކެތި ކައްކަން ތައްޔާރުކޮށްފައި ހުންނަ އެއްޗެއްސެއް ނޫން.” އެމެރިކާގެ މަޝްހޫރު ދަޅުބަންދުކުރާ ކުންފުންޏެއް ކަމަށްވާ ‘ބޯލް ކޯޕަރޭޝަން”ގެ ވެރިޔާ ސްކޮޓް މެކާޓީ ފާހަގަކުރެއެވެ.
ޑަބިޔާ ކުކުޅު ތައްޔާރުކުރަން ބޭނުންކުރާ ޑަބިޔަލަކީ ރައްކާތެރި ކޮންޓޭނަރަކަށް ހެދުމަށްޓަކައި ހުސް ޑަބިޔާ އަލިފާނަށް ލައި އެންދުމަށްފަހު، ނަރުގަނޑަކުން ޑަބިޔަލުގެ އެތެރެ ރަނގަޅަށް އުނގުޅައި ސާފުކުރެވިދާނެ އެވެ. މިހެން ހެދުމުން ހަމަ ގައިމުވެސް ‘އީޕޮކްސީ ރެސިން’ ކޮންމެވެސް މިންވަރަކަށް ފިލުވައިލެވޭނެއެވެ.

އެހެނަސް, މިއީވެސް އެންމެ ރައްކާތެރިގޮތެއް ނޫންކަން އޭޑީކޭގެ ޑައިޓީޝަން ނަޖްލާ ކުރައްވާފައިވާ ޓްވީޓުން އެނގެއެވެ.
Im concerned to see videos of ppl cooking food inside dabiya /empty cans. Pls be aware tht these are not designed for cooking purposes. Most also have paint coating outside containers. Using these for cooking could pose a health risk. Its always better to be safe than sorry
— Najla (@MariyamN) July 31, 2023
