އޯގަސްޓް ހަވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރި ފިލްމު “ނީނާ”އަކީ ހުރިހައި ރަހައެއް ހެޔޮވަރުކޮށް އުފައްދާފައިވާ މޮޅު ފިލްމެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ނުކުރިޔަސް، އަމިއްލައަށް ޖޯކްވެގަނެގެން ނޫޅުނަސް، ފިލްމުގެ އެކި ހިސާބުތަކުން މުޅި އޯޑިއަންސް އެކީގައި ހެއްވާލައެވެ. އެހެން ރަހަތަކުގެ ވާހަކަތައްވެސް ދައްކަން އެބަ ހުއްޓެވެ. ނަމަވެސް މިފަހަރު ދައްކައިލަން މިއުޅެނީ މި ފިލްމުން ފެނިގެންދާ އެންމެ ސީނިއާ ތަރި، އައްޑޫ މަރަދޫ މަރިޔަމް ރަޝީދާގެ ވާހަކައެވެ.

1987 ވަނަ އަހަރު ޙުސައިން ޝިހާބް އަދި ޙަސަން ނަޖްމީ ޑައިރެކްޓްކޮށް ނެރުނު ދިވެހި ފިލްމު “އިތުބާރު”ގައި ބަތަލާ ހާޖަރާ، “އޭބަލަ ލަތީފާ” އޭ ބުނެ މުޚާޠަބު ކުރަނީ މަރިޔަމް ރަޝީދާއަށެވެ. އެ ފިލްމުގައި މަރިޔަމް ރަޝީދާ އަކީ ‘ލަތީފާ’ އެވެ. އެ ފިލްމު އެންމެ މަޝްހޫރުވެގެން ދިޔަ ޑައިލޮގުކޮޅު ދިވެހީންގެ ކަންފަތުގައި ތާއަބަދު އިވިއިވި ހުންނަތާ 36 އަހަރު ފަހުން، ރޭ ރިލީޒްކުރި ފިލްމު “ނީނާ”ގައި ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް)ގެ މަންމަގެ ގޮތުގައި މަރިޔަމް ފެނިގެންދިޔައީ ‘ލަތީފާ’ގެ ނަމުގައެވެ. މިއީ އިއްތިފާޤުން ދިމާވިކަމެއް ނޫންކަން މި ފިލްމު ލިޔެ، މޮޅު ޑައިރެކްޝަނެއް ގެނެސްދީފައިވާ އިލްޔާސް ވަހީދު 2020ވަނަ އަހަރު ބުނެފައިވާ ބަސްކޮޅުން އެނގެއެވެ.

“އަހަރުމެން ޓްރިބިއުޓަކަށް ޝަރަފްގެ މަންމަ ‘ލަތީފާ’ގެ ރޯލް މަރިޔަމް ރަޝީދާއަށް ފިލްމުގައި މިދިނީ ވެސް. އެއީ އޭނާ ފިލްމީ ދާއިރާއަށް ވަރަށް މަޝްހޫރުވި ޑައިލޮގެއް،” އިއްލެ ބުންޏެވެ.

“އޭ ބަލަ ލަތީފާ އިޒް ބެކް” ކަމަށް އަހަރުމެން މި ބުނީ ހަމަ ހަޤީޤަތުގައިވެސް ލަތީފާ އެނބުރި އަތުވެއްޖެއެވެ. ނަމަވެސް އޭރު ފެނިގެންދިޔަ ލަތީފާއަށް ވުރެން މާ ވަރުގަދަ ލަތީފާއެއްގެ ގޮތުގައެވެ.

ކުރިން އިޝާރާތްކުރެވުނު ފަދައިން ފިލްމުން ފެންނަ މަންޒަރާއި އަޑުން އޯޑިއަންސް ހެއްވައިލުމުގައި ލަތީފާގެ ކެރެކްޓާ އަދާކުރި ދައުރު ވަރަށް ބޮޑެވެ. އެހާމެ މޮޅުވެސް މެއެވެ. “ލަތީފާ”ގެ ނަމުން މަރިޔަމް ރަޝީދާއަށް ފުރަތަމަ ގޮވައިލި ހިސާބުން އޯޑިއަންސުން ދިން ރިއެކްޝަން ފުދެއެވެ. އޭގެ ފަހުން، ލަތީފާ ބުނެލާފައިވާ ބައެއް ޖުމްލަތަކުން އޯޑިއަންސް ހެއްވާލައެވެ. ލަތީފާއަށް ކުރިމަތިވާ ހިތާމަވެރި ހާލަތާއެކު މަރިޔަމް ރަޝީދާ ދެއްކި މޮޅު އެކްޓިންގެ ސަބަބުން އޯޑިއަންސް ރޮއްވާލައެވެ. މި ފިލްމުގައި ލަތީފާ ބުނެލާ ވަރުގަދަ ޑައިލޮގުތަކުގެ ތެރެއިން އެއް ޑައިލޮގުކޮޅު ހަމަ ގައިމުވެސް މިހާރުވެސް ވައިގައި ހިފައިފިއެވެ. ބުނާ ހާލަތާ، ކަން ހިނގާފައިވާގޮތުން އެ ބުނާ “…….. މަރަންޏާ މަރާ!” މިއީ ހަމަގައިމުވެސ ވަރުގަދަ މެސެޖެއްދޭ މުހިންމު ޑައިލޮގުކޮޅެކެވެ.

ހަމަ ޙަޤީޤަތުގައިވެސް މި ފިލްމުގައި މަރިޔަމް ރަޝީދާ ދައްކާފައިވާ ވަރުގެ މޮޅު އެކްޓިންއެއް އޭނާ ކުޅެފައިވާ އެހެން އެއްވެސް ފިލްމަކުން ފެނިފައެއް ނުވެއެވެ. މިކަމާމެދު މަރިޔަމް ބުނީ ‘އޭރު އެމީހުން ތިބީ މިހެން (ދެ އަތްތިލަ ޖައްސާ އިޝާރާތްކޮށްލަމުން) ފިތިފައި ކަމަށެވެ. މާނައަކީ މޮޅު އެކްޓިންއެއް ދައްކާލެވޭފަދަ ރޯލެއް އޭރަކު ނުލިބެއެވެ.

ކޮންމެއަކަސް، ލަތީފާގެ އެނބުރި އައުމާއެކު، މިހާރު މަރިޔަމް ރަޝީދާ ހުރީ އިތުރަށް ލިބޭ މިފަދަ ވަރުގަދަ ރޯލުތައް ކުޅޭގޮތަށެވެ. އޭނާ ބޭނުންވަނީ ކުރިން ކުޅެފައިނުވާ ފަދަ ތަފާތު ވަރުގަދަ ރޯލުތައް ކުޅޭށެވެ.

ފިލްމު “ނީނާ”ގެ ހުރިހައި ތަރިންގެ ހުނަރުވެސް މި ފިލްމުން ދެގުނައަށް ދައްކާފައިވެއެވެ. ދެން އޮތީ ނުޒޫ “ނީނާ”ގެ ކެރެކްޓަރ ޖައްސާފައިވާ ގޮތާމެދު މުނިއަވަސްއިން ދޭ ރިވިއުއެކެވެ. އިންތިޒާރުކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.