އެކްޓްރެސް ޖާޔާޕްރަދާ އާއި އޭނާގެ ވިޔަފާރި ދެ ބައިވެރިންކަމަށްވާ ރާމް ކުމާރް އަދި ރާޖާ ބާބޫ ހަމަސް ދުވަހަށް ޖަލަށްލުމަށާ ޖޫރިމަނާގެ ގޮތުގައި 5000 އިންޑިއަން ރުޕީސް ދެއްކުމަށް ޗެންނާއީގެ އެގްމޯ ކޯޓުން ހުކުމްކޮށްފި އެވެ.

ޖާޔާޕްރަދާ އާއި އޭނާގެ ވިޔަފާރި ބައިވެރިން ޖަލަށް ލުމަށް ހުކުމްކުރީ، މީގެ އަހަރުތަކެއް ކުރީން އެމީހުން ޗެންނާއިގައި ހިންގި ސިނަމާ ހޯލެއްގެ މައްސަލައެއްގައެވެ. ސިނަމާ ހިންގަމުން ދަނިކޮށް އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ވިޔަފާރިއަށް ލިބި ސިނަމާ ބަންދުކުރަން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ސިނަމާގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ޖާޔާޕްރަދާ މެންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅިއެވެ. މުވައްޒަފުންގެ މުސާރައިން އީ.އެސް.އައި ފަންޑަށް ފައިސާ ނެގިޔަސް އެ ފަންޑަށް ފައިސާނުދައްކާ ކަމަށް، ކޯޓަށް ހުށައެޅި މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކޮށްފައިވާ ޖަޔަޕްރަދާއާ ދެކޮޅަށް ކުރި ހުކުމް މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ. މިހާރު ކަފާލާތުގެ ދަށުން ދޫކޮށްފައި ހުރި ނަމަވެސް އިސްތިއުނާފު ނާކާމިޔާބު ވެއްޖެ ނަމަ ޖާޔާޕްރަދާ އާއި އޭނާގެ ވިޔަފާރި ބައިވެރިން ޖަލަށް ލާނެއެވެ.

ޖާޔާޕްރަދާ ވަނީ 300 އަށްވުރެ ގިނަ ފިލްމު، ފިލްމީ ދާއިރާގައި ހޭދަކުރި 30 އަހަރު ދުވަހުގެ ތެރޭގައި ކުޅެފައެވެ. އޭނާ އެންމެ ފުރަތަމަ ފިލްމަކުން ފެނިފަައިވަނީ 1974 ވަނަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު “ބޫމީ ކޮސަމް“ގައި ހިމެެނޭ ތިން މިނެޓްގެ ނެށުމަކުންނެވެ. އެންމެ ފަހުން ކުޅެފައިވަނީ ވެސް ތެލުގޫ ފިލްމެކެވެ. އެއީ 2019 ވަނަ އަހަރު ރިލީޒްކުރި “ސުވަރްނާ ސުންދަރީ” އެވެ. ބޮލީވުޑްގެ އެތަކެއް ހިޓް ފިލްތަކެއް ކުޅެފައިވާ ޖާޔާ ވަނީ މަޝްހޫރު “ނާގިން” ފިލްމުގައިވެސް މުހިންމު ރޯލެއް ކުޅެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.