ނީލަ ކޯރާ ފާޓުހަމަކަށް (ޕެރަލަލް ކޮށް)، މަސްނޫއީ ކޯރެއް ހެދުމުގެ މަސައްކަތް މިސްރުން ކުރަމުން އަންނަކަމަށް މިދިޔަ ޖުލައި މަހު މިސްރުގެ ނޫހެއްކަމަށްވާ އިޖިޕްޓް އިންޑިޕެންޑެންޓުން ރިޕޯޓްކޮށްފައިވެއެވެ. މިއީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަޝްރޫއެއްކަމުން މިކަމާ ގުޅުންހުރި ބައެއް އިތުރު މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.

ނީލަ ކޮރަކީ ކޮބާ؟

ނީލަ ކޯރު (ޢަރަބިބަހުން: النيل) ގެ ބޮޑު ބައެއް އޮންނަނީ މިޞްރުގައެވެ. އާންމު ގޮތެއްގައި ދުނިޔޭގެ އެންމެ ދިގު ކޯރުގެ ގޮތުގައި ބެލެވޭ ކޯރަކީ ވެސް ނީލަ ކޯރެވެ. އެފްރިކާގެ އުތުރު ސަރަހައްދުގެ ގައުމުތަކުން ފެށިގެން ދެކުނަށް ގޮސް ދެކުނު ބައެއް ގައުމުތަކަށް ވެސް ނީލަ ކޯރުގެ ފެން ކޯރުތައް ބެހިގެން ގޮސްފައި ވެއެވެ. ނީލަ ކޯރުގެ މައިގަނޑު އޮންނަނީ މިޞްރުގައެވެ. އަދި ބެހިފައިވާ ގޮފިތައް އޮންނަނީ މިޞްރުގެ ދެކުނަށް އެފްރިކާ ބައްރުގައިވާ ތަފާތު ގައުމުތަކުގައެވެ.

ނީލަ ކޯރު އޮންނަނީ މައިގަނޑު ދެބަޔަކަށް ބެހިފައެވެ. އެއީ ހުދުނީލަ ކޯރު އަދި ނޫނީލަ ކޯރެވެ. ބޮޑަށް ދިގީ ހުދު ނީލަކޯރު ކަމަށް ވިޔަސް ދަނޑުވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޮޑަށް ބޭނުންކުރެވިފައިވަނީ ނޫނީލަ ކޯރުގެ ފެން ކަމުގައި ބުނެވެއެވެ. ނީލަކޯރުގެ މިބުނި ދެބައިހެން ކަހަލަ ގޮތަކަށް ފެށިފައި އޮންނަނީ ސޫދާންގެ ވެރިރަށް ޚުރްޠޫމް އިންނެވެ.

ނީލަ ކޯރަކީ މިސްރު، ސޫދާން އަދި ދެކުނު ސޫދާނަށް އަސާސީގޮތެއްގައި ފެން ލިއްބައިދޭ ވަޞީލަތެވެ. އެހެންކަމުން މިއީ އިޤްތިޞާދީ ގޮތުން ބަލާއިރު ދަނޑުވެރިކަމާއި މަސްވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ވަޞީލަތެކެވެ.

މަސްނޫއީ ކޯރު

މިސްރުން ފަށާފައިވާ މި ބިޔަ މަޝްރޫޢު ކުރިއަށް ގެންދަނީ އެތަނުގެ ހަނަފަސް ސަހަރާގެ ވެލިގަނޑު ކޮނެގެންނެވެ. މަޤުޞަދަކީ އެ ޤައުމުގެ ހުޅަނދުއުތުރަށް ދެމިގެންދާ ގޮތަށް ދިގު ކޯރެއް ހެދުމެވެ. މި ކޯރު އޮންނާނީ ދަބާ ނިއުކްލިއަރ އިންޖީނުގެ އާއި ޖެހިގެންނެވެ. މިއީ އެތަނުގައި ކުރިއަށް ގެންދާ ‘ނިއު ޑެލްޓާ’ ޕްރޮޖެކްޓްގެ ބައެކެވެ.

މަޝްރޫޢުގެ އަގު

މި މަޝްރޫޢުގެ އަގު އުޅެނީ 160 ބިލިޔަން މިސްރު ޕައުންޑް ނުވަތަ 5.25 ބިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ ދުނިޔޭގައި ހަދާ މިފަދަ އެންމެ ދިގު ކޯރަށް ވެގެންދާނެ ކޯރެކެވެ. މިތަނުގައި 2.2 މިލިޔަން އޭކަރުގެ ފެން ދެމޭނެ އެވެ. މިއީ ޒަމާނީ ފަންނިއްޔާތު ބޭނުންކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.

އިތުރު މަޢުލޫމާތު:

ލަފުޒު ކާޑު: އާއްމު ނޫން ނުވަތަ އައު ލަފުޒުތައް ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމާއި ހަނދާނުގައި ބެހެއްޓުމަށް ފަސޭހަވާނެ ގޮތަކަށް ބައެއް ލިޔުންތަކުގައި ހިމަނާލާނަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.