ހެއްވާ މަޖާ ފިލްމު “ޖޯކަރު“ގެ ލަވަތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ލަވަ “ވަގުންގެ ޖަގަޑާ” ރިލީޒްކޮށްފި އެވެ. އައިޓަމް ލަވައެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މި ލަވައިން ވަރުގަދަ ނެށުމެއް ދައްކާފައިވަނީ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި އަދި ނެށުންތެރިޔާ ފަރީލާ އެވެ. ފަރީގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ) އަދި ލަވަ ކިޔާފައިވާ މަރިޔަމް އަޝްފާ އާއި ޙަސަން ޠަލާޤް (ތޮލާ)ވެސް ފެނިގެންދެއެވެ.

އައިޓަމް ލަވަ “ވަގުންގެ ޖަގަޑާ“ގައި ފިލްމުގެ ހެއްވާ މަޖާ މަންޒަރުތަކުން ފިލްމުގެ މައިގަނޑު ކާސްޓް ފެނިގެންދެއެވެ. މި ލަވައަކީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)ގެ ޅެންވެރިކަން ހިމެނޭ ލަވައެކެވެ. ރެކޯޑިން އަދި މިކްސިން ހެދީ ޙަސަން ޖަލާލް އެވެ.

ހެމުންހެމުން ގޮސް ރޮވޭހާ ހެއްވާ މަޖާ ފިލްމު “ޖޯކަރު” މިއީ ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް” އުފެއްދި ޓީމުގެ މަސައްކަތެކެވެ.

ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤްގެ ‘ޝައި ޕްރޮޑަކްޝަންސް’ އަދި ޢަލީ ޝާނީޒް މުޙައްމަދުގެ ‘ސެޓާރން ސްޓޫޑިއޯ’ އިން ގެނެސްދޭ ޔޫސުފް ޝަފީޢުގެ ކޮމެޑީ ފިލްމު “ޖޯކަރު“ މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރަނީ ޝިވާޒް (މާސްކޭ) އެވެ.

ފިލްމު “ޖޯކަރު“ގެ ރޭގެ ޝޯ ކެންސަލްކުރަން ޖެހިފައިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރެއް މުނިއަވަސް އަށް ބުންޏެވެ. މުނިއަވަސްއާ ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޝޯ ކެންސަލްކޮށްފައިވާ ކަމަށެވެ. ފިލްމު ރީފަންޑް ކުރަން ބޭނުންވާ ފަރާތްތަކުން 7458800 އަށް ގުޅުމަށްވެސް ޕްރޮޑިއުސަރުން ބުނެފައިވެއެވެ.

މުނިއަވަސްއަށް އެނގިފައިވާ ގޮތުން ފިލްމު ޝޯ ކެންސަލްކުރީ ޕްރޮޖެކްޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ޕްރޮޖެކްޓަރަށް ދިމާވަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.