10 ސެޕްޓެމްބަރު 2023 ވީ އާދީއްތަ ދުވަހު ނިޔާވި މަޝްހޫރު ލަވަކިޔުންތެރިޔާ މަސްޢޫދު މޫސާ ދީދީ އަކީ އެތަކެއް އަމިއްލަ ރާގުތަކަކާއި ހިތްގައިމު ލަވަތަކެއް ގެނެސްދީފައިިވާ ހުނަރުވެރި މިއުޒީޝަނެކެވެ.

މަސްޢޫދު މޫސާ ދީދީ މިއުޒިކީ މަސައްކަތް ފެށީ ސިފައިންގޭގައި އުޅުނު ދުވަސްވަރު ސިފައިންގެ ބޭންޑުންނެވެ.

2017 ވަނަ އަހަރުގެ ފަހުން އެކި ފަހަރު މަތިން އޮލިމްޕަހުގައި ބޭއްވި އޮލިމްޕިއަންސްގެ ޝޯތަކުގައި ވެސް ދިވެހި މިއުޒިކީ ލިޖެންޑުންނާ އެކު މަސްއޫދު ލަވަކިޔާފައިވެ އެވެ.

މަސްއޫދު ކިޔާފައިވާ ލަވަތަކުގެ ތެރެއިން “ދިރުމާ މަރާ ގުޅާލާ” އެއީ މިހާރުވެސް ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ. ތަފާތު މުނާސަބާތަކާއި، އެކިއެކި ހާލަތުތަކުގައި ބޭނުންކުރަމުން އަންނަ ލަވައެކެވެ.

ދިވެހި އަމިއްލަ ރާގާއި ހިންދީ ރާގުތަކާއި ނުވަތަ އެހެންވެސް ރާގުތައް އޮޅުންއެރުމަކީ ހިނގަމުން އަންނަ ކަމެކެވެ. މިގޮތުން މަސްޢޫދު ލަވަތަކުގެ ތެރެއިން “ދިރުމާ މަރާ ގުޅާލާ” އަކީ އަމިއްލަ ރާގެއް ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަން އޮޅުންފިލުވައިދިނުމަށް މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލް ކޮށްފައިވާ ޕޯސްޓެއް ލޮލުގައި އަޅައިގަތެވެ.

“ބައެއް ނޫސްތަކުގާ މަސްޢޫދު މޫސާ ދީދީ ހެއްދެވި ރާގެކޭ ކިޔާފަ “ދިރުމާ މަރާ ގުޅާލާ” އެ ޖައްސަވަނީ ގޯހެކެވެ. އެއީ ހިންދީ ރާގެކެވެ. މަސްޢޫދު ހެއްދެވި ރާގެއް ނޫނެވެ.

– އެކްޓަރ ޑައިރެކްޓަރ އަޙްމަދު ނިމާލް – ފޭސްބްކް ޕޯސްޓް

ފޭސްބްކް މެދުވެރިކޮށް ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ / ޑައިރެކްޓަރ އަޙްމަދު ނިމާލް ވަނީ އޭނާގެ ދޮންބައްޕަ، މަސްޢޫދު މޫސާ ދީދީ ހަދާފައިވާ އަމިއްލަ ރާގުގެ ލަވަތަކުގެ ލިސްޓެއް ހިއްސާކޮށްފައެވެ. އެގޮތުން އެ ލަވަތަކުގެ މައްޗަށް ބަލައިލާނަމެވެ.

1- ދީފާ ހިތާމޭ އާދޭސްކުރީމޭ

2- ޒުވާން ޒުވާން ލޯބިވާ

3- ޒަމާންތައް ދައުރުވާ

4- ސަހަރޯއެ މާފު ދޭށޭ

5- މިޒާޖާ ގުޅޭ

6- ނޫރޭ މި ލޯބިން

7- އިނގޭތޯއޭ ނެތީ ބޭނުން

މަސްޢޫދޫ މޫސާ ދީދީއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލް ހައްނާން މޫސާ ދީދީގެ އެންމެ ދޮށީ ބޭބެ އެވެ. ލަވަކިޔުންތެރިޔާ ލިލީތާ މަސްޢޫދަކީ މަސްޢޫދުގެ ތިން ދަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ.

މަސްޢޫދު މޫސާ ދީދީ އަދި ޢަބްދުލް ހަންނާން މޫސާ ދީދީގެ ދެބެން – ފޮޓޯ: ޢަލީ ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.