ޕާކިސްތާނު ޑްރާމާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އަނެއްކާވެސް އާ ޑްރާމާއެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ. ހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ” އެވެ.
މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ “ފިތުނާ” ގެ އިސް ރޯލުތަކުން ފެނިގެންދާނީ އުމަރް ޝެހެޒާދު، ސުކައިނާ ޚާން، ޝުޖާ އަސަދު، މާރިއާ މާލިކް އަދި ދާނިއަލް އަފްޒަލްއެވެ. އޭގެ އިތުރުން ފަރްހާން ޢަލީ އާޣާ ފަދަ ތަރިން ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެއެވެ.
“ފިތުނާ” ގައި ދައްކުވައިދޭނީ އިތުބާރު ގެއްލުމާއި ރަހުމަތްތެރިކަން ހަސަދައަށް ބަދަލުވުމުން ކަންތައްތައް ވެގެންދާ ގޮތެވެ.
“ފިތުނާ” ލިޔެދީފައިވަނީ “މޭ އަދޫރީ”، “ރިޝްތޭ ކައްޗޭ ދާގޯނ ސޭ” އަދި “ދިލޭ ބަރްބާދު” ފަދަ ހިތްގައިމު ޑްރާމާތަކެއް ލިޔެދީފައިވާ ސީމާ ޝެއިޚްއެވެ. ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސްއިންނެވެ.
“ފިތުނާ” ޑައިރެކްޓްކުރީ ހަސީބް ޢަލީއެވެ. އޭނާގެ ފާހަގަކޮށްލެވޭ ޑްރާމާތަކުގެ ތެރޭގައި “އަންތުލް ޙަޔާތު”، “ބަދުނަސީބް”، “މެރެ ހަމްދަމް” އަދި “ތޭރާ ޔަހާ ކޯއީ ނެހީ” ފަދަ ކާމިޔާބު ޑްރާމާތައް ހިމެނެއެވެ.
މާދަމާ ރޭ (ސެޕްޓެމްބަރ 15) ގައި ހަމް ޓީވީއިން “ފިތުނާ” ދައްކަން ފަށާއިރު، ކޮންމެ ރެޔަކު ރާއްޖެ ގަޑިން 19:00 ގައި އާ އެޕިސޯޑެއް ދައްކާގޮތަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން މާދަމާ ރެއިން ފެށިގެން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.