“ޓައިގަރ 3″ގެ ޓްރެއިލާ : އާއިލާ ހިމާޔަތް ކުރުމުގެ މިޝަންގައި ސަލްމާން ޚާން، ވިލަންއެއްގެ ރޯލުން އިމްރާން ހާޝްމީގެ ބިރުވެރިކަމާ ހީލަތްތެރިކަން.

ސަލްމާން ހާން، ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ “ޓައިގާ 3” ގެ ޓްރެއިލާ އެންމެ ފަހުން ނެރެފި އެވެ. ޔާޝް ރާޖް ފިލްމްސްގެ ޔޫޓިއުބް ޗެނަލުން މިއަދު ރިލީޒްކޮށްފައިވާ މި ޓްރެއިލާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަމަށް ޔާޝް ރާޖް ފިލްމްސް އިން ވައުދުވެ އެވެ.

ތިން މިނެޓަށް ވުރެ ކުރު “ޓައިގާ 3″ގެ ޓްރެއިލާގައި މިއަހަރު ބެލުންތެރިންނަށް ފެންނާނެ އެންމެ ވަރުގަދަ އެކްޝަން މަންޒަރުތައް ފެނިގެންދެ އެވެ. މި ފިލްމުގެ ކުރީގެ ދެ ފިލްމުގެ އިތުރުން ‘ވާރ’ އާއި ‘ޕަތާން’ ގެ ހާދިސާތަކަށް ފަހު ގެނެސްދޭ “ޓައިގާ 3” އިން ވައުދުވަނީ ވަރުގަދަ އަދި ޖަޒުބާތީ ފިލްމަކަށް މި ފިލްމު ވާނެ ކަމަށެވެ.

މިފަހަރު ސަލްމާން ދާނީ އޭނާގެ އާއިލާ ސަލާމަތްކުރުމަށް ޕާސަނަލް މިޝަނަކަށް ކަމަށާއި، އެކަން ކުރަމުން އިޚްތިޔާރުކުރާނީ އާއިލާތޯ ނުވަތަ ޤައުމުތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައްތައް ދާނެ ކަމަށް ވެއެވެ.

އިމްރާން ހާޝްމީގެ ރޯލް

ތިން މިނެޓްގެ ޓްރެއިލާގެ ތެރޭގައި ވިލަންގެ މޫނު ހާމަނުކޮށް، ބެކްގްރައުންޑްގައި އޭނާގެ އަޑު އިވިގެން ދިޔައެވެ. ނެގެޓިވް ރޯލް ކުޅެނީ ކާކުކަން އެނގޭތޯ އެންމެން ޝައުގުވެރިވަމުން ދިޔައިރު، ޓްރެއިލާގެ ފަހުކޮޅު އެމްރާން ހާޝްމީ ހިނގައިގަންނަތަން ފެންނަނީ ‘ވިލަން’ ގެ ނަމުން ގޮވާލާ ހިސާބުންނެވެ.

‘ޓައިގަރ 3’

މި ފިލްމަކީ މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމް ކަމަށް ބުނެފައިވާއިރު، އެ ފިލްމަކީ އިމްރާން ހާޝްމީ ވެސް ފެނިގެންދާ ފިލްމެކެވެ. މަނީޝް ޝަރްމާ ޑައިރެކްޓްކޮށް ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ ‘ޓައިގާ 3’ އަކީ ވައިއާރުއެފް ސްޕައި ޔުނިވާސް އާއި ‘އެކް ތާ ޓައިގާ’ އާއި ‘ޓައިގަރ ޒިންދާ ހޭ’ ގެ ސީކުއެލްގެ ފަސް ވަނަ އެންޓްރީ އެވެ.

‘ޓައިގާ 3’ ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 12، 2023 ގައި، ހިންދީ، ތަމަޅަ، އަދި ޓެލަގޫ ފަދަ އެތައް ބަހަކުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.