އިވެމުންދާ ލަވައިގެ އަސަރުގަދައެވެ. ހިތާމަޔާ މޮޅިވެރިކަމުގެ އާހްތަކެއް އިވެމުންދަނީ ހިތްގައިމު ރާގެއްގައެވެ. އިންޑިއާގެ ޓަކި ބެރޭ މިކިޔާ ޒާތުގެ ބެރާއި ހަރުމަނިޔާގެ މިއުޒިކަށް ނުހަނު ހުނަރުވެރިކަމާއެކު ލަވަކިޔަމުންދަނީ މަސްއޮޑި ޙަސަންފުޅެވެ. އިވެމުންދާ ލަވައިގެ ޅެންވެރިކަންވެސް ހަމަ އެހާމެ ހިތްގައިމެވެ. އެމުނިއެކުލެވުންތައް ސާދާވެފައި ރީއްޗެވެ. އިވެމުންދާ ކޮންމެ ލަފުޒެއްގެ މާނަ، އަތުގެ ހަރަކާތުންނާއި މޫނުމަތީގެ ހަރަކާތުން ސިފަކޮށްދެމުންދަނީ ހުނަރުވެރި މުޖުރާ ނެށުންތެރިޔާ އަނީސާ ޢީސާ (ރާ އަނީސާ) އެވެ.

މިއީ 1990ގެ ހިސާބުގައި މާލޭގައި ބޭއްވި މުޖުރާ ޝޯއެއްގެ ތެރެއިން ފެނިގެންދިޔަ މަންޒަރެކެވެ. މިއަދު މަސްއޮޑި ޙަސަންފުޅާއި ރާ އަނީސާ ދުނިޔޭގައި ނެތް ނަމަވެސް މި ފަންނުވެރިންގެ ހުނަރުފެނިގެންދާ ވީޑިއޯއެއް ސަލާމަތުން އޮތްކަމީ ހަމަ ގައިމުވެސް ހިތްހަޖެހުން ލިއްބައިދޭ ކަމެކެވެ.

@muniavas Raa Aneesa – Loabidhin #fvpシ #fvpviral #foryoupage #maldives #foryou #maldivestiktok #muniavasnews #dhivehi #RaaAneesa #MasodiHassanfulhu #choreography @ahmednimal6 #mujura #mujuradance @maldivasmusicoficial ♬ original sound MUNIAVAS

🎶 ލޯބިދިން ހަނދާނަކުން، ހިތަށްވަނީ ހިތާމަޔޭ

ލޯބިދިން ހަނދާނަކުން، ހިތަށްވަނީ ހިތާމަޔޭ

ލޯބިނޫރު ވިދުވަރުން، އެދައްކަނީ ހިތާމަޔޭ 🎶

މި ލަފުޒުތައް އިވެމުން އަންނަ ވަގުތު، ރާ އަނީސާގެ ހުނަރުވެރި މުޖުރާގެ ލަކިތަކާއި ބަނޑިތަކާއެކު، އޭނާގެ އަތުންނާއި މޫނުން ސިފަކޮށްދެމުންދަނީ ލަވައިގެ މައިގަނޑުގައި ހިމެނޭ ހަމަ ކޮންމެ ލަފުޒެއްގެ މާނައެވެ. އިޝާރާތުގެ ބަހުންވެސް އެއްޗެއް ބުނެދެވޭނީ މިވަރަށޭ ހީވާހާވެސް މޮޅަށް، މައިގަނޑުގައި ބުނާ އެއްޗެއް ސިފަކޮށްދެއެވެ. މިއީ އަނީސާގެ ބޭބެ މޮސްކޯގޭ ޖަލީލް (މޮސްކޯ ޖަލީލް) ދަސްކޮށްދެއްވި ހުނަރުވެރި ނެށުމެކެވެ. ހުނަރުވެރި ނިޝްވާނީ އަދާތަކެކެވެ. ފެންވަރުގެ ކޮރިއޮގްރަފީއެކެވެ.

🎶 ޒިންދަގީ މުޙައްބަތުން، އުފާވެލާފަ ހެލިލުމުން

ޒިންދަގީ މުޙައްބަތުން، އުފާވެލާފަ ހެލިލުމުން

ހިއްމަތެއް ކުރާއިރަށް، ކުރަންވަނީ ހިތާމަޔޭ 🎶

ދިރިއުޅުމަށް ލޯބި ލިބުނު ހިނދު ރަނގަޅަށް އުފަލުން އުޅެވެންފެށި ވަގުތު، ހިތްވަރުކޮށްލާފައި އުޅެންފެށިއިރަށް އަނެއްކާވެސް ހިތާމަކުރަން ޖެހުނުކަމަށް ފުރަތަމަ ކަޑީގައި ކިޔައިދޭވަގުތުވެސް އަނީސާގެ ނެށުމުން، އަތުގެ ހަރަކާތާއި މޫނުގެ ހަރަކާތުން މި ހުރިހާ ކަމެއް ނިކަން ރަނގަޅަށް ސިފަކޮށްދެއެވެ.

🎶 ބެދި ހިތާމަ މޮޅިތަކުން، މަގެއް ނެތޭ ސަލާމަތެއް

ބެދި ހިތާމަ މޮޅިތަކުން، މަގެއް ނެތޭ ސަލާމަތެއް

ވެދިޔަހާ އުފާތަކަށް، މިކުރެވެނީ ހިތާމަޔޭ 🎶

ހިތާމައިގެ މޮޅިތައް ލިބި ސަލާމަތްވާނެ މަގެއް ނެތޭ ލަވައިގައި ކިޔާވަގުތު އަނީސާގެ ކޮންމެ ހަރަކާތަކަށް އަދި އެއްފަހަރު ބަލައިލާށެވެ. ކިހައި ފުރިހަމަ ސިފަކުރުމެއް ދޮގެއްތޯއެވެ. ދެން އޮތް ބައިވެސް ހަމަ އެފަދަ އެވެ. މާޒިވެ ދިޔަހާ އުފާތަކާމެދު ހިތާމަކުރެވޭ ވާހަކަވެސް އެ ސިފަކޮށްދެނީ މި ކޮލިޓީ ކޮރިއޮގްރަފީންނެވެ.

🎶 ވާޅުވެއްޖެޔޭ ފަތާ، ދެއަތް ހިތާމަ ކަނޑުތެރޭ

ވާޅުވެއްޖެޔޭ ފަތާ، ދެއަތް ހިތާމަ ކަނޑުތެރޭ

ރާޅުވެސް ގޮވާލަނީ ތިޔޮއްކުރާ ހިތާމަޔޭ 🎶

ހިތާމައިގެ ކަނޑެއްގެ ތެރޭގައި ފަތަފަތާ ވާޅުވެއްޖެއެވެ. އެވަގުތު ރާޅުވެސް ގޮވާލާފައި ބުނާކަހަލައެވެ. ތިއޮއް ކުރާ ހިތާމައެއްދޯ އެވެ.

ޅެންވެރިކަމުގެ މޮޅުކަމުގެ ވާހަކަވެސް މި ލަވަ ނުވަތަ ޅެމާމެދު ދައްކައި ކޮޅުންނުލާހާވެސް މޮޅެވެ. ޅެން ހެއްދެވީ ސީދާ ކޮން ބޭފުޅެއްކަން ނޭނގުނަސް، އެ ދުވަސްވަރުގެ މި ޝޯތަކުގައި ބޭނުންކުރި ގިނަ ލަވަތައް ހެއްދެވީ މަރުހޫމް ބެއްޔަ ހުއްތު އަދި ފަތަށްސީލާ ދޮހޮއްކޮ (އެފްސީ ދޮހޮއްކޮ) ފަދަ ޅެންވެރިންނެވެ.

ކޮންމެއަކަސް، މި ކަޑީގައި އެ ބުނާ ކޮންމެ ލަފުޒެއްވެސް މޮސްކޯ ޖަލީލުގެ މޮޅު ކޮރިއޮގްރަފީގެ އެހީގައި އެ ތަމްސީލުކޮށްދީފައި ވަނީ ރާ އަނީސާއެވެ. ހުނަރުން ފުރިގެންވާ ދެބެންގެ މަސައްކަތުން ދިވެހި ފަންނުގެ ތާރީޚީ މަތާރަންފިލައަށް ދޫކޮށްލާފައިމިވާ މަސައްކަތަކީ ސަތޭކައިގެ ހުނަރުވެރި މަސައްކަތެކެވެ. އަސްލު ކޮރިއޮގްރަފީ އަކީ މިއީ ދޯ އެވެ.

އިތުރަށް ކިޔައިލަން:

އަނީސާ ޢީސާ – ދިވެހި މުޖުރާ ނެށުމުގެ އެންމެ އަލިގަދަ އެއް ތަރި!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.