ރަސްމީކޮށް މުނިއަވަސް އޮންލައިން ރެޖިސްޓްރީވި ފަހުން މިއަދަށް މިވީ ފަސް އަހަރު. ރެޖިސްޓްރީ ވުމުގެ ކުރިން ހޭދަވި ދެ އަހަރު ދޫކޮށްލާނަން. ދިވެހި ދައުލަތުގެ އޮނިގަނޑުގެ ތެރޭގައި މީޑިއާތައް ރެޖިސްޓްރީކުރާ މުއައްސަސާގެ ޤާނޫނީ އޮނިގަނޑުގެ ދަށުން މުނިއަވަސް އޮންލައިން ރެޖިސްޓްރީ ކުރެވުނީ 17 ޑިސެމްބަރު 2018ގަ. ޤާނޫނީ ހައިސިއްޔަތެއް ލިބި، ރަސްމީ ކުލަ ޖެހުނަސް، މުނިއަވަސްގެ ހަޔާތަކީ މާލީގޮތުން ބަދުނަސީބު ހަޔާތެއް. ފަޤީރު ހަޔާތެއް. ނަމަވެސް މުނިއަވަސްއާ ގުޅޭ ހަމަ ކޮންމެ ފަރާތަކުން މުނިއަވަސްއަށް ދެމުން އަންނަ ވަގުތާއި ލޯތްބަކީ ފައިސާގެ މުއްސަނދިކަމަށްވުރެން ވަދުގަދަ އެއްޗެއްކަން އަންނަނީ ސާބިތުކޮށްދެމުން.
މުނިއަވަސްއަށް ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ އަމިއްލަ ކުންފުންޏަކުންވެސް މި ހޭދަވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސްވަރެއްގެ އެހީތެރިކަމެއް ލިބިފައިނުވެޔޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް، ޓީމު މުނިއަވަސްގެ މެންބަރުންގެ ވަގުތާއި ފައިސާ ހޭދަކޮށްގެން، ރާއްޖޭގެ މުނިއަވަސްފިލުވުމުގެ ދާއިރާތަކުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ސާބިތުވެ ތިބީ ދާއިރާތަކަށް އޮތް ލޯތްބެއްގެ ބޮޑުކަމުން. ހުރި ޝައުޤެއްގެ ބޮޑުކަމުން.
ފަސް އަހަރު ވޭތުވެ، ހަވަނަ އަހަރަކާއި ކުރިމަތިލާއިރު، ރާއްޖޭގެ 99.99 އިންސައްތަ ފަންނުވެރިންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަކީ މުނިއަވަސް ހިންގުމުގެ ހަޤީޤީ ހަކަތަ. ފަންނާނުންގެ އުފެއްދުންތަކުގެ ޚަބަރާއި މަޢުލޫމާތު، އެހުންތެރިންނާއި ބެލުންތެރިންނަށް ގެނެސްދިނުމަށް މުނިއަވަސް އިޚްތިޔާރުކުރަނީ މުނިއަވަސްއާއި ފަންނުވެރިންނާއި ދެމެދު އުފެދިފައިވާ އިތުރުބާރުގެ ދުޅަހެޔޮކަމާއި ބަދަހިކަމުން ކަމަށް ޚުދު ފަންނުވެރިން ފާހަގަކުރޭ. ފަންނާނުންގެ މަސައްކަތްތައް އެންމެ ތާޒާކޮށް، އެންމެ އިތުބާރުހިފޭ ގޮތަށް ގެނެސްދިނުމަކީ ތާ އަބަދުމެ މުނިއަވަސްގެ އަމާޒު. އެކަން ޙާޞިލްވަނީ ފަންނާނުންގެ މެދުގައި މުނިއަވަސް އަށް ލިބިފައިވާ މަޤްބޫލުކަމުގެ ސަބަބުން.
މުނިއަވަސް އޮންލައިންގެ ކިޔުންތެރިންނާއި މުނިއަވަސް ކްލަބްހައުސް އަޑުއެހުންތެރިންނާއި މުނިއަވަސް ޓިކްޓޮކަށް ފޮލޯކޮށް ޓިކްޓޮކްގެ ކޮންޓެންޓަށް ޝައުޤުވެރިކަންދެއްވާ މުނިއަވަސްގެ ފޭނުންނަކީ މުނިއަވަސްގެ ދިރުން. އެއީ މުނިއަވަސް މެންބަރުންގެ ޢާއިލާގެ އެންމެ މުހިންމު އެއްބައި.
ރާއްޖޭގެ އެހެން އޮންލައިން ނޫސްތަކާއި ޚިލާފަށް މުނިއަވަސް އޮންލައިން ނޫހަކީ ސިޔާސީ ޚަބަރާއި ސިޔާސީ ކަންކަމުން އެއްކޮށް ދުރުހެލިވެ ތިބެ ހިންގާ އޮންލައިންއެއް ކަމަށްވުމުން، މުނިއަވަސްއަށް ސްޕޮންސަރ ލިބުމުގެ ދަތިކަން އަބަދުމެ އޮވޭ. އެހެން ނަމަވެސް، މުނިއަވަސް ޓީމުގެ އުއްމީދަކީ ސަރުކާރުން މީޑިއާތަކަށް މާލީ އެހީތެރިކަން ދޭން ނިންމާފައިވާ ނިންމުމުގެ ތެރެއިން މުނިއަވަސްއަށް ވެސް މާލީއެހީތެރިކަން ލިބޭނެ ގޮތް ކައިރި ކުރިމަގެއްގައި ހަމަޖެހިގެން ދިއުން.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!