އިންޑިއާގެ ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީއާއި ޔުނިވަރސަލް ފިލްމު މޭކަރސް ކައުންސިލާއި ގުޅިގެން ބޭއްވި 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ފަންނާނުން ހޯދި އެވޯޑްތައް އެ ފަންނާނުންނާ ހަވާލުކޮށްފިއެވެ. ފަންނާނުންނާ އެވޯޑްތައް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިމަހު 16 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ބެކް ސްޓޭޖްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް އިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އެހީތެރިކަމާއެކު ބޭއްވި މި ޚާއްޞަ ހަފުލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. މި ހަފުލާގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޢަލީ އާމިރުގެ އިތުރުން އެންސީއޭގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.

03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި އެކިއެކި ޤައުމުތަކުން ހުށައެޅި 145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް ފަޚުރުވެރި 05 އެވޯޑެއް ލިބިފައިވެއެވެ. އެގޮތުން، ދިވެހި ފިލްމު “ރުޤްޔާ”އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް އަޙްމަދު ޝާރިފަށް ލިބިފައިވެއެވެ. ފިލްމު “ރުޤްޔާ”ގެ ޑައިރެކްޓަރު ޢަބްދުﷲ މުޢާޒަށް އެންމެ މޮޅު ޑައިރެކްޓަރ އެވޯޑް ލިބިފައިވެއެވެ.

ދިވެހި ފިލްމު “ހެހެސް” ކެމެރާ ކޮށްފައިވާ އިބްރާހީމް މޫސާ (ދަބާ) އަށް އެންމެ މޮޅު ސިނަމޮޓޯގްރާފަރ އެވޯޑް ލިބިފައިވާއިރު، ހަމަ މި ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އެވޯޑް ލިބުނީ ބަތަލާ ވާޝިޔާ މުހައްމަދު އަށެވެ.

03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި އެވޯޑް ލިބުނު ފަންނާނުން – ފޮޓޯ: މުނިއަވަސް / އަންނާރޭ

މި ފެސްޓިވަލްގައި ބައިވެރިކުރި ހުރިހައި ފިލްމުތަކުގެ ލީޑް އެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ ހުނަރުވެރި އެކްޓަރު ޖުމައްޔިލް ނިމާލަށެވެ. ޖުމައްޔިލް އަށް މިއެވޯޑް ލިބުނީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ތްރިލާ “ގޮށްރާޅު”ގައި އޭނާ ދައްކާފައިވާ ހުނަރުވެރި މޮޅުއެކްޓިންއަށެވެ.

03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ކުރިއަށްގެންދިޔައީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު 22 ން 24އަށް އިންޑިއާގެ ކަރްނާޓަކާގެ ހުބުލީގައެވެ. މި ފެސްޓިވަލްގައި ދިވެހި ފިލްމުތައް ބައިވެރިކޮށް، ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް ގެ ޗެއާމަން މުޙަމައްދު ރަޝީދު (ދަރާ) އެވެ.

@muniavas Dhivehi 3 filmah International 05 Award eh – News #dhivehifilm #dhivehisongs #dhivehitiktok #muniavasnews #fypシ゚viral #foryou #fypシ #fyp #foryoupage #viralvideo #Dhivehifilms #DhivehifilmIndustry #MaldivesCelebrities #MSPA #MSPA_MV #karnata #kiff @muaaabdulla @washiyamohamed @jumayyilnimal ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.