ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް އެކަށީގެންވާ މިންވަރަށް ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ހަމަ ގައިމުވެސް ރާއްޖޭގައި ތިބި ދިވެހި މިއުޒީޝަނުން މިކަމަށް އެއްބަހެއް ނުވެއެވެ. ކަން މިހެން އޮތްނަމަވެސް ރާއްޖޭގެ ރިސޯޓު ވިޔަފާރިވެރީންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ދެކޭ ގޮތް މުޅީން ތަފާތެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ނެތް ކަމަށް ބުނެ އެފަދަ މަސައްކަތް ކުރާ ބިދޭސީންނަށް ވޯކް ވިސާ ހަމަޖައްސައިދިނުމަށް ރިސޯޓު ވިޔަފާރިވެރީންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ސަރުކާރަށް ވަނީ ހުށައަޅާފަ އެވެ.

މަޓީން މިކަން ސަރުކާރަށް ހުށައެޅީ ޓޫރިޒަމް ސިނާއަތުގައި ހުރި މައްސަލަތަކެއް ފާހަގަކޮށް އެ ޖަމިއްޔާއިން ހުށަހަޅާ ކަންކަން ބަޔާންކޮށް ނެރުނު ކަރުދާހެއްގައެވެ. އެ ކަރުދާހުގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ޚިދުމަތްދޭ ތަންތަން އިތުރުވަމުންދާއިރު އެ ތަންތަނަށް ޚިދުމަތް ދޭނެ ވަރަށް ދިވެހި ފަންނުވެރިން ނެތް ކަމަށެވެ.

“ދިވެހި ޕާފޯމަރުންނާއި ފަންނުވެރިން ގާތްގަނޑަކަށް ނުވެސް ނެތް. ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނަށް މިއުޒިކާއި އެންޓަޓެއިންމަންޓް ހިދުމަތްތަކީ ވަރަށް މުހިންމު ބައެއް.”

* މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ގެ ކަރުދާހުން

އެކަމާ ގުޅިގެން އެ ޖަމިއްޔާއިން ސަރުކާރުގައި އެދިފައި ވަނީ ބޭރުގެ މިއުޒީޝަނުންނާއި, ޕާފޯމަރުން އަދި އެންޓަޓެއިނަރުންނަށް ވޯކް ވިސާ ދިނުމަށެވެ.

މަޓީން މިހެން ބުނެފައިވިޔަސް، ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ތިލަކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެމްޔޫއެމް އިން އާއްމުކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުރުޞަތުތަކެއްގެ އިންތިޒާރުގައި ރާއްޖޭގެ ވަރަށް ގިނަ މިއުޒީޝަނުންނާއި ޕާރފޯމަރުން ތައްޔާރަށް އެބަތިބި ކަމަށެވެ. އެއްވެސް އަސާސެއް ނެތް ބަޔާންތަކުން އެފަދަ ފަންނާނުންގެ އަގުވައްޓައިނުލުމަށްވެސް އެންޔޫއެމްގެ ޓްވީޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ކަންބޮޑުވުންތަކެއް، އެކްސް މެދުވެރިކޮށް އެމްޔޫއެމް އިން ހިއްސާކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ވޭތުވެދިޔަ ސަރުކާރުގެ އާޓްސް މިނިސްޓަރ ޔުމްނާ މަޢުމޫނު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ:

“ރާއްޖޭގައި ވަރަށް ގިނަ ހުނަރުވެރި މިޔުޒިޝަނުންނާއި ފަންނާނުން އެބަތިބި. ރާއްޖޭގެ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ދިވެހި މިޔުޒިޝަނުންނަށާއި ފަންނާނުންނަށް އިސްކަންދޭންޖެހޭ. ދިވެހި ފަންނާނުންނަށް ކުރިއަށް ދެވޭނީ ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ފުރުސަތުތައް ލިބިގެން.

* ޔުުމްނާ މަޢުމޫން

މަޓީން މިހެން އެދިފައިވިޔަސް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް (ގަވާއިދު ނަންބަރ 2-R/2020) ގެނެވުނު 1 ވަނަ އިސްލާހު ގެ 13 ވަނަ މާއްދާގެ (ށ) ގެ 6ގައި ވާ ކޯޓާ ދޫކުރެ ވޭ މަގާމުތަކާއި ކޯޓާ ދޫނުކުރެވޭ މަގާމުތައް (ކޯޓާ އޮކިއުޕޭޝަން) ގެ ދަށުން ކޯޓާ ދޫނުކުރެވޭ ވަޒީފާތަކުގެ ތެރޭގައި މުނިފޫހިފިލުވުން ހިމެނޭ ކަމީ މިއުޒިކް ވެސް އޭގެ ތެރޭގައި ޝާމިލްވާ ގޮތަށް އޮތް މާއްދާއެކެވެ. އެހެންކަމުން މިފަދަ މަސައްކަތްތަކަށް ވިސާ ދޫނުކުރެވޭނެ ކަން ވަރަށްވެސް ސާފެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.