ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓުކުރާ ދެވަނަ ފިލްމު “ލަސްވިޔަސް” އަކީ ރާއްޖޭގައި ކައިވެނިކުރާ ދެމީހުން ކައިވެނީގެ ކުރިން ހަދާ ކޯހުން ލިބޭ މަޢުލޫމާތަށް ވުރެން ރަނގަޅު މަޢުލޫމާތުތަކެއް ލިބިގެންދާނެ ފިލްމެއް ކަަމަށް ޓެޑްރީ ބުނެފިއެވެ. ޓެޑްރީ މިހެން ބުނީ ރާއްޖެ ޓީވީން ރަމަޟާން މަހު ގެނެސްދޭ ‘ފަސް ސުވާލު’ ޕްރޮގްރާމުގެ މި އަހަރުގެ ފުރަތަ އެޕިސޯޑްގައެއެވެ.

12 އެޕްރީލް 2024ގައި ރިލީޒްކުރާ “ލަސްވިޔަސް”ގެ އިތުރު މައުލޫމާތުތައް ހިއްސާކުރަމުން މި ފިލްމުގެ މަސައްކަތް ލަސްވެގެން ދިޔަ ގޮތްވެސް ޓެޑްރީ ހިއްސާކޮށްފައިވެއެވެ. އެގޮތުން މި ފިލްމަކީ އެންމެ ކުރިން ރާއްޖެ ޓީވީން ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅުނު ފިލްމެއް ކަމަށާ ނަމަވެސް ޓެޑްރީ ބަލިވުމާއި ގުޅިގެން މަސައްކަތް ހުއްޓުމަށްފަހު، ޓީވީ ސީރީޒެއްގެ ގޮތުގައި ގެނެސްދެވޭހާ ވަގުތު ނެތުމުން އެކަން އެހިސާބުން ހުއްޓާލަން ޖެހުނުކަންވެސް ޓެޑް ފާހަގަކުރިއެވެ. އޭގެ ފަހުން ފިލްމުގެ ޝޫޓިން ފައްޓަން ތައްޔާރުވެފައި ވަނިކޮށް ކޮވިޑްގެ ލޮކްޑައުން ކުރިމަތިވެ އަނެއްކާވެސް މަސައްކަތް ލަސްވެގެން ދިޔަ ގޮތް ތަފުސީލުކޮށް ހިއްސާކުރިއެވެ.

މި ފިލްމަކީ ކޮންކަހަލަ ކަމަކަށް ބިނާކޮށްފައިވާ ފިލްމެއްކަން ހިއްސާކުރަމުން މުހިންމު ކަންތައްތަކެއް ޓެޑްރީ ފާހަގަކުރިއެވެ.

“މި ފިލްމަކީ އަސްލު ރާއްޖޭގަ މިއަދު މި އޮތް ސޮސައިޓީގަ ހުރި ވަރަށް ގިނަ މައްސަލަތަކާ ގުޅިފަވާކަމެއް. މައިގަނޑު ވިސްނުމަކީ ކައިވެނީން ދަރިން ލިބިފަ ތިއްބާ ކައިވެންޏެއް ރޫޅުނީމަ އެ ކައިވެނިކޮށްގެން ތިބި މީހުން އަލުން ގޮސް އާ ޕާޓްނަރުންނާ އެކީގަ އާ ދިރިއުޅުމެއް ފަށަނީ. އެ ކައިވެނިން ލިބުނު ކުއްޖާގެ ހަޔާތް، އެއީ ކުޑަކުއްޖަކުން ފެށިގެން ގޮސް ބޮޑުމީހަކަށް ބަދަލުވިޔަސް އޭނަގެ މައިންބަފައިން އެ ވަކިވެގެން ދިޔަ ދިޔުމުގެ ސަބަބުން އޭނަގެ ހެދިބޮޑުވުމާ އޭނަގެ ތަރުބިއްޔަތާ އޭނަގެ ދިރިއުޅުމާ މިކަމަށް އެ އަންނަ އިމްޕެކްޓް، އެމީހުންނަށް ލިބޭ ނިކަމެތިކަން، އެ އަސްލުގަ ވަރަށް މަދު މީހަކު ވިސްނަނީ. އެހެންވީމަ އަހަންނަށް ވެސް ޕާރސަނަލީ ބައެއް ކަންކަން އެކްސްޕީރިއަންސް ކުރެވުނު އަހަރެންގެ ދޮށީ ދަރިފުޅާ އެކީ. އެހެންވީމަ މިއީ އެއް ސަބަބު އަސްލުގަ މި ފިލްމުގެ ޕްލޮޓް އުފެދިގެން އައި އެއް ކަންތައް މީ.”

* ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ)

ޓެޑްރީ އިތުރަށް ބުނީ ރާއްޖޭގައި އިނދެ ވަރިކުރުމަކީ މުޅި ދުނިޔެއަށް މަޝްހޫރު ކަމެއް ކަމަށާ ވަރީގެ އިންޑެކްސްގައި ރާއްޖެ އަބަދުވެސް މި އޮންނަނީ އެއްވަނައިގައި ކަމަށެވެ.

“މިހާރު މި އަލަށް ކައިވެނިކުރާ މީހުން އެބަ ޖެހޭތާ ކޯހެއްވެސް ހަދަން. ލަސްވިޔަސް އަކީ އަސްލު އެ ކޯހަށް ވުރެން ރަނގަޅުވާނެ ބަލައިލަން.

މި ފިލްމުގަ އަސްލުގަ ކައިވެނި ކުރަން އުޅޭ މީހުންނާ، ކައިވެނިކޮށްގެން ތިބި މީހުންނާ، އަލަށް އަލަތު ދަރިފުޅު ލިބިގެން އުޅޭ މަންމައިންނާ ބައްޕައިންނާ މި އެންމެން އަސްލުގަ ބަލާލަން ޖެހޭ ފިލްމެއް-

މި ފިލްމު ބަލާފަ ނުކުމެ ކޮންމެ މީހަކުވެސް، ކުދިން ލިބިފަ ހުރި މަންމައެއް ވިޔަސް ބައްޕައެއް ވިޔަސް އަމިއްލަ ސެލްފާ ސުވާލުކޮށްލާނެ އަހަރެން އަހަރެންގެ ދަރިފުޅަށް މިހާހިސާބަށް މި ކަންތައް ކޮށްދިނީ، ދެވުނީ ނުވަތަ ކޮށްދެމުން މި އަންނަނީ އެންމެ ރަނގަޅަށް، އަހަރެންގެ އެންމެ ބެސްޓް އެފަޓް މަގޭ ދަރިންނަށް އެބަ ދެވޭހޭ. އަހަރެންގެ ފުރިހަމަ ލޯބި، އެއީ އަދި އެމީހާ އެކަން ނުކުރާތީކީވެސް ނޫން، އޭނަގެ ޕޭރަންޓިން ގޯހީކީވެސް ނޫން. އޭނަގެ އުނިކަމެއްވެސް ހުރީއެއް ނޫން. އެކަމަކު ދެވަނަ ވިސްނުމަކުން އެހެން ނަޒަރިއްޔާއަކުން އަމިއްލަ މީހާގެ ކަންކަން އެނަލައިޒްކޮށްލަން ފުރުސަތެއް ލިބޭނޭ އަހަރެން ބުނާނީ.”

* ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ)

ފިލްމު “ލަސްވިޔަސް”ގެ ރަސްމީ ދެވަނަ ޓްރެއިލާއެއް ވެސް މިއަދު އާއްމުކޮށްފައިވެއެވެ.

މިފިލްމުގެ 64 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާރު މިފިލްމުގެ ޓިކެޓް އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފިލްމުގެ ޓިކެޓް ގަންނަން ލިބޭނީ މިފިލްމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެބްސައިޓް ކަމަށްވާ “ލަސްވިޔަސް ޑޮޓްކޮމް” އިންނެވެ. މިފިލްމުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 160 ރުފިޔާ އަށެވެ.

މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް ފިލްމީ ދާއިރާއަށް ނުކުންނަ މި ފިލްމުގައި އަހްމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދު ލީޑް ރޯލުތަކުން ފެނިގެންދާއިރު ފައުޒިއްޔާ ހަސަން އާއި ރީކޯ މޫސާ މަނިކު ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މިއީ ފައުޒިއްޔާ ހަސަން ނިޔާވުމުގެ ކުރިން، އެންމެ ފަހުން އޭނާ ކުޅެފައިވާ ފިލްމުކަން ފާހަގަކޮށްލެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޓެޑްރީގެ އިތުރުން މައްލާ އަޙްމަދު ނާސިރު އަދި އިބްރާހީމް ރަޝީދު (މަހުރަބް އިއްބެ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.