މިއީ އަބަދުވެސް ސަޅި ލަވައެކެވެ. ދިވެހީންގެ އަމިއްލަ އުފެއްދުމެކެވެ. ލަވައިގެ އޮރިޖިނަލް ވާރޝަން ކިޔާފައިވަނީ މީގެ 50 އަހަރު ކުރިންނެވެ. 18 އޭޕްރީލް 1973، ބުދަދުވަހުގެ ރޭ ރެކޯޑްކުރި ‘ފަރި އިޝްޤް’ (ނޫރޭ މި ލޯބިން ދިއްލި އުޖާލާ) ކިޔުއްވީ މަރްހޫމް މަސްޢޫދު މޫސާދީދީ އެވެ. ލިރިކްސް ހެއްދެވީ ހުސައިން ރަޝީދެވެ.

ބައި ގަރުނު ވެފައިވާ މި ލަވައިގެ ވަރަށް ޒަމާނީ ކަވަރ ވާރޝަންއެއް މި ފަހަރު މި ގެނެސްދިނީ ޕެނަމާ ޝަފީޤްގެ އަޑުންނެވެ. ރާއްޖޭގެ މަޝްހޫރު މިއުޒީޝަން ތިއްތިގެ ހުނަރުވެރި މަސައްކަތްތަކަކާއެކު މި ލަވަ ގެނެސްދީފައި ވަނީ އަވައްޓެރި ސްރީ ލަންކާގެ މިއުޒިކީ ފަންނާނުންތަކަކާއި ރާއްޖޭގެ ބައެއް މަޝްހޫރު މިއުޒީޝަނުންގެ މަސައްކަތާވެސް އެކުގައެވެ.

މިހައި ދުވަސްވެފައިވާ ލަވައެއްގެ ކަވަރއެއް ގެނެސްދީފައިވާ ޕެނަމާ ޝަފީޤާ މުނިއަވަސްއިން ވާހަކަދައްކައިލާ އިތުރު ބައެއް މަޢުލޫމާތު ހޯދައިލީމުއެވެ.

“މީގެ ކަވަރއެއް ނެރުމަށް ނިންމީ ވަރަށް ގާތް ރައްޓެއްސެއްގެ ރިކްއެސްޓަކަށް. މި ކަވަރ ވާރޝަންއާ މެދު ވަރަށް ހިތްހަމަޖެހޭ.”

* ޕެނަމާ ޝަފީޤް

މާލޭ ޒަމާނީ މިއުޒިކް ކްލަބުން މީގެ ފަންސާސް އަހަރު ކުރިން ނެރެފައިވާ ‘ނޫރޭ މި ލޯބިން’ގެ ރެކޯޑިން ހެދީ ވޯރކްޝޮޕެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މުޅީންވެސް ލައިވް މިއުޒިކާއެކުގައި އޭރު ނެރުނު ލަވައިގެ ވިދުމަކަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. އިކްއިޕްމެންޓާއި ޓެލެންޓްވެސް މިހާރު އުޅެނީ ވަރަށް ކުރީގައި ކަން ޝަފީޤް ވެސް ފާހަގަކުރިއެވެ.

“ލަވައިގެ އޮރިޖިނަލް ނެރުނު ދުވަސްވަރާ މިހާރާ ވަރަށް ބޮޑަށް ތަފާތު. އެއީ އިކްއިޕްމެންޓާ ޓެލެންޓްގެ ގޮތުން މިހާރު އުޅެނީ ވަރަށް ކުރީގަ..”

* ޕެނަމާ ޝަފީޤް

ލަވައިގެ ލީޑް ގިޓަރ ކުޅެފައިވަނީ ޙަސަން ރައޫފެވެ. މިއުޒިކް ކޮމްޕޯޒްކޮށް އެރޭންޖެމެންޓް ހެދީ އަޙްމަދު ނިފާރް (ތިއްތި) އެވެ. ބެކް ވޯކަލްގައި ޝާނީ، މުއާދު، މެލަނީ، ޓްރެވަރ ބޮއިޑް، ޙަސަން ރައޫފް އަދި ތިއްތި ހިމެނެއެވެ. ރެޕް ބައި ކިޔާފައިވަނީ ވިޝް އެވެ. ނަގީތުގެ މަސައްކަތްވެސް މި ލަވައިން ފެނިގެންދެއެވެ.

ވީޑިއޯއާ އެކުގައި ގެނެސްދިން މި ހިތްގައިމު މަސައްކަތްކޮށްފައިވަނީ ލަންކާގެ ބައެއް ފަންނާނުންނެވެ. ލަވައިގެ މަންޒަރުތައް ނެގީ ޝަމްގަރް ޝަލީކަ އެވެ. ވީޑިއޯއިން ފެނިގެންދާ މޮޑެލްއަކީ އަވިންދްޔާ ބަންޑާރަ އެވެ. ލަވައިގެ ޓެކްނިކަލް މަސައްކަތުގައި އެހީތެރިވެދިނީ ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނު ޢަލީ ސީޒަން އެވެ.

ލަވައިގެ ވީޑިއޯއާ އެކުގައި އާއްމުކޮށްފައިވާ ޝައުޤުވެރި ނޯޓަކީ ހަމަ ގައިމުވެސް ދިވެހި މިއުޒިކީ ތާރީޚްގައި އަރުޝީފްކޮށްލަން ޖެހޭ ފަދަ މުހިންމު ލިޔުންކޮޅެކެވެ. އަތު ނޯޓެއްގެ ގޮތުގައި ލިޔެފައިވާ މި ލިޔުންކޮޅުން މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދެެވެ. ނޯޓްގައި ހުރި މަޢުލޫމާތުތައް މި ގެނެސްދެނީ ނޯޓްގެ އޮރިޖިނަލުން ނަގާފައިވާ ފޮޓޯއަކުންނެވެ.

މި ނޯޓުން ފާހަގަކޮށްލެވުނު ނަންތަކަކީ ހަމަ ގައިމުވެސް ރާއްޖޭގެ މިއުޒިކް ލިޖެންޑުންތަކެކެވެ. ޢަރަބިން ހުރި ނަންތަކެއްކަމުން ތާނަކޮށްލާނަމެވެ. ލަވައިގެ އަސްލު ރެކޯޑްކުރި މިއުޒިކް ޕާޓީގެ ބައިވެރިންގެ ތެރޭގައި އިބްރާޙީމް ނަސީރު – ޑްރަމަރ، ޙުސައިން ރަޝީދު – ބޮންގޯ، ޢަބްދުއްރައޫފް – ލީޑް ގިޓަރިސްޓް، އަޙްމަދު އައްބާސް – ބޭސް ގިޓަރިސްޓް، މޫސާ ރަޝީދު – ރިދަލް ގިޓަރިސްޓް، އިބްރާހީމް ޚަލީލް – ކަލަރނެޓް ލީޑް، އިބްރާހީމް ޙަމްދީ – ކަބަސް އަދި އިބްރާހީމް ޝަކީބް – ތާރަ، ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.