20 އޮކްޓޯބަރ 2025ގައި އޮލިމްޕަސް ސިނަމާއަށް ޔޫސުފް ޝަފީޢު (ޔޫއްޕެ) އަދި މުޙައްމަދު ޢަބްދުﷲ (މުހައްމާ) ގެންނަ ވަރުގަދަ ފިލްމު ”އިލްޒާމް“ގެ ޓީމުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައި އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އިޖްތިމާޢީ މައްސަލަތަކެއްގެ އިތުރުން ކުޑަކުދިންނަށް ލިބޭ އަނިޔާއާއި ގެއްލުމަށްވެސް އަލިއަޅުވާލައި ގެނެސްދޭ ”އިލްޒާމް“ ފިލްމުން ކުޑަކުދިންގެ ހަވީރެއް ބާއްވަން އުޅޭތީ އެކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯދައިލުމަށް މުނިއަވަސް އިން މަސައްކަތްކޮށްލީމެވެ.

”މި ފިލްމުގެ ބޮޑު ރޯލެއް ކުޑަކުއްޖެއް ކުޅެފަވާތީ، ކުޑަކުދިންގެ ހަވީރެއް މި ބާއްވަނީ!

”މިއީ އަސްލުގަ ސޯޝަލް އިޝޫސްއާ އަދި ކުޑަކުދިންނަށް ލިބޭ ގެއްލުމާ އަނިޔާވެރިކަމާ، ކުޑަކުއްޖެއްގެ ލައިފްގަ ދިމާވެދާނެ ކަންތައްތަކެއްވެސް މި ފިލްމުން ފެނިގެންދާނެ!

އެހެންވީމަ މި ފިލްމާ، ފިލްމުގެ ސްޓޯރީއާ ކުޑަކުދިންނާ ގުޅުމެއް އޮތީމަ އަޅުގަނޑުމެން ނިންމީ ކުޑަކުދިންގެ ހަވީރެއް ބާއްވަން.“

* މުޙައްމަދު ޢަބްދުﷲ (މުހައްމާ)

ފިލްމު ”އިލްޒާމް“ގެ ޕްރޮމޯޝަން އިވެންޓެއްގެ ގޮތުގައި މި ޚާއްޞަ އިވެންޓް ބޭއްވިޔަސް، ފިލްމުގެ ޕްރޮޑިއުސަރުންގެ ބޭނުމަކީ ފިލްމުގެ ކާސްޓުންނާ އެކީގައި އުފާވެރި ވަގުތުތަކެއް ކުޑަކުދިން ހޭދަކޮށްލުމަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށްވެސް މުހައްމާ ބުންޏެވެ.

”އިލްޒާމް ކުޑަކުދިންގެ ހަވީރު“ގައި ގިނަ ކުޅިވަރުތަކެއްގެ އިތުރުން ރަނގަޅު އިނާމުތަކާއި ހަދިޔާ ލިބިގެންދާނެކަމުގެ ޔަޤީންކަން މުހައްމާ ދިނެވެ.

މިމަހު 19 ވާ ހުކުރު ދުވަހު ހަވީރު 16:00ން 18:00އަށް އާޓިފިޝަލް ބީޗްގައި ބާއްވާ މި އިވެންޓްގައި ފިލްމު ”އިލްޒާމް“ގެ ހުރިހައި ކާސްޓުންނާއި ފިލްމުގެ މުޅި ޓީމު ބައިވެރިވާނެއެވެ.

”މި ހަވީރުގަ ބައިވެރިވާ ހަމަ ކޮންމެ ކުއްޖަކަށްވެސް އިނާމު ލިބުމުގެ ފުރުޞަތު އޮންނާނެ! ވަރަށް ބޮޑެތި އިނާމުތަކެއްވެސް އެބަ ދޫކޮށްލަން!

* މުޙައްމަދު ޢަބްދުﷲ (މުހައްމާ)

ދެކެދެކެވެސް ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން ގެނެސްދޭ ”އިލްޒާމް“ގެ ޓީމުން ބާއްވާ މި ހަވީރުގައި ފިލްމަށް އެހީތެރިވެދޭ ވިޔަފާރިތަކުންވެސް ބައިވެރިވާނެ ކަމަށް މުހައްމާ ފާހަގަކުރިއެވެ. އެހެންކަމުން އެ ތަންތަނުގެ ސްޓޯލްތައް ވެސް ހުންނާނެއެވެ.

”މި ހަވީރުގަ ބައިވެރިވާ މީހުންގެ މެދުގަ ގުރުއަތުން ނެގޭ 05 ނަންބަރަކަށް އަގުބޮޑު 05 އިނާމެއް ލިބިގެންދާނެ!“

* މުޙައްމަދު ޢަބްދުﷲ (މުހައްމާ)

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު ”އިލްޒާމް“ގައި ހަރަކާތްތެރިވަނީ ޔޫއްޕެ، އާމިރާ އިސްމާޢީލް، އަޙްމަދު ނިމާލް، ފައިސަލް، ޖުމައްޔިލް ނިމާލް، ޝިފާ، ޝަކީލާ، މުޙައްމަދު ރަޝީދު (ދަރާ)، އަޙްމަދު ސަޢީދު، ލައިޝާ، ޝަހީދާ އަދި ތުއްތު އާޓިސްޓެއްކަމަށްވާ ’ގޮމަ‘ އެވެ. ”އިލްޒާމް ކުޑަކުދިންގެ ހަވީރު“ގައި މި ފަންނާނުން ބައިވެރިވާނެއެވެ.

@muniavas Film “ilzaam” first look @eupeofficial @DhivehiScreen @Ami🌺🇲🇻 ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.