ގޭމް އޮފް ތްރޯންސްގެ މަޝްހޫރު ޑައިރެކްޓަރު އަލީ ސަޚަރޯވް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ލެޖެންޑަރީ އަރަބި މުސްލިމު ހަނގުރާމަވެރިޔާ ޚާލިދު ބިން ވަލީދުގެ މައްޗަށް ބިނާކޮށް ހަދާ ތާރީޚީ ބައޮޕިކް ފިލްމެކެވެ.
“އަންބްރޯކެން ސްވޯޑް”ގެ ނަމުގައި އިނގިރޭސި ބަހުން އުފައްދާ މި ފިލްމުގައި 7 ވަނަ ގަރުނުގައި ޚާލިދު ބިން ވަލީދުގެ އަސްކަރީ ކާމިޔާބީތަކާއި ރޯމަން އަދި ފާރިސީންނާ ކުރިމަތިލި ކުރިމަތިލުންތައް ދައްކާނެއެވެ. މިއީ ހައުސް އޮފް ދަ ޑްރެގަންގެ ނަމުން މަޝްހޫރުވި ފިލްމުގެ ޕްރޮޑިއުސަރު ރިޗަޑް ޝާކީއާ އެކު އުފައްދާ ފިލްމެކެވެ.
ސައުދީ ސަރުކާރުގެ ބައިވެރިވުމާއެކު އުފައްދާ މި ފިލްމު ޝޫޓް ކުރާނީ ރިޔާޒުގެ ހުޅަނގުން ޚިއްދިއްޔާގައި އަލަށް އިފްތިތާހު ކުރި ޕްލެމެކަރޭ ސްޓޫޑިއޯސް ތެރޭގައި އޮންނަ 50 އަކަފޫޓަށް ވުރެ ބޮޑު ބިމެއްގަ އެވެ.
ޚިއްދިއްޔާ އިންވެސްޓްމަންޓް ކޮމްޕެނީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ސްޓޫޑިއޯގެ މަގުސަދަކީ ސައުދީ އަރަބިއްޔާއަކީ ލޯކަލް އަދި އިންޓަނޭޝަނަލް ފިލްމު އުފެއްދުމުގެ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމެވެ.
މި ފިލްމުގެ ޕްރިންސިޕަލް ފޮޓޯގްރަފީ 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި 200 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްރޫއުތަކުގެ ޝައުގުވެރިކަން ހޯދުމަށް ސައުދީ އަރަބިއްޔާއިން ދަނީ %40 ޕްރޮޑަކްޝަން ފަންޑެއް ހުށަހަޅަމުންނެވެ. މިހާރު ދެ ސައުންޑް ސްޓޭޖަކާއި ބޮޑު ބެކްލޮޓެއް އޮންނަ އެ ސްޓޫޑިއޯއިން ރާވާފައި ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އިތުރު ދެ ސައުންޑް ސްޓޭޖް އިތުރުކުރުމަށާއި ޕޯސްޓް ޕްރޮޑަކްޝަން، ވީއެފްއެކްސް އަދި މިއުޒިކް ފެސިލިޓީސް ވެސް އިތުރުކުރުމަށެވެ.
މި ބޮޑު މަޝްރޫއަކީ ސައުދީ އަރަބިއްޔާއިން 2030 ވަނަ އަހަރު 100 ފިލްމު ޕްރޮޑިއުސްކުރުމާއި، މެދުއިރުމައްޗަކީ ފިލްމު އުފެއްދުމުގެ ދުނިޔޭގެ މަރުކަޒެއްގެ ގޮތުގައި ގާއިމްކުރުމުގެ ތަސައްވުރަށް ވާސިލުވުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
