26ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް އަދި 16ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލްގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

2026ވަނަ އަހަރުގެ މެއި މަހުގެ 02 ން 15 އަށް ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ”26 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް“ އަދި އެ ޤައުމުގެ އަންޓާލިޔާގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 08 ން 19އަށް ބޭއްވުމަށް ހަމަޖެހިފައިވާ ”16 ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް“ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު އޮތްކަން ހާމަކޮށްފައިވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން މިއަދު އާއްމުކުރި އިއުލާނެއްގައެވެ.

26ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ޚަރަދު ޓްރެބްޒޮން ސްޓޭޓް ތިއޭޓަރ އިން ހަމަޖައްސަވައިދޭނެއެވެ.

16ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ހުރުމާއި ހެނދުނުގެ ކެއުން އަންޓާލިޔާގެ ސްޓޭޓް ތިއޭޓަރއިން ހަމަޖައްސަވައިދޭނެއެވެ. އަދި ހުންނަ ކޮންމެ ދުވަހެއްގެ މެންދުރު އަދި  ރޭގަނޑުގެ ކެއުމަށް ކޮންމެ މެމްބަރަކަށް 25 ޑޮލަރަށްވާ ވަރަށް ޓާރކިޝް ލިރާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންސީއޭއިން ބުނެއެވެ.

26ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 5 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އެންސީއޭގެ މެއިލް އެޑްރެސް [email protected]  އަށް އެޕްލިކޭޝަން ފޯމު ހުށައަޅަން ޖެހެއެވެ.

16ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، އެންސީއޭގެ މެއިލް އެޑްރެސް [email protected]  އަށް މެއިލްކުރުމަށް އެންސީއޭއިން އެދެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، އެންސީއޭގެ ނަންބަރު 3336868 އާއި ގުޅުމަށް އެންސީއޭއިން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.