ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހުކުރު ދުވަހު ކަހްފް ސޫރަތް ކިޔުމުގެ މުހިންމުކަން

ހުކުރު ދުވަހަކީ މުސްލިމުންގެ ގާތުގައި ހަފުތާގެ އެންމެ މާތް އަދި ބަރަކާތްތެރި ދުވަހެވެ. މި ދުވަހުގެ މާތްކަން އިތުރުވެގެންދާ އެންމެ މުހިންމު އެއް ސަބަބަކީ އެ ދުވަހު އަދާކުރަންޖެހޭ އަޅުކަންތަކާއި، ސުންނަތުން ސާބިތުވާ މުހިންމު ކަންތައްތަކެވެ. އޭގެ ތެރެއިން ވެސް ކަހްފް ސޫރަތް ކިޔެވުމަކީ ވަރަށް ގިނަ ސަވާބާއި ދަރުމަ ލިބޭނެ ކަމެއްގެ ގޮތުގައި ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކޮށްދެއްވާފައެވެ.

ހުކުރު ދުވަހު ކަހްފް ސޫރަތް ކިޔަވަންވީ އެންމެ ބޮޑު އެއް ސަބަބަކީ އެކަމުގެ ސަބަބުން މީހާގެ ދިރިއުޅުމަށް ލިބޭ ނޫރެވެ. ރަސޫލާ ﷺ ހަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” މިއީ އެމީހެއްގެ ހިތާއި ދިރިއުޅުމަށް ލިބޭ ހިދާޔަތަކާއި، ފާފަތަކުން ދުރުހެލިވުމަށް ލިބޭ ބާރެކެވެ.

މީގެ އިތުރުން، މި ސޫރަތަކީ ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް އޮތް ވަރުގަދަ އައްޑަނައެކެވެ. ކަހްފް ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހަކު، ދައްޖާލުގެ ފިތުނައިން ރައްކާތެރިކުރައްވާނެ ކަމަށް މާތް ނަބިއްޔާ ﷺ ވަނީ އަންގަވާފައެވެ. ދައްޖާލުގެ ފިތުނައަކީ ދުނިޔޭގައި ފާޅުވާނެ އެންމެ ބޮޑު ފިތުނަ ކަމަށްވާއިރު، އެކަމުން ސަލާމަތްވުމަށްޓަކައި މި ސޫރަތަށް އަހުލުވެރިވުމަކީ ކޮންމެ މުސްލިމަކަށްމެ މުހިންމު ކަމެކެވެ.

ކަހްފް ސޫރަތުގައި ހިމެނޭ ވާހަކަތަކުން ވެސް މީހާގެ އީމާންތެރިކަމަށް ބޮޑެތި ފިލާވަޅުތަކެއް ލިބިގެންދެއެވެ. މި ސޫރަތުގައި ހަތަރު މުހިންމު ވާހަކައެއް ހިމެނެއެވެ. އެއީ އީމާންތެރިކަމުގެ އިމްތިހާނު (ކަހްފު ބާގައިގެ މީހުން)، މުދަލުގެ އިމްތިހާނު (ބަގީޗާގެ ވެރިޔާ)، އިލްމުގެ އިމްތިހާނު (މޫސާގެފާނާއި ޚިޟުރުގެފާނު)، އަދި ބާރުގެ އިމްތިހާނު (ޛުލްޤަރްނައިނި ރަސްގެފާނު) އެވެ. މި ވާހަކަތަކަކީ ދިރިއުޅުމުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކުން ސަލާމަތްވާނެ ގޮތް އުނގަންނައިދޭ ވާހަކަތަކެކެވެ.

ކޮންމެ ހުކުރު ދުވަހަކު ކަހްފް ސޫރަތް ކިޔެވުމަކީ ހަމައެކަނި އާދައަކަށް ހެދުމުގެ ބަދަލުގައި، އޭގެ މާނައާއި މެދު ވިސްނާ ފިކުރުކޮށް، އޭގައިވާ އިބުރަތްތަކުން ދިރިއުޅުން ބައްޓަންކުރަންވީ ސަބަބެކެވެ. އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބި، ދުނިޔޭގެ އެކި ފިތުނަތަކުން ސަލާމަތްވުމަށް އޮތް ބަރަކާތްތެރި މަގެކެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހުދް1 މަސް ކުރިން

ރަނގަޅު ލިޔުމެއް

Home
Menu
Search
Back to top