ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަރިންގެ މެދުގައި ތަފާތު ނުކުރޭ

ދަރިންނަކީ މާތްﷲ އިންސާނާއަށް ދެއްވާ އެންމެ ބޮޑު ނިޢުމަތެވެ. އެއީ މައިންބަފައިންނާ ހަވާލުކުރެވޭ އަމާނާތެކެވެ. މި އަމާނާތް ރައްކާތެރިކަމާއެކު ބަލަހައްޓައި، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މައިންބަފައިގެ މައްޗަށް އޮތް ދީނީ އަދި އިޖުތިމާޢީ ވާޖިބެކެވެ. މި ވާޖިބު އަދާކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ދަރިންގެ މެދުގައިވެސް ހަމަހަމަކަން ގާއިމުކުރުމާއި، އެއްވެސް ދަރިއަކު އަނެއް ދަރިއަކަށްވުރެ ތަފާތު ނުކުރުމެވެ.

އިސްލާމްދީނުގައި ދަރިންގެ މެދުގައި އަދުލުވެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުން މާތްﷲ އަށް ތަގުވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި އަދުލުވެރިވާށެވެ.” މި ބަސްފުޅުން އެނގިގެންދަނީ ދަރިންގެ މެދުގައި ތަފާތުކުރުމަކީ އިސްލާމީ ރިވެތި އުސޫލުތަކާ ޚިލާފު ކަމެއް ކަމެވެ. މާއްދީ ތަކެއްޗާއި، ހަދިޔާ ދިނުމުގައި އެކަންޏެއް ނޫނެވެ. ލޯތްބާއި އަޅާލުން ދިނުމުގައިވެސް ހަމަހަމަވާން ޖެހެއެވެ.

ދަރިންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ހިތްދައްޗެވެ. އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކަށް ބޮޑަށް އަޅާލާ ނުވަތަ ލޯބިދޭކަން އިހުސާސްވާނަމަ، އެކުދިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮންނަ ލޯބި ކުޑަވެ، ހަސަދަވެރިކަން އުފެދެއެވެ. މީގެ އިތުރުން، އެކަހެރިކޮށްލެވޭ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް މީގެ ނޭދެވޭ އަސަރުކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ. މިއީ މުޅި އާއިލާގެ ބަދަހިކަން ރޫޅިގެން ދިއުމަށް މެދުވެރިވާ ސަބަބެކެވެ.

ބައެއް މައިންބަފައިންނަށް ހީވެފައި އޮންނަނީ ކިޔެވުމަށް މޮޅު ކުއްޖާ ނުވަތަ ބަސްއަހާ ކުއްޖާއަށް ބޮޑަށް ސަމާލުކަން ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކާއި ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ. އެހެންކަމުން، އެކުދިންގެ މެދުގައި ތަފާތު ކުރުމުގެ ބަދަލުގައި، ކޮންމެ ކުއްޖެއްގެވެސް ހުރި ހުނަރުތައް ފާހަގަކޮށް، އެކުދިންނަށް ހިތްވަރު ދިނުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ.

އުފާވެރި ބަދަހި އާއިލާއެއް ބިނާކުރުމުގެ އަސާސަކީ ދަރިންގެ މެދުގައި އޮންނަ ހަމަހަމަކަމެވެ. ދަރިންނަށް ހަމަހަމައަށް ލޯތްބާއި އަޅާލުން ދިނުމަކީ އެކުދިންގެ މުސްތަގުބަލު ބާއްޖަވެރިވެ، މައިންބަފައިންނަށް ކިޔަމަންތެރި، މުޖުތަމައަށް ފައިދާހުރި ބަޔަކަށް އެކުދިން ވުމަށް އޮތް އެންމެ ކުރު މަގެވެ. އެހެންކަމުން، އެއްވެސް ދަރިއަކު ބާކީ ނުކޮށް، ހުރިހާ ދަރިންނަށްވެސް ހަމަހަމަ ފުރުސަތާއި ލޯބި ދިނުމަކީ ކޮންމެ މައިންބަފައެއްގެ އަޒުމަކަށް ހަދަން ޖެހެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top